އިޒްރޭލުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގާ އުދުވާން ކުށްވެރިކޮށް ވެލިދޫގައި އެއް ވުމެއް ބާއްވައިފި އެވެ.
އިއްޔެ ވެލިދޫ ބަނދަރު ސަރަހައްދު ސްޓޭޖުގައި ބޭއްވި އެ ހަރަކާތުގައި އިޒްރޭލުން ގައްޒާއަށް ހަމަލާދީ ފަލަސްތީނުގެ އެތައް އަންހެނުންނަކާއި ކުޑަކުދިންނެއް ޝަހީދު ކުރަމުން ދާތީ އެ އަމަލުތައް ކުށްވެރިކޮށް އެކަން ހުއްޓާލަން ވަނީ އަޑުއުފުލާފަ އެވެ. އަދި ވެލިދޫގެ ރައްޔިތުން ފަލަސްތީނާ އެކު އެއްބައިވަންތަކަމާ އެކު ތިބިކަން ވެސް ވަނީ ދައްކާލައިފަ އެވެ.
ބުރުނުލަ އެފްސީ އާއި މައިންޑްފުލް ލިބަޓީން އިސް ނަގައިގެން ބޭއްވި މި ހަރަކާތް ކުރިއަށް ދިޔައީ ބޯވާރޭ ވެސް ވެހެމުން ދިޔަ ވަގުތެއްގަ އެވެ. އެހެން ނަމަވެސް އެކަށީގެންވާ އަދަދަކަށް އެ ހަރަކާތުގައި ވެލިދޫގެ ރައްޔިތުން ބައިވެރިވި އެވެ. ބައިވެރިވި މީހުންގެ %90 އަކީ ޒުވާނުންނެވެ.
އެ ހަރަކާތް ފުރަތަމަ ބާއްވަން ރޭވީ ސައިކަލް ބުރެއްގެ ގޮތުގަ އެވެ. އެހެން ނަމަވެސް، މޫސުން ގޯސްވެ ވާރޭ ވެހޭތީ ހަރަކާތް އެއްވުމެއްގެ ގޮތުގައި ބޭއްވީ އެވެ. ވެލިދޫ ފާހަގަވަނީ ފަލަސްތީނުގެ ރައްޔިތުންގެ ދިފާއުގައި އެންމެ ގަދައަށް އަޑުއުފުލާ އެއް ރަށަށެވެ.
މިދިޔަ އީދުގެ ތެރޭގައި ބޭއްވި ބައެއް ހަރަކާތްތަކުގެ ތެރޭގައި ވެސް ފަލަސްތީނުގެ ދިދަ އެ ރަށުގައި ވިހުރުވާލާފައިވެ އެވެ.
--
*އެޑިޓަރުގެ ނޯޓް: މި ހަރަކާތުގެ ހަބަރު ނޫނު ނިއުސްއިން ކަވަކޮށްފައި މިވަނީ ވެލި ކެޕްޗާޒްއާ ގުޅިގެން. އެ ފަރާތަށް ވަރަށް ބޮޑަށް ޝުކުރިއްޔާ