މި އަތޮޅު ވެލިދޫގައި ލޯކަލް ޓޫރިޒަމް ކުރިއަރުވައި، އެރަށަށް ފަތުރުވެރިން ގެންނަން ފަށާފައިވާ "ވިޒިޓް ވެލިދޫ" ޓޫރިޒަމް މަރުކާގެ މަސައްކަތްތައް ކާމިޔާބުކަމާއެކު ކުރިއަށްދާކަމަށް ވެލިދޫ ކައުންސިލުން ބުނެފި އެވެ. 

އެ މަސައްކަތްތަކުން ވެލިދޫއަށް ފަތުރުވެރިން މި ވަނީ އަންނަން ފަށައިފަ އެވެ. އެއާ އެކު ވެލިދޫގެ ފަތުރުވެރިކަމަށް އާ ދިރުމަކާއި ހިތްވަރެއް މިވަނީ ލިބިފަ އެވެ. 

މި ކެމްޕެއިނާ ގުޅޭގޮތުން ވެލިދޫ ކައުންސިލްގެ ރައީސް އާތިފް ހުސައިން ވިދާޅުވީ، ވިޒިޓް ވެލިދޫ ޕްރޮމޯޝަންގެ ކަންކަން ވަރަށް އޮމާންކޮށް ކުރިއަށްދާ ކަމަށެވެ. އެގޮތުން މި ޕްރޮމޯޝަންގެ ދަށުން މިހާރު ފަތުރުވެރިންގެ ދެވަނަ ގުރޫޕް އެރަށަށް ޒިޔާރަތްކޮށްފައިވާއިރު، މިއީ 12 ފަތުރުވެރިންގެ ގުރޫޕެއްކަމަށް އޭނާ ވިދާޅުވި އެވެ.

"ވިޒިޓް ވެލިދޫ ޕްރޮމޯޝަން ދަނީ ވަރަށް ސްމޫތުކޮށް. މިއީ އައި ދެވަނަ ގުރޫޕް، އެއީ 12 މީހުން. ފުރަތަމަ ގުރޫޕްގައި 22 މީހުން އައި،" އާތިފް ވިދާޅުވި އެވެ.

އަމާޒަކީ 100 އެނދު، ދެން މިސްރާބު ހުރީ ފެއާތަކަށް

ވެލިދޫގައި ރަށު ފަތުރުވެރިކަން ފުޅާކުރަން ކައުންސިލުން ގެންގުޅޭ އަމާޒާ ގުޅޭ ގޮތުން އާތިފް ވިދާޅުވީ، މި އަހަރު ނިމެންވާއިރަށް އެރަށުގެ ޓޫރިސްޓް އެނދުގެ އަދަދު (ބެޑް ކެޕޭސިޓީ) 100 އަށް އަރާނެކަމަށް ލަފާކުރެވޭ ކަމަށެވެ.

މިހާރު ވެލިދޫ މާކެޓް ކުރުމުގެ މަސައްކަތްތައް މައިގަނޑު ގޮތެއްގައި ކުރިއަށް ގެންދަނީ ސޯޝަލް މީޑިއާ މެދުވެރިކޮށެވެ. ނަމަވެސް ބެޑް ކެޕޭސިޓީ 100 އަށް އެރުމުން، ބައިނަލްއަގުވާމީ އަދި ލޯކަލް ފަތުރުވެރިކަމުގެ ފެއާތަކުގައި ބައިވެރިވެ، ވެލިދޫ އިތުރަށް މާކެޓް ކުރުމަށް ވިސްނަވާކަމަށް އޭނާ ވިދާޅުވި އެވެ.

"މި އަހަރު ނިމޭއިރަށް ބެޑް ކެޕޭސިޓީ 100 އަށް ވަރަށް އަރާނެ ކަމަށް މި ބަލަނީ. އޭރުން ފެއާތަކަށް ގޮސް މާކެޓް ކުރަން މި ވިސްނަނީ،" ކައުންސިލްގެ ރައީސް ވިދާޅުވި އެވެ.

ފުޅާ ދާއިރާއެއްގައި މިވަގުތު މާކެޓް ނުކުރާ ސަބަބު

ބޮޑެތި ކެމްޕެއިންތަކާއެކު ފުޅާ ދާއިރާއެއްގައި މިވަގުތު ރަށް މާކެޓް ނުކުރާ ސަބަބު ސާފުކޮށްދެއްވަމުން އާތިފް ވިދާޅުވީ، ރަށުގައި ފަތުރުވެރިންނަށް ބޭނުންވާ ފެސިލިޓީތަކާއި ހިދުމަތްތައް އަދި އެކަށީގެންވާ ވަރަށް ނެތުމުން، އަންނަ ފަތުރުވެރިންނަށް ފުރިހަމަ ތަޖުރިބާއެއް ނުދެވިދާނެތީ އެކަމަށް ސަމާލުކަން ދެއްވަނީ ކަމަށެވެ.

"މިހާރު ދެން (މާކެޓް ކުރަނީ) ސޯޝަލް މީޑިއާގައި. ދެން ފެސިލިޓީސްތަކާއި ސަރވިސަސްވެސް މިކޮޅުގައި މަދުވީމަ އެވަރަށް މާކެޓް ނުކުރަން ވެސް (މި ވިސްނަނީ)،" އާތިފް ވިދާޅުވި އެވެ.

"ވިޒިޓް ވެލިދޫ" މަރުކާއާ އެކު ވެލިދޫގެ ރަށު ފަތުރުވެރިކަން އާ ހަރުފަތަކަށް ގެންދިއުމަށް މަސައްކަތް ކުރަމުންދާއިރު، މިއީ މުޅި ނޫނު އަތޮޅުގެ އިގްތިސާދަށް ވެސް އޭގެ ހެޔޮ އަސަރު ކުރާނެ މުހިންމު މަސައްކަތެކެވެ. ރަށުގެ ހިދުމަތްތައް ތަރައްގީވެ، އެނދުގެ އަދަދު އިތުރުވަމުން އަންނަ ވަރަކަށް، ވެލިދޫ ވެގެންދާނީ ފަތުރުވެރިންގެ މެދުގައި ވަރަށް މަގުބޫލު އަދި ފާހަގަކޮށްލެވޭ މަންޒިލަކަށެވެ.