މި އަތޮޅު މާފަރު އިންޓަނޭޝަނަލް އެއާޕޯޓަކީ ސަރަހައްދީ ތަރައްގީގެ ފުރިހަމަ ލާމަސީލު މިސާލެއް ކަމަށް ރާއްޖެ އަންނަ ގިނަ އެއާލައިންތަކެއްގެ އެޖެންޓުކަން ކުރާ އިނާ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓާ މުހައްމަދު ފިރާގު ވިދާޅުވެއްޖެ އެވެ.

ފިރާގު ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައި ވަނީ މާފަރު އެއާޕޯޓަކީ ގައުމުގެ ދުރު މުސްތަގުބަލުގެ އިގްތިސާދީ ލަނޑުދަނޑިތައް ހާސިލުކުރުމަށާއި ސަރަހައްދީ ތަރައްގީ އާއި ގުޅުންތައް ވަރުގަދަކުރުމަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ ހަގީގީ ތަރައްގީގެ މަޝްރޫއެއް ކަމަށެވެ.

"މިފަދަ މަޝްރޫއުތަކުން ހަގީގީ މަންފާތަކެއް ލިބިގެންދޭ. ވަޒީފާގެ ފުރުސަތުތައް އުފެދި، ފަތުރުވެރިކަން ކުރިއަރަން އެހީތެރިވެދޭ. އަދި ވިޔަފާރިތަކަށް އާ ފުރުސަތުތަކެއް ހުޅުވޭ،" ފިރާގު ވިދާޅުވި އެވެ.

އިނާ މޯލްޑިވްސްއަކީ ރާއްޖެއަށް ޒިޔާރަތްކުރާ ގިނަ މުހިންމު އެއާލައިންތަކެއްގެ އެޖެންޓުކަން ކުރާ ކުންފުންޏެކެވެ.

މާފަރު އެއާޕޯޓަށް މިދިޔަ ޑިސެމްބަރު މަހު ގިނަ ޖެޓްތަކެއް ޖައްސާފައި (ފޮޓޯ/އައިލެންޑް އޭވިއޭޝަން)
ގައުމުގެ އިގްތިސާދަށް ބޮޑު ފައިދާއެއް މި މަޝްރޫގެ ސަބަބުން ކުރަނީ މިއީ ސިޔާސީ އެޖެންޑާއެއްގެ ދަށުން ކުރިއަށް ގެންދާ މަޝްރޫއަކަށް ނުވާތީފިރާގު، އިނަ-މޯލްޑިވްސްގެ އެމްޑީ

ފިރާގު އިތުރަށް ވިދާޅުވެފައިވަނީ ގައުމުގެ ކުރިއެރުމާއި ފާގަތިކަމަށް މަގުފަހިވާނޭ ގޮތަށް ރޭވުންތެރިކަމާއި ވިސްނުންތެރިކަމާ އެކު ހިންގާ ތަރައްގީގެ މަޝްރޫއުތަކަށް ވިޔަފާރިވެރިއެއްގެ ހައިސިއްޔަތުން ފުރިހަމައަށް ތާއީދުކުރާ ކަމަށެވެ. އަދި އެފަދަ މަޝްރޫއުތަކަށް ދެވެން އޮތް ފުރިހަމަ އެއްބާރުލުމެއް ދެއްވާނޭ ކަމަށް ވިދާޅުވި އެވެ. 

"މާފަރު އިންޓަނޭޝަނަލް އެއާޕޯޓަކީ ސަރަހައްދުގެ ދަތުރުފަތުރުގެ ނިޒާމަށް އާ ކުރިއެރުންތަކެއް ގެނެސްދީފައިވާ މަޝްރޫއެއް. މިއީ ސިޔާސީ އެޖެންޑާއެއްގެ ދަށުން ކުރިއަށް ގެންދާ މަޝްރޫއެއް ނޫން،" ފިރާގު ފާހަގަކުރާވާފައިވެ އެވެ. 

މިފަހުން މާފަރުގެ އެއާޕޯޓްގެ ރަންވޭ ބޮޑު ވައިޑް ބޮޑީ ބޯޓްތައް ޖައްސަން ވަނީ ޓެސްޓް ފްލައިޓެއް ބާއްވައިފަ އެވެ.

މާފަރަކީ މިހާރު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ފަހު އެންމެ ގިނައިން ޖެޓްތައް ޖައްސާ އެއާޕޯޓެވެ. މިދިޔަ ޓޫރިޒަމް ސީޒަން ޑިސެމްބަރު މަސް ތެރޭ އެ އެއާޕޯޓަށް 98 ޖެޓް ޖެއްސި އެވެ.