ބޮޑީބޯޑިން ދަސްކޮށްދިނުމަށް ކުރިއަށް ގެންދާ ގައުމީ ބޮޑީބޯޑިން ޕްރޮގްރާމް، "ހުދު ފޮނު"ގެ ތިންވަނަ ކްލިނިކް ނުވަތަ ޕްރޮގްރާމް ޅޮހީގައި ބޭއްވުމަށް ނިންމައިފި އެވެ.

މޯލްޑިވްސް ބޮޑީ ބޯޑިން އެސޯސިއޭޝަން (އެމްބީބީއޭ)އިން ކުރިއަށް ގެންދާ މި ޕްރޮގްރާމް ޅޮހީގައި ބާއްވަނީ، ޅޮހީގެ ޒުވާނުންގެ ޖަމްއިއްޔާއެއް ކަމަށްވާ ސާފް ސްކޮޔާއާ ގުޅިގެންނެވެ.

ސާފް ސްކޮޔާއިން ބުނި ގޮތުގައި އެ ތަމްރީން ޕްރޮގްރާމް ބޭއްވުމުގެ ބޭނުމަކީ ނޫނުގައި ޒުވާން ބޮޑީބޯޑަރުންތަކެއް އުފެއްދުމެވެ.

އެ ޕްރޮގްރާމް ޅޮހީގައި ކުރިއަށް ގެންދާނީ، ޖޫން މަހުގެ 26 އިން 28އަށެވެ. 

އަތޮޅުގެ ޒުވާނުންނަށް އަމާޒުކޮށްފައިވާ އެ ޕްރޮގްރާމްގައި ބޮޑީބޯޑިންގެ އަސާސީ ހުނަރުތައް ދަސްކޮށްދިނުމާއި މިހާރު ވެސް ބޮޑީބޯޑް ކުރާ ފަރާތްތަކުގެ ހުނަރުތައް އިތުރަށް ތަރައްގީކުރުމުގެ ފުރުސަތު ލިބޭނޭ ކަމަށް ސާފް ސްކޮޔާއިން ބުންޏެވެ. 

ޕްރޮގްރާމްގެ ޕޯސްޓަރު

ޕްރޮގްރާމްގައި ބައިވެރިވާނީ ކިހިނެއް؟ 

އެ ޕްރޮގްރާމްގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކަށް އޮންލައިންކޮށް ރަޖިސްޓްރީކުރަން މިހާރު ވަނީ ހުޅުވާލައިފަ އެވެ. ޝައުގުވެރިވާ ފަރާތްތަކުން ޖޫން 25ވާ އާދީއްތަ ދުވަހުގެ މެންދުރު 12ގެ ކުރިން ރަޖިސްޓްރީ ކުރަން ޖެހެ އެވެ. 

ގިނަ ބައެއްގެ އެހީތެރިކަން

އެ ޕްރޮގްރާމަށް އެންމެ ބޮޑު އެހީތެރިކަމެއް ދީފައި ވަނީ ޅޮހީގައި ހިންގާ ގެސްޓްހައުސްއެއް ކަމަށްވާ ޅޮހީ އިން އާއި ޅޮހި ކައުންސިލްގެ އިދާރާ އަދި ސޮނޭވާ ޖާނީން އެވެ.

މީގެ އިތުރަށް ވެސް ގިނަ އަދަދެއްގެ ފަރާތްތަކުން އެ ޕްރޮގްރާމަށް ވަނީ އެހީތެރިކަން ފޯރުކޮށްދީފަ އެވެ. 

އޭގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރު މުހައްމަދު އައްބާސް، މި އަތޮޅަށް ލޯންޗް ފެރީ ހިދުމަތް ދޭ ފްލައިން ފިޝް، ކޭވައި އެން އިންވެސްޓްމަންޓް، ޅޮހި ސާފް ހައުސް، އޭއީއައި އިންވެސްޓްމަންޓް، ސީން ފިއުލް، ޅޮހި ޕޮލިސް، ޅޮހި ހެލްތު ސެންޓަރު، ޅޮހި ސްކޫލް އަދި އެންއެސްއޭ މާޓް ހިމެނެ އެވެ.

އެ ހުރިހާ ފަރާތްތަކަށް ސާފް ސްކޮޔާއިން ވަނީ ޝުކުރު އަދާކޮށްފަ އެވެ.