މިފަހުން އިންޑިއާގެ ރިއަލިޓީ ޝޯއެއް ކަމަށްވާ ބެޓުލް އޮފް ބޭންޑްސްއިން މުޅި ރާއްޖެއަށް މަގުބޫލުވެފައިވާ ޓޫ އޮފް އަސް ބޭންޑުގެ ފުރަތަމަ އީދު ޝޯ މި އަތޮޅުގައި ބާއްވަން ނިންމައިފި އެވެ.
ޓޫ އޮފް އަސްއިން އިއުލާންކޮށްފައިވާ ގޮތުގައި ނޫނުގައި ޓޫ އޮފް އަސްގެ ދެ ޝޯއެއް ބާއްވާނެ އެވެ. އެގޮތުން:
· ޓޫ އޮފް އަސް އެންމެ ފުރަތަމަ ޝޯދޭނީ ކެނދިކުޅުދޫގައި މާދަމާ ރޭ؛ މި ޝޯ ދިވެހި ޗެނަލުން ވަގުތުން ބަލައިލެވޭނެ
· ދެވަނަ ޝޯ ބާއްވަނީ 8 ވަނަ ދުވަހުގެ ރޭ ވެލިދޫގައި
"ބޮއްކުރާ ތަކަށް އަރައިގެން ވިޔަސް، ހަމަ އެރުނު އެއްޗަކަށް އަރައިގެން މި ޝޯތައް ބަލައިލަން އަންނަންވީ މި ރަށްތަކަށް. މަޖާކޮށްލާ ނަށާލާ ހަދާލަން އަންނަން ދައުވަތު ދެން،" ޓޫ އޮފް އަސްގެ ލީޑް ވޯކަލިސްޓް އަހުމަދު އަދުހަމް ސޯޝަލް މީޑިއާއަށް ދޫކޮށްލި ވީޑިއޯ މެސެޖެއްގައި ބުންޏެވެ.
ޓޫ އޮފް އަސް މިހާރު ވަނީ ކެނދިކުޅުދޫއަށް އައިސްފަ އެވެ. ރަށެއްގައި މި އީދަށް ތައްޔާރުކުރާ އެންމެ ބޮޑު ސްޓޭޖް އިވެންޓް މޯލްޑިވްސްއިން ތައްޔާރުކޮށްފައި ވަނީ ޓޫ އޮފް އަސްގެ ފުރަތަމަ އީދު ޝޯއަށް ކެނދިކުޅުދޫގަ އެވެ.