މި އަތޮޅު ކެނދިކުޅުދޫގައި ފާހަގަކުރާ ބޮޑު އީދުގައި ފެން ކުޅި ކުޅުމާއި ކުލަ ޖެހުމުގައި ސަމާލުވާންޖެހޭ ކަންކަން ބަޔާންކޮށް އެ ރަށު ކައުންސިލުން ފެންކުޅި ކުޅުމާ ގުޅޭ އުސޫލެއް އާންމުކޮށްފި އެވެ.
އެ އުސޫލުގެ ދަށުން މީހުން ފަހައި ދުވެ ފެން ޖެހުމާއި ކުލަ ޖެހުން މަނާކޮށްފައިވެ އެވެ. ކެނދިކުޅުދޫ ކައުންސިލުން އިއްޔެ ގެޒެޓްކުރި އިއުލާނުގައި ބުނެފައިވަނީ:
- މި އުސޫލު އެކުލަވާލާފައިވަނީ ވޭތުވެދިޔަ އަހަރުތަކުގައި އީދުގެ ހަރަކާތްތައް ހިނގާފައިވާ ގޮތުގެ ތަޖުރިބާއަށް ބަލައިގެން
- އީދު ދުވަހާއި އެކަމަށް ހާއްސަ ކޮށްފައިވާ ވަގުތު ފިޔަވައި އެހެން ދުވަސްތަކުގައި ފެން ޖެހުމާއި ކުލަ ޖެހުން މަނާކޮށްފައިވޭ
- އިމާރާތްތަކާއި އާންމު ގެތަކާއި މުދަލަށް ފެނާއި ކުލަ ޖެހުން މަނާކޮށްފައިވޭ
- އަދި ފެނާއި ކުލަ ފިޔަވައި ތެޔޮ، ކަޅުތެޔޮ، ފިއްލެޔޮ، ދަވާދު ފަދަ މީހަކަށް އަނިޔާއެއް ވެދާނެ އެއްވެސް އެއްޗެއް ފެންކުޅި ކުޅުމުގައި ބޭނުންކުރުން ވެސް މަނާކޮށްފައިވޭ
- އެއްގަމު އުޅަނދުތަކުގައި ދުއްވާ މީހުންނާއި، އެހެން ރަށްރަށުން އަންނަ މެހުމާނުންގެ ގަޔަށް ފެން ނުޖެހުމަށް އެދިފައިވޭ
މީގެ އިތުރަށް ކުޑަކުދިންނާއި އަންހެނުންގެ ގަޔަށް ފެން ޖެހުމުގައި އެމީހުންގެ ރައްކާތެރިކަމަށް ސަމާލުކަން ދިނުމަށް އަންގާފައިވެ އެވެ. އެ ކައުންސިލުން ވަނީ ބޮޑު އީދުގެ ހަރަކާތްތައް ވީހާ ވެސް އޮމާންކަމާއި އެކުވެރިކަމާ އެކު ކުރިއަށް ގެންދިއުމަށް ރައްޔިތުންގެ ކިބައިން އެދިފަ އެވެ.
މީގެ ކުރީގެ އީދުތަކުގައި ފެންކުޅި ކުޅުމުގެ ތެރޭގައި އެކި ރަށްރަށުގައި އެކި ހާދިސާތައް ހިނގާފައިވެ އެވެ.