ވެލިދޫ، ފޮއްދޫ އަދި ޅޮހީގައި ސަރުކާރުން ހިންގަން ނިންމައި ސޮއިކޮށްފައިވާ އެއްވެސް މަޝްރޫއެއް ކުރިއަށް ނުދާތީ ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.
މެންބަރު އައްބާސް އޭނާގެ ފޭސްބުކް ޕޭޖްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރޯދަމަހުގެ ކުރިން "އަވަސް އަރުވާލައިގެން ސޮއިކުރި" މަޝްރޫއުތަކަށް ވީގޮތެއް ބަލަން ޖެހިފައިވާ ކަމަށެވެ. އަދި މި ތިން ރަށުގައި ވެސް ސަރުކާރުން އެކި ވަރުގެ މުސާރަ ދީފައި ތިބި މުވައްޒަފުން ތިބިކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ މަސައްކަތަށް ބޭނުންވާ އެއްވެސް ސާމާނެއް ނެތުމުގެ ސަބަބުން އެއްވެސް މަސައްކަތެއް ނުކުރެވި ތިބެންޖެހިފައިވާ ކަމަށެވެ.
މި މައްސަލައާ ގުޅޭގޮތުން އިތުރު ކަންބޮޑުވުން ފާޅުކުރައްވަމުން މެންބަރު އައްބާސް ވިދާޅުވެފައިވަނީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ސަރުކާރަށް މި ތިން ރަށުގެ ރައްޔިތުން ދޭނެ ވޯޓާ މެދު ސަރުކާރުން ވިސްނާލަން ޖެހޭކަމަށެވެ.
"ވެލިދޫ، ޅޮހި، ފޮއްދޫގެ މި ތިން ރަށުގެ ތަރައްގީގެ ޕްރޮޖެކްޓްތައް ނުހިނގާ ނަމަ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ސަރުކާރަށް ހެޔޮވަރުގެ ރައްދެއް ތިން ރަށުގެ ރައްޔިތުން ދޭނެ،" އައްބާސް ވިދާޅުވި އެވެ.
އޭނާ އިއްޔެ ވެސް ވަނީ ސަރުކާރުގެ ސިޔާސަތުތަކަށް ފާޑު ވިދާޅުވެފަ އެވެ. އެގޮތުން އޭނާ ވިދާޅުވީ ސަރުކާރުގެ ސިޔާސަތުތަކުން ރައްޔިތުން މާޔޫސްވެ ރައްޔިތުންގެ ތާއީދު ގެއްލިފައިވާ ކަމަށެވެ. އަދި އިގްތިސާދީ ދަތިކަމުގެ ސަބަބުން ޑޮލަރުގެ އަގު ބޮޑުވެ ތަކެތީގެ އަގުތައް ވެސް މައްޗަށް ދާކަން އޭނާ ވަނީ ފާހަގަކުރައްވައިފަ އެވެ.