މިފަހަރުގެ ބޮޑު އީދު ފާހަގަކުރަން މި އަތޮޅު ކެނދިކުޅުދޫއަށް އައި އެއް ބޭފުޅަކީ ހޯމް ލޭންޑް ސެކިއުރީޓި މިނިސްޓަރު ނުވަތަ ދާހިލީ ވަޒީރު އަލީ އިހުސާން އެވެ. އާއިލީ ބޭފުޅުންނާ އެކު އިހުސާން ކެނދިކުޅުދޫގައި ހޭދަކުރި އީދު ޗުއްޓީއަށް ފަހު ރަށުން ފުރުމުގެ ކުރިން އޭނާ ވަނީ އެ ރަށުގެ ކައުންސިލް ޕޭޖަށް ހާއްސަ ވީޑިއޯ މެސެޖެއް ދީފަ އެވެ.
"ކެނދިކުޅުދޫއަށް އަޅުގަނޑަށް ފުރަތަމަ ފަހަރަށް އަލަށް މި އާދެވުނީ. އަޅުގަނޑާއި އާއިލާ އާއި އެއްކޮށް އައި ރައްޓެހިންނަށް ބެހެއްޓެވި ގާތްގުޅުމަކީ އާއިލާއެއްގެ ކައިރިއަށް އައުމުން މިލިބޭ މެހެމާންދާރީ އަޅުގަނޑުމެންނަށް ފީލްވެގެން (އިހުސާސްވެގެން) ދިޔައީ. އެހާ ގާތްކޮށް ހުރިހާ ބޭފުޅުން ވެސް ދެކުނީ،" ބަނދަރުމަތީ ހުންނަވައި އިހުސާން ބުންޏެވެ.
ވަޒީރު ބުނި ގޮތުގައި އެ ރަށުގެ އެކި ގޭގޭން ވެސް ދައުވަތު ލިބުނު ނަމަވެސް ވަގުތު ނުވެގެން ހުރިހާ ގެއަކަށް ދެވޭ ގޮތެއް ނުވި އެވެ. އެހެން ނަމަވެސް ވަޒީރު އެކަން ސިފަކުރީ އެއީ އާއިލާއެކޭ އެއްފަދައިން އޭނާއާ މެދު އެ ރަށުގެ މީހުން ދެކުނު ދެކުމެއްގެ ގޮތުގަ އެވެ.
"އެހާ ގާތްކޮށް އާއިލާއެއްގެ ގޮތުގައި ދެކޭތީ އެ ދައުވަތުތައް އެ ލިބުނީ،" ކައުންސިލާއި ރަށުގެ ދުވަސްވީ މީހުންގެ ފަރާތުން ވެސް ބެހެއްޓެވި ގާތްކަން ފާހަގަކުރަމުން އިހުސާން ބުންޏެވެ.
ކެނދިކުޅުދޫގައި އީދު ފާހަގަކުރުމުގެ ތަޖުރިބާ ހިއްސާކުރަމުން އިހުސާން ބުނީ، "އީދުގައި އަތޮޅު ތެރޭ ރަށަކަށް އަންނަން މިއީ އެންމެ ރަނގަޅު އެއް ރަށް" ކަމަށެވެ. ސަބަބެއްގެ ގޮތުގައި ބުނީ ކެނދިކުޅުދޫގެ ހާއްސަ އީދު ކުޅިވަރުތަކެވެ. އަދި އެ ކުޅިވަރުތައް ކުޅުމުގައި ރާއްޖޭގެ ސަގާފަތާއި ތާރީހު ދިރުވަން އެ ރަށުގެ ރައްޔިތުން ދިން އިސްކަން ވަޒީރު ފާހަގަކުރި އެވެ.
"ތާރީހާއި ސަގާފަތް އިއާދަކުރާ ރަށެއްގެ ގޮތުގައި ފެނިގެން މިދިޔައީ. ރަށުގެ ނެޗުރަލް ބިއުޓީ (ގުދުރަތީ ރީތިކަމަށް) ބަލައިފި ނަމަވެސް ރައްޔިތުން އެކަން ދަމަހައްޓަން އެކަމައިގެން އުޅޭތަން އަޅުގަނޑަށް ފެނުނީ،" އިހުސާންގެ އީދު ޗުއްޓީގެ ތަޖުރިބާ ހިއްސާކުރި އެވެ.
'ސިޔާސީ ފިކުރުތަކާ އެކު ވެސް އެކުވެރި ރަށެއް'
އިހުސާންއަށް ކެނދިކުޅުދޫއިން ފާހަގަވި އެންމެ ހާއްސަ ކަމަކީ ތަފާތު ސިޔާސީ ފިކުރުތަކާ އެކުވެސް، އެއްވެސް ބަޔަކު ތަފާތު ކުރުމެއް ނެތި އެކުވެރި ކަމާއި އެއްބައިވަންތަކަމާ އެކު ދިރިއުޅުމެވެ. އަދި ރަށުގެ ކަންކަމުގައި ސިޔާސީ ފިކުރު އެއްފަރާތްކޮށް އެންމެން އެއްބައިވެ ބައިވެރިވިތަން ފެނުނު ކަމަށް ވެސް ބުންޏެވެ.
"ސިޔާސީ އެކި ފިކުރުތައް އޮތްކަން މި ރަށަކުން ނުދައްކާ، އެކުވެރިކަން ފެނުނީ، ރަނގަޅު ރައްޔިތެއް އެއްބައިވަންތަ ރައްޔިތެއް ފެނުނީ. އީދުގެ ކުޅިވަރުތަކުގައި ރަށު ރައްޔިތުން ނިކުމެ އެއްބައިވަންތަކަމާ އެކު ރަށެއްގައި އޮންނަން ޖެހޭ ރޫހު ފެނިގެން ދިޔަ،" އިހުސާން ބުންޏެވެ.
"މިއީ ވަރަށް މަދުން ނޫނީ ރާއްޖެ ތެރޭ ރަށަކުން އަޅުގަނޑަށް ފެނިފައިވާ ކަމެއް ނޫން."
ވަރަށް އުފާވެ ހުންނަވައި އިހުސާން ނިންމާލަމުން ބުނީ އަދިވެސް ފުރުސަތު ލިބިއްޖެ ނަމަ ކެނދިކުޅުދޫއަށް އަންނާނެ ކަމަށެވެ.