މި އަތޮޅު މާފަރު އިންޓަނޭޝަނަލް އެއާޕޯޓުގެ ތާރީހުގައި އާ ބާބެއް ލިޔެވިގެން ދިޔައީ އެމިރޭޓްސް އެއާލައިންގެ ބޮއިން 777 ބޯޓެއް އެ އެއާޕޯޓަށް ޖެއްސުމާ އެކު އެވެ. މިއީ މި އެއާޕޯޓަށް ޖެއްސި ފުރަތަމަ ވައިޑް ބޮޑީ އެއާކްރާފްޓެވެ.

ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވެސް ސިފަކުރެއްވި ގޮތުގައި މިއީ ރާއްޖޭގެ ވައިގެދަތުރުފަތުރުގެ ތާރީހުގައި އަނެއްކާ ވެސް ފާހަގަކޮށްލެވޭނޭ ކާމިޔާބީ އެކެވެ. އަތޮޅު ތެރޭގެ ރަށެއްގެ އެއާޕޯޓެއް ބޮޑެތި ބޯޓްތައް ޖެއްސޭ ފެންވަރަށް ތަރައްގީ ވެގެން ދިޔައީ އެވެ. 

މިއީ ކޮން ބޯޓެއް؟ 

ޑިސެމްބަރު 2019ގައި އަބޫދާބީ ފަންޑުގެ އެހީގައި ތަރައްގީކޮށް ހުޅުވި މާފަރު އެއާޕޯޓަކީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ފިޔަވައި ރާއްޖޭގައި އެންމެ ގިނައިން ޕްރައިވެޓް ޖެޓު ޖައްސާ އެއާޕޯޓެވެ. މިއަދު އެ އެއާޕޯޓަށް ޖެއްސި ބޮއިން 777 އަކީ އެ އެއާޕޯޓްގެ ރަންވޭ މިފަހުން ބޮޑުކުރުމަށް ފަހު، އެ ރަންވޭއަށް ވައިޑް ބޮޑީ ބޮޑެތި ބޯޓްތައް ޖެއްސުމަށް ސިވިލޭވިއޭޝަން އޮތޯރިޓީގެ ހުއްދަ ހޯދުމުގެ ގޮތުން ޖެއްސި ޓެސްޓް ފްލައިޓެކެވެ. 

ބޮއިން 777 ބޯޓް މާފަރު އެއާޕޯޓުގައި ފުރަތަމަ ފަހަރަށް ޖައްސާފައި

ޓެސްޓް ކާމިޔާބު؛ ދެން އޮތީ ބޮޑެތި ބޯޓް ޖެއްސުން

މި ޓެސްޓް ފްލައިޓް ޖައްސައިގެން މައިގަނޑު ގޮތެއްގައި ތިން ކަމެއް ބަލާފައިވާ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފައިވެ އެވެ. އެއީ: 

  • ރަންވޭގެ ކެޕޭސިޓީ ޓެސްޓުކުރުން
  • ގްރައުންޑް ހޭންޑްލިން ވަސީލަތްތައް ޓެސްޓްކުރުން
  • އަދި ނެވިގޭޝަނާއި އެއާ ޓްރެފިކް ކޮންޓްރޯލްގެ ކަންކަން ބެލި 

"މާފަރު އެއާޕޯޓް މިހާރު މި ވަނީ ބޮއިން-777 ބޯޓްތަކަށް އަދި އެއާބަސް-އޭ 350ގެ ބޯޓްތަކަށް ޖެއްސޭ ވަރަށް ތަރައްގީކޮށް ނިމި، އެވަރުގެ ބޯޓްތަކަށް މަރުހަބާ ކިޔޭ ވަރަށް ތައްޔާރުވެފައި،" އަމީން އެކްސްގައި ލިޔުއްވި އެވެ. 

އޭނާ އިތުރަށް ވިދާޅުވި ގޮތުގައި މާފަރު އެއާޕޯޓް ތަރައްގީ ކުރުމުގެ ދެވަނަ ފިޔަވަހި މިހާރު މި ވަނީ ނިމިފަ އެވެ. އެގޮތުން: 

  • 2.8 ކިލޯމީޓަރަށް ރަންވޭ ވަނީ ބޮޑުކޮށްފައި 
  • ޓެކްސީވޭ ވަނީ ފުޅާކޮށްފައި 
  • އޭޕްރޮން ވެސް ވަނީ އިތުރަށް ތަރައްގީކޮށްފައި 
މާފަރު އެއާޕޯޓް: މިއީ ވެލާނާ އެއާޕޯޓަށް ފަހު އެންމެ ގިނައިން ޖެޓްތައް ޖައްސާ އެއާޕޯޓް

މާފަރު އެއާޕޯޓް އުތުރުގެ މައި ހަބަކަށް

އައިލެންޑް އޭވިއޭޝަންގެ ދަށުން ހިންގާ މާފަރު އެއާޕޯޓްގެ ޓާމިނަލް އިތުރަށް ތަރައްގީކުރުމުގެ މަސައްކަތްކޮށްދޭނޭ ފަރާތެއް ހޯދުމަށް މިދިޔަ އެޕްރީލް މަހު ސަރުކާރުން ބައިނަލްއަގުވާމީ ޓެންޑަރަށް ހުޅުވާލި އެވެ.

މާފަރު އެއާޕޯޓަށް މި ގެންނަ ތަރައްގީތަކާ އެކު އެ އެެއާޕޯޓް ވާނީ ރާއްޖޭގެ އުތުރުގެ ވައިގެ ދަތުރުފަތުރުގެ މައި ހަބަކަށެވެ. 

މާފަރު

އިކޮނިމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވި ގޮތުގައި މާފަރު އެއާޕޯޓަށް ބޮޑެތި ބޯޓްތައް ޖެއްސޭ ގޮތް ވުމަކީ މުއްސަނދި ޓޫރިސްޓުން ރާއްޖެ އަންނަ އަދަދު އިތުރުކުރުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ. އަދި މާފަރު އެއާޕޯޓުގެ ތަރައްގީގެ ސަބަބުން އިގްތިސާދީ އާ ފުރުސަތުތައް ދިވެހިންނަށް ހުޅުވޭނޭކަން ވެސް ސައީދު ފާހަގަކުރެއްވި އެވެ. 

"މިއީ ރާއްޖޭގެ ވައިގެ ދަތުރުފަތުގެ ސިނާއަތަށް ވެސް ލިބުނު އިތުރު ކުރިއެރުމެއް،" ސައީދު ވިދާޅުވި އެވެ.