ކެނދިކުޅުދޫ ކައުންސިލުން ސިޔާސީ ޕާޓީތަކަށް ބިން ކުއްޔަށް ދޫކުރަން ހުޅުވާލައިފި އެވެ.
އެގޮތުން ދޫކުރަން ހަމަޖެހިފައިވަނީ ޕޮކެޓް ޕާކާ އިންވެގެން ކަހަލަ ގޮތަކަށް މަސްވެރި ހިނގުމާއި ރިކާޒް ހިނގުން ގުޅޭ ކަންމަތިން ދެ ބިމެކެވެ.
ކައުންސިލުން މިދިޔަ ހޯމަ ދުވަހު ކުރި އިއުލާނެއްގައި ބުނީ:
- 1 ޖުލައި 11 ޖަހާއިރު، ކެދިމާލަމުގައި: ބިން ދޫކުރުމާ ގުޅޭ މައުލޫމާތު ދިނުމުގެ ބައްދަލުވުން
- 6 ޖުލައި 1 ޖަހާއިރު، ކެދިމާލަމުގައި: ބީލަން ހުށަހެޅުމާއި ހުޅުވުމުގެ ބައްދަލުވުން
ބިން ދޫކުރުމަށް ކަނޑައަޅާފައިވާ އުސޫލުގެ ދަށުން، ޕާޓީއަކަށް ދޫކުރާނީ 3،000 އަކަފޫޓަށްވުރެ ބޮޑުނުވާ އެއް ބިމެވެ. ބިމަށް ކުރިމަތިލެވޭނީ 10،000 މެންބަރުން ހަމަވާ އަދި ކެނދިކުޅުދޫ މީހުން ރަޖިސްޓްރީވެފައިވާ ޕާޓީތަކަށެވެ.
ބިމުގެ ކުލީގެ ގޮތުގައި މަހަކު އަކަފޫޓަކަށް 0.15ލ. ނަގަން ވަނީ ނިންމައިފަ އެވެ. ބިން ދޫކުރާނީ ގިނަވެގެން 35 އަހަރަށެވެ. އަދި ދޫކުރެވޭ ބިމުގައި 6 މަސްދުވަހުގެ ތެރޭގައި ހަރުގެ ހަދައި ހަރަކާތްތައް ހިންގަން ޖެހެ އެވެ.
ބިން ދޫކުރާނީ ބިމަށް އެދޭ ޕާޓީތަކުގެ ތެރެއިން ޕޮއިންޓް ދިނުމުގެ އުސޫލުން އެންމެ މަތިން މާސްކް ލިބޭ ޕާޓީތަކަށް ކަމަށް ވެސް ކައުންސިލުން ބުންޏެވެ. ޕޮއިންޓް ދިނުމުގައި ބަލާނެ މިންގަނޑުތަކަކީ:
- ޕާޓީގައި 10،000 މެންބަރުންނަށް ވުރެ އިތުރަށް ތިބި މެންބަރުންގެ އަދަދު
- ކެނދިކުޅުދޫއިން ރަޖިސްޓްރީވެފައިވާ މެންބަރުންގެ ނިސްބަތް
- ޕާޓީގެ އުމުރު
އެއް އަހަރު ވަންދެން ހަރަކާތެއް ނުހިންގައިފިނަމަ ނުވަތަ ޕާޓީގެ މެންބަރުންގެ އަދަދު 10،000 އަށްވުރެ ދަށްވެއްޖެނަމަ ބިން އަނބުރާ ކައުންސިލަށް ނެގޭނެކަމަށް ވެސް އުސޫލުގައި ބަޔާންކޮށްފައިވެ އެވެ.
އެ އުސޫލުގައިވާ ގޮތުން ޕާޓީތަކަށް ދޫކުރާ ބިމުގައި، ރާއްޖެއިން ދޭދޭ ގައުމުތަކާ އެކު ބާއްވާ ހާރިޖީ ގުޅުންތަކަށް އަސަރުކުރާނޭ ފަދަ އަދި ވަކި ގައުމަކާ މެދު ނަފުރަތު އުފެދޭ ފަދަ ހަރަކާތްތައް ހިންގުން މަނާވާނެ އެވެ. އަދި ރަށުގެ އާންމު މަސްލަހަތާއި އާންމުންނަށް އުނދަގޫވާނޭ ފަދަ ހަރަކާތްތައް ހިންގުމާއި އެއްވެސް ވަރަކަށް ވިޔަފާރީގެ ހަރަކާތްތައް ހިންގުން މަނަ އެވެ. އެހެން ފަރާތަކަށް ބިން ކުއްޔަށް ދީ ހެދުމަކީ ވެސް މަނާކަމެކެވެ.