ޖީއެމްސީއީ ނުވަތަ ޖެމްކިއުގެ ނަމުގައި ރާއްޖޭގައި މިފަހުން މަގުބޫލްކަން ހޯދާފައިވާ ޕިރަމިޑް ޓްރޭޑިން ސްކީމެއް ހިންގަނީ ނ. މިލަދޫއަށް ނިސްބަތްވާ ވިޔަފާރިވެރިއެއް ކަމަށްވާ އިބްރާހިމް އިރުޝާދު ކަމަށް ވަން އޮންލައިން ނޫހުން ތުހުމަތުކުރި ނަމަވެސް އެ ތުހުމަތުތައް އޭނާ ދޮގުކުރައްވައިފި އެވެ.

ޖެމްކިއު ރާއްޖޭގައި ހިންގަނީ އިރުޝާދު ކަމަށް ބުނެ 'ވަން އޮންލައިން'ގައި މިއަދު ކޮށްފައިވާ ތުހުމަތުތަކަކާ ގުޅިގެން 'ނޫނު ނިއުސް'އިން އިރުޝާދުއާ ސުވާލުކުރުމުން އޭނާ މިއަދު ވިދާޅުވީ 2018 ވަނަ އަހަރުން ފެށިގެން މާލެ އާއި ރަށުގައި އޭނާ ތަފާތު ވިޔަފާރިތައް ކުރަމުން އަންނަ ކަމަށާއި އޭނާއާ ޖެމްކިއުއާ ވެސް އަދި އެއްވެސް އެހެން ޓްރޭޑިން ޕްލެޓްފޯމަކާ ގުޅުމެއް ނެތް ކަމަށެވެ.

"މިއީ ސީދާ އަޅުގަނޑާއި ވިޔަފާރިތަކުގެ އަބުރު ކަތިލައި އަގު ވައްޓާލަން ވެގެން ފަތުރާފައި އޮތް ކަނޑައެޅިގެން ދޮގު ހަބަރެއް އެއީ އަޅުގަނޑަކީ ޓްރޭޑްކުރާ މީހެއް ނޫން. ޖެމްކިއުއާ ވެސް އެހެން ޓްރޭޑަކާ ވެސް އަޅުގަނޑާ އެއްވެސް ގުޅުމެއް ނެތް. ކަނޑައެޅިގެން ދޮގު މިއީ،" އިރުޝާދު ވިދާޅުވި އެވެ.

އޭނާގެ މައްޗަށް ދޮގު ތުހުމަތުތަކެއް ކޮށްފައި ވާތީ، ހަބަރު ފެތުރި 'ވަން އޮންލައިން' ނޫސް ގޮވައިގެން އެ މައްސަލައިގައި ކޯޓަށް ދާން އޭނާ ވަނީ މިހާރު ނިންމައިފަ އެވެ.

"ކޯޓަށް އަޅުގަނޑު ދާނަން. މިއަދު މައްސަލަ ވައްދާނަން. ހަގީގަތް ނުބަލާ އަޅުގަނޑުގެ ނަން އެ އޮތީ ބޭނުންކޮށްފައި. ވިޔަފާރިތައް ބަދުނާމުކޮށްފައި. އަބުރުގެއްލުވާލާފައި ވާތީ ބަދަލު ހޯދަން މި ދަނީ ކޯޓަށް،" އިރުޝާދު ވިދާޅުވި އެވެ.

އޭނާގެ ވިޔަފާރިއަކީ ސަން ބްރަދާ އެވެ. އެއީ ސޯލް ޕްރޮޕްރެއިޓާ ޝިޕެކެވެ. ޖީއެމްސީއީގެ ނަމުގައި މިއަހަރުގެ ތެރޭ އޭނާ ވަނީ ސަން ބްރަދާގެ ދަށުން ވިޔަފާރި ނަމެއް އިކޮނޮމިކް މިނިސްޓްރީގައި ރަޖިސްޓްރީކޮށްފަ އެވެ.

އިރުޝާދު ވިދާޅުވީ އެ ނަން އޭނާ ރަޖިސްޓްރީ ކުރީ އެއީ ވަރަށް މަގުބޫލު ނަމަކަށް ވަމުން އަންނާތީ އެވެ. އެހެންވެ، ސަންބުރަދާ ގެ ދަށުން 'ޖީއެމްސީއީ' ކިޔާ ފިހާރައެއް މިލަދޫގައި ހުޅުވަން ނިންމައި އެ ފިހާރައިގެ މަސަތްކަތް ކުރަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އާންމުންގެ މެދުގައި މަގުބޫލު ނަމެއްވީމާ އަޅުގަނޑު ނެގީ. ބަޔަކު ނެގުމުގެ ކުރިން ނެގީ. މިހާތަނަށް އެނަމުގައި އެއްވެސް ވިޔަފާރީގެ ހަރަކާތެއް ހިންގާފައެއް ނީންނާނެ،" ޖީއެމްސީއީ ނަން އޭނާ ނެގި ސަބަބާ ގުޅޭ ގޮތުން އިރުޝާދު ވިދާޅުވި އެވެ. ސަންބުރަދާގެ ދަށުން އޭނާ އެތައް ވިޔަފާރި ނަމެއް މީގެ ކުރިން ވެސް ރަޖިސްޓްރީކޮށްފައިވެ އެވެ. 

އިރުޝާދު ވިދާޅުވީ އޭނާ އަކީ މާލޭގައި ވެސް އެތައް ވިޔަފާރިއެއްކުުރާ ތަފާތު ތިން ފިހާރައެއް ހިންގަމުން އަންނަ މީހެއް ކަމަށެވެ. އަދި މިލަދޫގެ އުމްރާނީ ތަރައްގީގެ ގިނަ މަޝްރޫއުތައް ކޮންޓްރެކްޓް އުސޫލުން ނަގައިގެން ކުރަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އިމާރާތްތަކުގެ އެލްމިނިއަމްގެ މަސައްކަތް ވެސް އޭނާ ކުރެ އެވެ.

"މިލަދޫގެ %90 މަޝްރޫއުތަކުގެ މަސައްކަތްތައް އަޅުގަނޑު ކޮންޓުރެކްޓަށް ނަގައިގެން މި ކުރަނީ. މިފަހުން ކުރަން ފެށި ކަމެއް ވެސް ނޫން އެއީ،" އިރުޝާދު ވިދާޅުވި އެވެ.

މިލަދޫގެ ހެލްތް ސެންޓަރު ބޮޑުކުރުމުގެ މަޝްރޫއުގައި ސަންބުރަދާއާ އެކު ސޮއިކުރި ރަސްމިއްޔާތުގައި އިރުޝާދު (ވ)

އެކި ދުވަސްވަރު މަތިން ސަރުކާރުން މިލަދޫގައި ހިންގި އެކި މަޝްރޫއުތައް ބިޑަށް ލައިގެން އިރުޝާދުގެ ކުންފުނި، ސަންބުރަދާއިން ކާމިޔާބުކޮށް އޭނާއާ ހަވާލުކުރި ކަމުގެ ފޮޓޯތައް ސަރުކާރުގެ އެކި މިނިސްޓްރީތަކުގެ ފޭސްބުކް ޕޭޖާއި ކައުންސިލްގެ ފޭސްބުކް ޕޭޖުން ފެންނަން އެބަ ހުއްޓެވެ.

މިލަދޫގެ ފުޓްސަލް ދަނޑުހަދަން ސަންބުރަދާއާ އެކު ސޮއިކުރި ރަސްމިއްޔާތުގައި އިރުޝާދު (ވ) އޭރުގެ ސްޕޯޓްސް މިނިސްޓަރު މަހުލޫފާ އެކު އެގްރިމަންޓުގައި ސޮއިކުރަނީ

މިފަހަރު އީދުގައި މިލަދޫގައި ހަވާ އެރުވީ ވެސް ސަން ބްރަދާގެ މާލީ އެހީގަ އެވެ. އެއީ ޖެމްކިއުއާ ގުޅުމެއް އޮތް ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ. އިރުޝާދު ވިދާޅުވީ މިލަދޫގެ އިޖުތިމާއީ ކަންކަމަށް ހާއްސަކޮށް ޒުވާނުންނާއި ގުޅޭ ކުޅިވަރުތަކަށް އޭނާ އަބަދު ވެސް ސްޕޮންސަޝިޕްދީ ހަދާ ކަމަށެވެ.

ވޭތުވެ ދިޔަ ދެއަހަރު ގޯލްޑަން ފުޓްސަލް ޗެލެންޖުގައި ބައިވެރިވި މިލަދޫ ފުޓްސަލް ޓީމަށް ވެސް މާލީގޮތުން ބޮޑެތި ހަރަދުތަކެއް ކޮށްދީފައިވާނެކަމަށް ވެސް އިރުޝާދު ވިދާޅުވި އެވެ. އަދި މިފަހަރު މިލަދޫގައި އީދަށް ހަވާ އެރުވުމުގެ އިތުރަށް އެެހެން ވެސް ބައެއް ހަރަކާތްތަކަށް އޭނާ ހޭދަކުރި ކަމަށް ވިދާޅުވި އެވެ.

އިރުޝާދު (ވ)ގެ ކުންފުނިން ފުޓްސެލް މުބާރާތް ސްޕޮންސަކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ފަހު

އޭނާ ސްޕޮންސަޝިޕް ދިނުމުން ޖެމްކިއު ޓްރޭޑިން ޕްލެޓްފޯމްގައި ބޭނުންކުރާ ލޯގޯ އޭނާގެ ވިޔަފާރި ކުންފުންޏާ ގުޅުވައި ކައުންސިލަށް ޖެހިފައި ވަނީ އޮޅުމަކުން ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑު ފޮނުވީ ނަމުގެ ރަޖިސްޓްރީ ސެޓްފިކެޓް ސަންބްރަދާ-ޖީއެމްސީއީ ޖަހާށޭ ކިޔާފައި. ދެން އެބޭފުޅުން [ޖެމްކިއު ޓްރޭޑިން ޕްލެޓްފޯމް]ގެ ލޯގޯ ޖެހީ. އެއީ އަޅުގަނޑާ ގުޅުންހުރި ލޯގޯއެއް ނޫން. ރަށުގައި ފިހާރައެއް ހުޅުވަން އުޅޭތީ އެ ނަން އަޅުގަނޑު ފޮނުވީ ވެސް،" އިރުޝާދު ވިދާޅުވި އެވެ.

"އެކަން އަޅުގަނޑުގެ ސަމާލުކަމަށް އައިސްގެން ކައުންސިލުން ސާފުކުރީމާ މި އެނގުނީ އޮޅުމަކުން ޑިޒައިންކުރިއިރު އެ ލޯގޯ ޖެހިފައި އޮތް ކަމަށް."

މިލަދޫގެ ފުޓްބޯޅަ މުބާރާތް ކުރިއަށް ގެންދަނީ އޭނާގެ ސްޕޮންސަޝިޕްގައި

އޭނާ ވިދާޅުވި ގޮތުގައި ނ. އަތޮޅުގައި ބާއްވާ އެންމެ ބޮޑު އެއް ފުޓްސަލް މުބާރާތް އެމްވައިއެމް-ފުޓްސެލް ޗެލެންޖު 2024 މިލަދޫގައި ބޭއްވީ ވެސް އޭނާ ސްޕޮންސަކޮށްގެންނެވެ. މިދިޔަ އަހަރު ވެސް އެ މުބާރާތުގެ މެއިން ސްޕޮންސާ ނެގީ އޭނާގެ ކުންފުނިންނެވެ.

"މިފަހަރު އީދުގައި މިލަދޫގައި ހަވާއަރުވަން ވެސް އަދި އެހެނިހެން ކަންކަމަށް ވެސް އަޅުގަނޑު ހަރަދުކުރީ މިލަދޫގެ ގިނަ ރައްޔިތުންތަކެއްގެ އެދުމުގެ މަތިން ވެސްމެ،" އިރުޝާދު ވިދާޅުވި އެވެ.

މިލަދޫ ނޫނަސް ނޫނުގެ ބައެއް އެހެން ރަށްރަށުގައި ވެސް ޖީއެމްސީއީ ނުވަތަ ޖެމްކިއުގެ ނަމުގައި ހިންގާ ޕިރަމިޑް ސްކީމްގެ ލޯގޯ ޖަހައިގެން އީދުގެ ބައެއް ހަރަކާތްތައް ބޭއްވި އެވެ.

އިރުޝާދު ވިދާޅުވީ އޭނާގެ ސަންބްރަދާއިން މިލަދޫ ނޫން ރަށެއްގެ އީދު ކުޅިވަރަށް ހޭދަނުކުރާ ކަމަށެވެ. އަދި ޖީއެމްސީއީ ކިޔާ ބައެއްގެ ލޯގޯ ޖަހައިގެން ނޫނުގެ ބައެއް ރަށްރަށުގެ އީދު ކުޅިވަރުތައް ސްޕޮންސާކޮށްފައި ހުއްޓާ ސޯޝަލް މީޑިއާއިން ފެނުނު ކަމަށް އިރުޝާދު ވިދާޅުވި އެވެ.

"މިލަދޫ ކުޅިވަރުތައް ނޫން ކަމަކަށް އަޅުގަނޑު ހަމަ ގައިމު ވެސް ސުޕޮންސާ ދީފައެއް ނުވާނެ. އެހެން ރަށްރަށުގައި އެ ހިނގި ކަންކަމާ އެ ލޯގޯއާ އެ އެއްޗިއްސާ އަޅުގަނޑާ ނެތް ގުޅުމެއް. އެއީ އަޅުގަނޑަށް އިނގޭ ކަމެއް ނޫން،" އިރުޝާދު ވިދާޅުވި އެވެ.

މިލަދޫ ކައުންސިލްގެ ރައީސް އަބްދުލް މަޖީދު މުހައްމަދުއާ 'ނޫނު ނިއުސް'އިން ސުވާލުކުރުމުން އޭނާ ވެސް ވިދާޅުވީ އިރުޝާދުއާ ޖެމްކިއުއާ ގުޅުމެއް އޮންނަ ކަމަށް އޭނާ އެއްވެސް ނޫހަކަށް މައުލޫމާތު ދީފައި ނުވާނެ ކަމަށެވެ.

އެހެން ނަމަވެސް، މިލަދޫގައި ހަވާ އެރުވުމާއި އީދުގެ ބައެއް ހަރަކާތްތަކަށް ސަން ބްރަދާއިން ހަރަދުކުރިތޯ ނޫހަކުން ސުވާލުކުރުމުން އެއީ ތެދެއް ކަމަށް ބުނެފައި ވާނެ ކަމަށެވެ. އަދި ސަން ބްރަދާއަކީ އިރުޝާދު ކިޔާ ރަށު މީހެއްގެ ކުންފުންޏެއްކަން އިނގޭ ކަމަށް ބުނެފައިވާނެ ކަމަށް ވެސް މަޖީދު ވިދާޅުވި އެވެ.

"އެއީ ޖެމްކިއު މިކިޔާ މަޝްހޫރު ވެގެން މިއުޅޭ ޕިރަމިޑް ސްކީމުން ކުރިކަމެކޭ އަދި އެއީ އިރުޝާދުއާ ގުޅުން އޮތް ބައެކޭ ވެސް، ކަމެކޭ ވެސް ނުބުނަން. އަޅުގަނޑު ދެއްކި ވާހަކަ އޮޅުވާލައިގެން ވަން އޮންލައިން ނޫހުގައި އޮތީ ގެނެސްދީފައި،" އަބްދުލް މަޖީދު ވިދާޅުވި އެވެ.

އިރުޝާދު އެފަދަ ކަމެއް ކުރާކަން އެނގޭ ކަމަށް ވެސް ނުބުނާ ކަމަށް މަޖީދު ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަކަށް ނެތް އެކަހަލަ ކަމެއް އެނގިފައެއް،" މަޖީދު ވިދާޅުވި އެވެ.