ކޮންމެ އީދަކާ ދިމާކޮށް ރާއްޖޭގެ އެކި ރަށްރަށް ގޮސް އެ ރަށްތަކުގެ ރީތިކަމާއި ސަގާފީ ކުޅިވަރުތަކުގެ މަންޒަރުތައް އާންމުންނަށް ގެނެސްދެނީ ސޯޝަލް މީޑިއާގެ ހަރަކާތްތެރިޔާ، ޝަމްއޫން ޖަލީލް (ލޫކަސް ޖަލީލް) އެވެ. ރާއްޖޭގެ ތާރީހާއި ސަގާފަތް ދިރާސާކުރައްވައި އަދި ތަފާތު ލިޔުންތައް ވެސް ލިޔަމުން އަންނަ ލޫކަސް ޖަލީލުގެ ލެންސުން ގެނެސްދޭ ރަށްރަށުގެ މަންޒަރުތަކަށް ގިނަ ބައެއްގެ ސަމާލުކަން ދަމައިގަނެ އެވެ. މިދިޔަ އަހަރު ބ. ކަމަދޫ އެވެ.
މިފަހަރުގެ އީދުގައި ލޫކަސް އައިސް މިހުރީ މި އަތޮޅުގަ އެވެ. އޭނާ އެ ގެންދަނީ މި ނަލަ ނޫނުގެ މަންޒަރުތައް ނަގައި ދުނިޔެއަށް ފޮނުވަމުންނެވެ. މި އަތޮޅުގެ އެކި ރަށްރަށުގައި އީދަށް ކުޅޭ ސަގާފީ ކުޅިވަރުތަކެވެ. އެ މީހުންގެ ހުނަރުވެރިކަމެވެ. ރަށްރަށުގެ ގުދުރަތީ ރީތިކަމެވެ.
"ނ. އަތޮޅުން އަވަހަށް ފޭބޭނެހެން ހީ ނުވޭ،" ލޫކަސް އޭނާގެ ރަސްމީ ފޭސްބުކް އެކައުންޓުގައި މިއަދު ލިޔެފައިވެ އެވެ.
ލޫކަސް އީދަށް އައިސް މި ހުރީ މި އަތޮޅުގައި 'ދަ މެންގުރޫވް އައިލެންޑު'ގެ ނަމުން މަޝްހޫރުވެފައިވާ ގުދުރަތީ ގޮތުން އެންމެ މުއްސަނދި ކެނދިކުޅުދޫގަ އެވެ.
އެ ރަށުގައި އީދު ރޯޅީގެ ނަމުގައި ކުޅޭ ގިނަ އީދުގެ ހަރަކާތްތައް އޭނާ އަންނަނީ ސޯޝަލް މީޑިއާއަށް ދޫކުރަމުންނެވެ. ދެލިމާލީގެ ޕްލޭއެއް ނުވަތަ ތަމްސީލެއް ކަމަށްވާ، ނަމުރު ކުޅުމާއި، ސަގާފީ ނެށުންތަކާއި ކުރު ފަލިނެގުމާއި މިހެން ގޮސް އީދު ސްޓޭޖް ޝޯގެ ކުރު ވީޑިއޯތައް ވެސް އޭނާ އަންނަނީ ސޯޝަލް މީޑިއާއަށް ދޫކުރަމުންނެވެ.
އޭނާގެ ފޮލޯވަރުންނަށް ހިއްސާކުރި، މިހާރު ރާއްޖެއިން އުވިގެން ގޮސްފައިވާ، 'ޖަހާދޯނި'ގެ ސަގާފަތް އަސްލަކަށް ބަލައިގެން ކެނދިކުޅުދޫގައި ބޭއްވި 'ކަނޑޫއޮޑި' މުބާރާތަށް ވެސް ގިނަ ބައެއްގެ ޝައުގުވެރިކަން ވަނީ ދަމައިގެންފަ އެވެ. އެ ވާހަކަ މުޅި ރާއްޖެއަށް ފުރަތަމަ ބުނެދިން އެކަކީ ލޫކަސް އެވެ. އެއާ އެކު އެތައް ބައެއްގެ ތައުރީފް އެ އަންނަނީ ކެނދިކުޅުދޫއަށް އޮހެމުންނެވެ.
"އީދަށް ކެނދިކުޅުދޫ ކަހަލަ ރީތި ރަށަކަށް އާދެވުނީމާ ވަރަށް އުފާވޭ. މިއީ ރާއްޖޭގެ އެންމެ ގުދުރަތީ ހިތްގައިމު އެއް ރަށް. އެންމެ ރީތި ކަނޑޫފާތައް، ކުޅިތަކާ ރަށުގެ މީހުން އެންމެ ހިތްހެޔޮ އެއް ރަށް. އީދު ފޯރިގަދަ އެއް ރަށް ރާއްޖޭގެ،" ކެނދިކުޅުދޫ ކުޅީގައި އުނދޯލި ހެއްލާލަމުން އިދެ އޭނާގެ ފޮލޯވަރުންނަށް އީދުގެ ތަހުނިޔާ ފޮނުވަމުން ލޫކަސް ބުނެފައިވެ އެވެ.
އިއްޔެ ހަވީރު ލޫކަސް ވަނީ މި އަތޮޅު މާޅެންދޫއަށް ވެސް ޒިޔާރަތްކޮށްފަ އެވެ. އެ ރަށަށް ގޮސް، ލޫކަސް ވައްޓާލި އެ ރަށުގެ ރީތިކަން ފެންނަ ވީޑިއޯކޮޅާ އެކު އޭނާ އެ ރަށް ސިފަކޮށްފައި ވަނީ ހިތްފަސޭހަ، އަމާން، ރީތި ރަށެއްގެ ގޮތުގަ އެވެ. އަދި ބުނެފައި ވަނީ އެއީ ހިތްހެޔޮ ބަޔަކު ދިރިއުޅޭ ރަށެއް ކަމަށެވެ.
"ނ. އަތޮޅުގެ އެންމެ ތަފާތު އެއް ރަށަކީ މާޅެންދޫ. އީދު ތެރޭ ނޫނަސް ޗުއްޓީއަށް ޖައްސާލަން މީ އަރާމު ރަށެއް. ކުރީގެ ރާއްޖެތެރޭގެ ހިތްފަސޭހަ ރަށެއްގެ ތަޖުރިބާކޮށްލަންޏާ މާޅެންދޫ އަކީ އެރަށް،" ވިޒިޓް މާޅެންދޫ ހޭޝްޓެކާ އެކު ހިތެއް ހިމަނާލަމުން އޭނާ ލިޔެފައިވެ އެވެ.
އެރަށުގައި ކުޅޭ ދެލިމާލީގެ ތަމްސީލެއް ކަމަށްވާ، ނަމުރުގެ ވާހަކަ ލޫކަސް ވަނީ ކިޔައިދީފަ އެވެ. އެ ވާހަކަތަކަށް ވެސް ގިނަ ބައެއްގެ ޝައުގުވެރިކަން ހުއްޓިފައިވެ އެވެ.
ލޫކަސް ސިފަކުރާ ގޮތުގައި އޭނާ ޗުއްޓީ ހޭދަކުރަމުން އަންނަ ކެނދިކުޅުދޫ އަކީ، ފިސާރި ނަލަ ރަށެކެވެ. އޭނާއަށް މިއީ ހިތްގައިމު ދުވަސްތަކެކެވެ. ހިތަށް ފިނިކަން ގެނުވާ ދުވަސްތަކެކެވެ.
"މިތާންގައި އިދެވިދާނެ މުޅި ދުވަހު ވެސް މިހެން،" ކެނދިކުޅުދޫ ކުޅީގައި ހަދާފައިވާ ގުދުރަތީ ޕާކްގައި އެލުވާލާފައިވާ އުދޯންޏެއް ހެއްލަމުން އިދެ ލޫކަސް ބުނެފައިވެ އެވެ. "މި ރަށުން ދާ ހިތެއް ނެތް."
ހަގީގަތުގައި ވެސް ލޫކަސްގެ ހިތް މި ނަލަ ނޫނަށް ދޫވެއްޖެ އެވެ.