ބައެއް ކައުންސިލްތައް ސިޔާސީ ޕާޓީތަކުގެ ޖަގަހަތަކަށް ހަދާފައިވާ ކަމަށާއި މިފަހަރު ލާމަރުކަޒީ ގާނޫނަށް ގެންނަ އިސްލާހުތަކުން އެފަދަ ކަންކަން ހުއްޓުވަން ޖެހޭ ކަމަށް މަނަދޫ ދާއިރާގެ މެންބަރު ހުސްނީ މުބާރިކް ވިދާޅުވެއްޖެ އެވެ. 

އަތޮޅު ކައުންސިލްތައް އުވާލައި ރަށު ކައުންސިލަރުންގެ އަދަދަަށް ބަދަލުގެނައުމަށް ހިޔާލަކަށް ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ސުޖާއު ހުށަހެޅުއްވި ގަރާރަށް މިއަދު މަޖިލީހުގައި ވާހަކަދައްކަވަމުން މެންބަރު ހުސްނީ މުބާރިކް ބޮޑަށް ފާހަގަކުރެއްވީ މިދިޔަ 15 އަހަރު ތެރޭ ލާމަރުކަޒީ ގާނޫނަށް ގެނައި ބަދަލުތަކާއި އަދި އެ ނިޒާމް ހިނގަމުން އައި ގޮތުގެ ތަޖުރިބާއަށް ބަލައި ގާނޫނު އިސްލާހު ކުރާއިރު ގެންނަންވީ މުހިންމު ބަދަލުތަކަށެވެ. 

އޭނާ ވިދާޅުވި ގޮތުގައި ލާމަރުކަޒީ ގާނޫނަށް މިދިޔަ އަހަރުތަކުގައި އެކި ބަދަލުތައް ގެެނެސްފައިވާއިރު ކައުންސިލަރުން ތިބޭ އަދަދަށް ބޮޑެތި ބަދަލުތަކެއް ވަނީ އައިސްފަ އެވެ.

އޭނާ ވިދާޅުވީ އެ ނިޒާމް އެންމެ ފުރަތަމަ ތައާރަފްކުރިއިރު ކުދި އާބާދީތަކުގައި 5 ކައުންސިލަރުން އަދި ބޮޑެތި އާބާދީތަކުގައި 7 ކައުންސިލަރުން ތިބޭ ގޮތަށް އޮތް ނަމަވެސް، އެކަން ބަދަލުކޮށް ކުދި ރަށްރަށަށް 3 ކައުންސިލަރުން އަދި ބޮޑެތި ރަށްތަކަށް 5 ކައުންސިލަރުން ލާގޮތަށް ހަމަޖެއްސި ކަމަށެވެ. އެބަދަލު ގެނައީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގަ އެވެ. އެހެން ނަމަވެސް ސިޔާސީ ބޭނުމަށް އެކަން ބަދަލުކޮށް ކުރިން އޮތް ގޮތަށް ރުޖޫއަކުރިކަން އޭނާ ފާހަގަކުރެއްވި އެވެ. 

ސިޓީއެއްގެ ދަރަޖަ ދިނުމުގައި ބަލާ އާބާދީ ވެސް ކުޑަކޮށްފައިވާ ކަމަށް ހުސްނީ މުބާރިކް ފާހަގަކުރެއްވި އެވެ.  

"މި ބަދަލުތަކުން އަޅުގަނޑުމެންނަށް ނަތީޖާ ހާސިލްކުރެވޭތޯ... ވަރަށް ރަނގަަޅަށް މަސައްކަތް ކުރާ ކައުންސިލްތައް އެބަހުރި. އެހެން ނަމަވެސް، ހަމަ އެއްވެސް އުފެއްދުންތެރި މަސައްކަތެއް ނުކުރާ ކައުންސިލްތައް ހުރިކަން ވެސް ފާހަގަކޮށްލަން ޖެހޭ. ސިޔާސީ ފިކުރުގައި މަސައްކަތް ކުރާ ސިޔާސީ އޮއިވަރުގައި މަސައްކަތް ކުރާ ކައުންސިލްތައް އެބަހުރި،" މެންބަރު ވިދާޅުވި އެވެ. 

"ބްލޮކްގުރާންޓަށް ދައުލަތުގެ އާމްދަނީގެ %5 ދޭއިރު ދައުލަތުން ފޯރުކޮށްދޭ ހިދުމަތްތަކަށް ހުރަސް އަޅާ ކައުންސިލަރުން އެބަތިބި. ރަށްރަށުގައި ބެހެއްޓޭ އޭޓީއެމް ސާފުކޮށްލާން ބުނީމާ ތިމަންނަމެންގެ ބަޖެޓެއް ނެތް ކަމަށް ބުނެ އެކަމަށް އިންކާރު ކުރާ ކައުންސިލްތައް ފެންނަމުން ދާކަން މިއީ އަޅުގަނޑުމެން ހިތާމަކުރަން ޖެހޭ ކަމެއް." 

އެއަށް ފަހު ހުސްނީ މުބާރިކް ވިދާޅުވީ ބައެއް ކައުންސިލްތައް ސިޔާސީ ވެގެން ގޮސް އެތަންތަނުގެ ބޭރުގައި ލާ ކުލައަކީ ވަކި ޕާޓީއެއްގެ ކުލަ ކަމުގައި ހަދާ ކަމަށެވެ. އަދި ކައުންސިލްގެ ޔުނީފޯމު ވެސް  ވަކި ޕާޓީއެއްގެ ކުލައިގައި ހަދާފައި އެބަހުރި ކަމަށާއި މިއީ ގާނޫނު އިސްލާހުކުރާއިރު ހުއްޓުވަން ޖެހޭ ކަންކަން ކަމަށް އޭނާ ވިދާޅުވި އެވެ. ހުސްނީ މުބާރަކު ގޮވާލެއްވީ، ކައުންސިލްތަކަކީ ސިޔާސީ ޕާޓީގެ ޖަގަހަތަކުގެ ހެދުން ގާނޫނަށް ގެންނަ އިސްލާހުތަކުން ހުއްޓުވަން ޖެހޭ ކަމަށެވެ. 

"ގާނޫނުން ބަދަލު ގެންނަން އެބަ ޖެހޭ. އެއިރެއްގައި ވެރިކަން ކުރާ ޕާޓީ އެއީ ޕީޕީއެމް، އެމްޑީޕީ ކަމަށް ވިޔަސް [ކައުންސިލްތަކަކީ] އެއީ ޕާޓީ ތަމްސީލްކުރާ ތަންތަނަށް ވެގެން ނުވާނޭ ކަމަށް ގާނޫނުގައި އެބަ ޖެހޭ އިސްލާހުކުރާއިރު ލިޔަން. ރައްޔިތުންނަށް ހިދުމަތް ދޭ ތަންތަން އެއީ. އެއީ ސިޔާސީ ޖަގަހަތަކަށް ހެދިގެން ނުވާނެ،" ހުސްނީ މުބާރަކު ވިދާޅުވި އެވެ. 

މީގެ އިތުރަށް ގާނޫނަށް ބަދަލު ގެނެސް މަނާކުރަން ޖެހޭ ކަންތައްތަކުގެ ގޮތުގައި ހުސްނީ މުބާރަކު ވިދާޅުވީ: 

  • އިންތިހާބާ ދިމާކޮށް ބަޖެޓަށް ބުރަބޮޑުވާ ގޮތަށް އާ މަސައްކަތްތައް ކުރަން ފެށުން ކައުންސިލްތަކަށް މަނާކުރުން
  • އިންތިހާބުގެ މުއްދަތު ވަކިވަރަކަށް ކައިރިވުމުން އާ ވަޒީފާތައް އުފެއްދުން މަނާކުރުން
  • ކުރީގެ ކައުންސިލްތަކުން ކޮށްފައި ހުންނަ ކަންކަން އާ ކައުންސިލެއް އައިސް ބަދަލު ނުކުރެވޭނޭ ގޮތަށް ހަދަން 

އެކަން ގާނޫނުގައި މަނާނުވާތީ ކައުންސިލްތަކުން ނިންމާ އެފަދަ ނިންމުންތަކުގެ ސަބަބުން ބަޖެޓަށް ބުރަ ބޮޑުވާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އެފަދަ އިންތިހާބުތަކާ ދިމާކޮށް އެފަދަ ކަންކަން މަނާކުރަންވީ ހަމައެކަނި ކައުންސިލްތަކާ ގުޅުވާފައި ނޫންކަން ވެސް ހުސްނީ ފާހަގަކުރެއްވި އެވެ. 

ހުސްނީ މުބާރަކު ވަނީ ކޮންމެ ރަށު ކައުންސިލަކުން މެންބަރުން ހިމަނަގެން އަތޮޅު ކައުންސިލެއް އޮތުމަކީ އެންމެ ރަނގަޅު ގޮތްތޯ ވެސް ސުވާލު އުފައްދަވައިފަ އެވެ. އަދި އަތޮޅު ކައުންސިލްތަކާ ގުޅޭ ބަދަލު ގެންނައިރު އަތޮޅު ކައުންސިލްތައް މިހާރު އޮންނަ ގޮތުން ނަތީޖާ ނެރެވޭތޯ ވިސްނާލަން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.