ހެނބަދޫ ކައިރީގައި އޮންނަ ފަޅު ރަށެއް ކަމަށްވާ ކަފަކޮމަންޑޫގައި އިގްތިސާދީ މަންފާ ލިބޭނޭ ސިނާއީ މަސައްކަތްތައް ގުޅިގެން ކުރިއަށް ގެންދިއުމަށް ކެނދިކުޅުދޫ ކައުންސިލާއި ހެނބަދޫ ކައުންސިލިން މަޝްވަރާކޮށްފި އެވެ.

އެ މަޝްވަރާތައް ކުރިއަށް ގެންގޮސްފައި ވަނީ ކެނދިކުޅުދޫ ކައުންސިލްގެ މެންބަރުންނާއި ހެނބަދޫ ކައުންސިލުންގެ މެންބަރުން މިއަދު ބޭއްވި ބައްދަލުކުރެއްވުމުގަ އެވެ. 

ކެނދިކުޅުދޫ، ހެނބަދޫ ކައުންސިލުން މިއަދު ބޭއްވި ބައްދަލުވުން (ފޮޓޯ/ލޫކަސް ޖަލީލް)

ކެނދިކުޅުދޫ ކައުންސިލާއި ހެނބަދޫ ކައުންސިލްގެ މަޝްވަރާ ބައްދަލުވުމުގައި ދެ ރަށުގެ ރައްޔިތުންނަށް ފައިދާވާނެ ގޮތަށް އެއްބާރުލުން ދެވިދާނެ ދާއިރާތަކާ ބެހޭގޮތުން ވަނީ މަޝްވަރާކޮށްފަ އެވެ. އެގޮތުން މަޝްވަރާކުރި މުހިންމު ކަންކަމަކީ:

  • ދެ ރަށުގެ ދެމެދުގައި ދަތުރުފަތުރުގެ ހިދުމަތް ފެށުން؛ މިއީ ކައިރި ކައިރީގައި އޮންނަ ދެ ރަށް
  • ކަފަކޮމަންޑޫގައި އިންވެސްޓްމަންޓްތަކާއި ސިނާއީ ތަރައްގީއަށް ގުޅިގެން މަސައްކަތްކުރުން
ކެނދިކުޅުދޫ، ހެނބަދޫ ކައުންސިލުން މިއަދު ބޭއްވި ބައްދަލުވުމަށް ފަހު ދެ ކައުންސިލްގެ ބޭފުޅުން (ފޮޓޯ/ލޫކަސް ޖަލީލް)

8 ހެކްޓަރުގެ ބޮޑުމިނުގެ ރަށެއްކަމުގައިވާ ކަފަކޮމަންޑޫގައި ގުޅިގެން މަސައްކަތްތަކެއް ކުރެވިއްޖެ ނަމަ ދެ ރަށުގެ އާންމުންނަށް ވެސް އިތުރު ވަޒީފާގެ ފުރުސަތުތަކާއި ވިޔަފާރީގެ ފުރުސަތުތައް ހުޅުވިގެންދާނެ ކަމަށް ދެ ކައުންސިލްގެ މެންބަރުން ވެސް ގަބޫލުކުރައްވަ އެވެ. 

ތަރައްގީއަށްޓަކައި ރަށްތައް ގުޅިގެން މަސައްކަތްކުރުމަކީ ރަނގަޅު ބަދަލެއްގެ ގޮތުގައި މި އަތޮޅުގެ ގިނަ ރައްޔިތުން ފާހަގަކުރެ އެވެ. ކައުންސިލްތައް ގުޅިގެން ކުރެވޭ މަސައްކަތްތަކުން އިގްތިސާދީ ދުވެލި އިތުރުވެ، ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިވެގެންދާނެ ކަމަށް އުއްމީދުކުރެވެ އެވެ.