ވެލިދޫގައި އިޖުތިމާއީ ގޮތުން ހިދުމަތްތެރި ޒުވާނުންގެ ގުރޫޕެއް ކަމަށްވާ، ކުޑަކަންމަތީ ނިއު ޖެނެރޭޝަން (ކޭއެންޖީ) އިން މި އީދުގައި ވެލިދޫގައި ބޭއްވި ކަލާ ރަން ދުވުމުގައި ފަލަސްތީނުގެ ދިދަ ވިހުރުވާލައި، އެ ގައުމުގެ ރައްޔިތުންނާ އެކު ތިބިކަން ފާޅުކޮށްފި އެވެ. މިކަމަކީ މިވަގުތު ހިތްދަތި ހާލުގައި ޖެހިފައިވާ ފަލަސްތީނުގެ ރައްޔިތުންނަށް ވެލިދޫގެ ޒުވާނުންނާއި ރައްޔިތުން ތާއީދާއި ހަމްދަރުދީ ފާޅުކުރުމުގެ ގޮތުން ކުރި ފާހަގަކޮށްލެވޭ ކަމެކެވެ.
ޒުވާނުންގެ އިސްނެގުން
ކުޑަކަންމަތީ ނިއު ޖެނެރޭޝަންގެ ހިންގުންތެރި ވެރިންނާއި މެމްބަރުން މި ހަރަކާތް ރާވައި ހިންގުމުގައި ދައްކާފައިވަނީ ވަރަށް ރީތި ނަމޫނާއެކެވެ. ވެލިދޫގެ ކައުންސިލާއި ރައްޔިތުންގެ އެއްބާރުލުމާއެކު، ކަލަ ރަން ހަރަކާތް ވެފައި ވަނީ ވެލިދޫގެ އީދުގެ އެހެން ހަރަކާތްތަކެކޭ އެއްގޮތަށް ވަރަށް ކާމިޔާބު ކުލަގަދަ ހަރަކާތަކަށެވެ. މި ހަރަކާތްތަކަކީ ޒުވާނުން އަދި ހާއްސަކޮށް ރަށު ރައްޔިތުންގެ މެދުގައި އިޖްތިމާއީ އަދި އެއްބައިވަންތަ ކަމުގެ ރޫހު އާލާކުރުމަށް މުހިންމު ރޯލެއް އަދާކުރާ ހަރަކާތެކެވެ.
ވެލިދޫ ޒުވާނުން ފަލަސްތީނަށް ކުރާ ލޯބި ހާމަވެއްޖެ
ކަލަ ރަންގައި ފަލަސްތީނުގެ ދިދަ ވިހުރުވާލުން ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް ސިފަކުރެއްވީ މިއީ ދިވެހި ޒުވާނުންގެ ހިތްތަކުގައި އިންސާނިއްޔަތަށް ޓަކައި އޮތް ލޯތްބާއި އޯގާތެރިކަން ދައްކުވައިދޭ ކަމެއް ކަމަށެވެ.
"ވެލިދޫގައި ބޭއްވި ކަލަ ރަންގައި ފަަސްތީނުގެ ދިދަ ވިހުރެމުން ދިޔުމަކީ ހިތްދަތި ހާލުގައި ޖެހިފައިވާ ފަލަސްތީނުގެ ރައްޔިތުންއާ މެދު ވެލިދޫ ޒުވާނުން އަދި ރައްޔިތުންގެ ހިތުގައި އޮތް ލޯތްބި ދައްކުވައިދިން ވަރަށް އުފާވެރި މަންޒަރެއް. ޝުކުރިއްޔާ ކޭއެންޖީގެ ހިންގުންތެރި ވެރިން، ކޭއިންޖީގެ މެންބަރުން އަދި ވެލިދޫގެ ލޮބުވެތި ރައްޔިތުން،" އައްބާސް ފޭސްބުކުގައި ލިޔުނެވެ.
މި ހަރަކާތުގެ ތެރެއިން މި ފޮނުވާލެވުނީ ސާފް މެސެޖެކެވެ. އެ ވިހުރުވާލި ފަލަސްތީނުގެ ދިދައިން އެ ދައްކުވައިދެނީ ދުނިޔޭގެ ކޮންމެ ހިސާބެއްގައި ވިޔަސް އިންސާނީ ހައްގުތައް ގެއްލި، އަނިޔާ ލިބެމުންދާ މީހުންނަށް އެހީތެރިވެ، އެމީހުންނާ އެކު ތިބުމުގެ މުހިންމުކަމެވެ. ވެލިދޫގެ ޒުވާނުންނާއި ރައްޔިތުން މި ދައްކާލީ ވަރަށް މަތިވެރި ނަމޫނާއެކެވެ.