ޒަމާނީ ފެންވަރުގެ ވަސީލަތްތަކާއެކު މި އަތޮޅު ކުޑަފަރީގައި ތަރައްގީކުރާ "ސަން ސިޔާމް ސްޕޯޓްސް ކޮމްޕްލެކްސް" ގެ އަމަލީ މަސައްކަތް ރަސްމީކޮށް ފަށައިފި އެވެ.
މި މަސައްކަތް ރަސްމީކޮށް ފަށައިދިނީ ކުޑަފަރިއަށް ނިސްބަތްވާ ސަން ސިޔާމް ރިސޯޓްސްގެ ފައުންޑާ، ޗެއާމަން އަދި މެނޭޖިން ޑައިރެކްޓާ އަހުމަދު ސިޔާމް މުހައްމަދެވެ.
އެރަށު ފުޓުބޯޅަ ދަނޑުގައި ހޮނިހިރު ދުވަހު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ވެލިދޫ ދާއިރާގެ މަޖިލިސް މެންބަރު މުހައްމަދު އައްބާސް އާއި ކުޑަފަރި ކައުންސިލުގެ ރައީސް އަހުމަދު މަހުފޫޒުގެ އިތުރުން ކައުންސިލް މެންބަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުން އަދި ގިނަ އަދަދެއްގެ ރައްޔިތުން ބައިވެރިވި އެވެ.
އެ ރަސްމިއްޔާތުގައި ކުޑަފަރީ ސްޕޯޓްސް އެކެޑަމީގެ ދަރިވަރުން ވަނީ އަހުމަދު ސިޔާމް މުހައްމަދު ރަށަށް ކޮށްދެއްވާ ހިދުމަތްތައް ފާހަގަކޮށް ހަނދާނީ ފިލައެއް ދީފަ އެވެ.
ޕްރޮޖެކްޓްގެ ތަފްސީލް
ސަން ސިޔާމް ސްޕޯޓްސް ކޮމްޕްލެކްސް އިމާރާތްކުރުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ސާއްބަ ކޮންސްޓްރަކްޝަންސްއާ އެވެ. މި މަޝްރޫއު ނިންމުމަށް އަމާޒު ހިފާފައިވަނީ އަންނަ ނޮވެމްބަރު މަހުގެ ނިޔަލަށެވެ. މިއީ މުޅި ސަރަޙައްދުގައި ވެސް ގާއިމުކުރެވޭނެ މިފަދަ އެންމެ ފުރިހަމަ އެއް ސްޕޯޓްސް ކޮމްޕްލެކްސް އެވެ.
މި ކޮމްޕްލެކްސް ނިމޭއިރު ލިބެން ހުންނާނެ މުހިންމު ވަސީލަތްތަކުގެ ތެރޭގައި:
- ޒަމާނީ ފެންވަރުގެ ޗޭންޖިން ރޫމް
- ފުރިހަމައަށް ތަރައްގީކޮށްފައިވާ އިންޑޯ ޖިމް
- ކުޅުންތެރިންނަށް ހާއްސަ އައިސް ބާތު ފެސިލިޓީ
ރަށުގެ ކުޅިވަރަށް ބޮޑު ބަދަލެއް ގެނުވާނެ
ކުޑަފަރީ ކައުންސިލުގެ ރައީސް އަހުމަދު މަހްފޫޒް ބުނި ގޮތުގައި އެ އެކުވެނީގެ ސަބަބުން ކުޑަކުދިންނަށް އަމާޒުކޮށްގެން ހިންގާ ސްޕޯޓްސް އެކެޑަމީގެ ހަރަކާތްތަކަށާއި ރަށުގެ އެލްޑަލީ ކްލަބުގެ ހަރަކާތްތަކަށް ވަރަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާނެ އެވެ.
"އެންމެ ބޮޑު އަމާޒަކީ މި ކޮމްޕްލެކްސް ނިންމައި، މުޅި އަތޮޅަށް ހުޅުވާލައިގެން އަންނަ ޑިސެމްބަރު މަހު ކުޑަފަރީގައި ބޭއްވުމަށް ހަމަޖެހިފައިވާ 23 އަހަރުން ދަށުގެ މުބާރާތް މި ތަނުގައި ބޭއްވުން،" މަހުފޫޒު ބުންޏެވެ.
އެފަދަ ބޮޑު މަޝްރޫއެއް ރަށަށް ހަދިޔާކުރި ކަމަށްޓަކައި މުޅި ރައްޔިތުންގެ ނަމުގައި އަހުމަދު ސިޔާމް މުހައްމަދަށް އޭނާ ވަނީ ރަސްމިއްޔާތުގައި ޝުކުރު އަދާކޮށްފަ އެވެ.
ކުޑަފަރިއަކީ ކުޅިވަރުގެ ރޮނގުން ފާހަގަކޮށްލެވޭ ނަމޫނާ ރަށެކެވެ. ރަށުގައި އެކެޑަމީގެ ހަރަކާތްތައް ވަރަށް ފުޅާކޮށް ކުރިއަށްދާއިރު، މި ސްޕޯޓްސް ކޮމްޕްލެކްސްއަކީ ރަށުގެ ރައްޔިތުން ދެކެމުން އައި ވަރަށް ބޮޑު ހުވަފެނެކެވެ. މި ހުވަފެން ހަގީގަތަކަށް މިވަނީ ވިޔަފާރުވެރިޔާ ސިޔާމްގެ މޭސްތިރިކަމުގެ ދަށުންނެވެ. އޭނާ ވަނީ ކުޑަފަރީ އާއި މި އަތޮޅުގެ އެކި ރަށްތަކަށް އެކިއެކި އެހީތައް ވެދީފަ އެވެ.