މިލަދުއަށް ޒިޔާރަތްކުރާ މީހުންނަށް ފެންނާނެހެން ރަށުގެ ބަނދަރުމަތީގައި އެ ރަށް ރަމްޒުކޮށް ދޭ ހާއްސަ މޮނިއުމެންޓެއް ހެދުމުގެ މަސައްކަތްތައް މިލަދޫ ކައުންސިލުން މިހާރު މި ވަނީ ފަށައިފަ އެވެ. އެ މޮނިއުމެންޓް ފަރުމާކޮށް ދޭން ފައިސާގެ އިނާމެއް ލިބޭ މުބާރާތެއް މިދިޔަ މަހުގެ ފަހުކޮޅު އެ ކައުންސިލުން ވަނީ އިއުލާންކޮށްފަ އެވެ.
އެ މޮނިއުމެންޓް ޑިޒައިންކުރުމުގައި ބަލަން ޖެހޭ ކަންކަމުގެ ގޮތުގައި ކައުންސިލްގެ އިއުލާންގައި ބުނެފައި ވަނީ:
- މޮނިއުމެންޓްގައި 'MILADHOO' އަދި 'The Obi Island' މި ދެ ލަފްޒު ހިމަނަން ޖެހޭ
- މޮނިއުމެންޓަކީ 20 ފޫޓުގެ އުސްމިނާއި 15 ފޫޓުގެ ފުޅާމިނުގެ ޑިޒައިނަކަށް ވާން ޖެހޭނެ
- މޮނިއުމެންޓް ބިނާކުރަން ހުށަހަޅަން ޖެހެނީ ދިގު މުއްދަތަކަށް ދެމިހުންނާނެ ފަދަ މައުދަނަކުން
-
ރޭގަނޑު ވެސް މޮނިއުމެންޓް ފާހަގަވާނޭ ގޮތަށް ލައިޓިން ސިސްޓަމެއް ހިމަނަން ޖެހޭ
މީގެ އިތުރަށް އެ އިއުލާނުގައި ކައުންސިލުން ބުނެފައިވާ ގޮތުގައި އެ ޑިޒައިންއަކީ އެއްވެސް މޮނިއުމެންޓެއްގެ ކޮޕީއެއް ނުވަތަ އެހެން މޮނިއުމެންޓެއް ކޮޕީކޮށްގެން ހަދާ ޑިޒައިނަކަށް ވެގެން ނުވާނެ އެވެ.
ޑިޒައިން ހުށަހަޅާނީ ކިހިނެއް؟
ކައުންސިލުން ބުނި ގޮތުގައި ޑިޒައިން ހުށަހަޅަން ޖެހެނީ އަންނަ މަހުގެ 10އެއްގެ މެންދުރު 2ޖެހުމުގެ ކުރިންނެވެ. އަދި ޑިޒައިންތައް އީމެއިލް ކުރަން ޖެހެނީ، [email protected] އަށެވެ.
ހުށަހެޅޭ ޑިޒައިންތަކުގެ ތެރެއިން އެންމެ ރަނގަޅު ޑިޒައިނެއް ހުށަހަޅާ ފަރާތަކަށް 10,000ރ. ދިނުމަށް ކައުންސިލުން ވަނީ ނިންމައިފަ އެވެ. އަދި ކައުންސިލުން އިންތިޒާމުކުރާ ހަފްލާއެއްގައި އެ ޑިޒައިން އިއުލާންކޮށް ފަރުމާކުރި ފަރާތަށް ހަނދާނީ ލިޔުމެއް ނުވަތަ ފިލައެއް ދޭން ވެސް ވަނީ ނިންމައިފަ އެވެ.
މޮނިއުމެންޓެއް ހަދަނީ ކީއްކުރަން؟
މިލަދޫ ބަނދަރުގައި ގާއިމްކުރާ 'ދި އޮބި އައިލެންޑް' މޮނިއުމެންޓުގެ ބޭނުމަކީ ކައުންސިލުން ބުނި ގޮތުގައި ރަށުގެ ތާރީހާއި ސަގާފަތް ދިރުވައި އާލާކޮށް، ރަށުގެ، ބްރޭންޑް ރެކޮގްނިޝަން އިތުރަށް ވަރުގަދަ ކުރުމެވެ.
އެ މޮނިއުމެންޓް ވާނީ ރަށަށް އައިސްގޮސްވާ އެންމެންނަށް ފެންނާނެހެން ބަނދަރުމަތީގައި ބެހެއްޓޭ، ރަށުގެ މޫނުމައްޗަށެވެ.
ބަނދަރު މަތީގައި މޮނިއުމެންޓެއް ބެހެއްޓުމުން ރަށަށް ލަފާފުރާ އެންމެނަށް އެ މޮނިއުމެންޓަކީ ރަށުގެ ލޭންޑްމާކަކަށް ވެގެންދާނެ އެވެ. މި އަތޮޅުގެ ވަރަށް ގިނަ ރަށްރަށުގެ ބަނދަރުގައި އެފަދަ މޮނިއުމެންޓުތައް ހަދާފައިހުރެ އެވެ.
މީގެ އިތުރަށް އެފަދަ މޮނިއުމެންޓުތަކުގެ ސަބަބުން ރަށަށާއި ބަނދަރު މައްޗަށް ޒީނަތްތެރިކަން ގެނެސްދީ އިތުރު ފުރިހަމަ ކަމެއް ގެނެސްދޭނެ އެވެ. އަދި މިލަދޫގެ ސަގާފަތާއި ތާރީހު ދެމެހެއްޓުމާއި ފަތުރުވެރިކަން ކުރިއެރުވުމަށް ވެސް މަގުފަހިވާނެ އެވެ.
މިލަދު އާއި އޮބިއާ އޮތީ ކޮން ގުޅުމެއް؟
މިލަދުއާ 'އޮބި' އާ އޮތީ ވަރަށް ބޮޑަށް ގުޅިލާމެހިފަ އެވެ. ކުރިން މިއީ މި ރަށުގެ މީހުންނާ ދިމާކުރަން ކީ އެއްޗަކަށްވީ ނަމަވެސް މިހާރު އެއީ އެ މީހުންނަށް ފަހުރެކެވެ.
އޮބިއަކީ މަހެއްގެ ސިފައިގައި ދެ ފައިކަށްޓަށް، ލަކުޑިން ހަދައިފައި އޮންނަ ދައްޗެއްކެވެ. މި ގިނައިން ގެންގުޅެނީ، ތެޔޮހާނާ އިރު ކައްކާފައި ހުންނަ ކުނޑިގަނޑު ފެލާށެވެ.
އޮބި މިލަދޫއޭ އެ ރަށަށް ނިސްނަތްކޮށް މީހުން ކިޔަން ފެށީ މާލޫދު ކީ ޒަމާނުގައި އެ ރަށުގައި ހިނގި ހެތްވާ މަޖާ ހާދިސާއަކާ ވިދިގެންނެވެ.
ބަޔަކަށް ބަކަރިއެއް ކަމަށް ހީކޮށް އެ ރަށަށް ގެނެވުނީ ގިތެލެކެވެ. ގިތެލަކީ ބަކަރީގެ ފިރިހެން ވައްތަރެވެ. އޭގެއިން ކިރެއް ނުފެލޭނެ އެވެ.
ގިތެލުން ކިރު ނުފެލުމުން، ބަކަރިން ކިރުފެލޭނީ ހަމައެކަނި މާލޭ މީހުންނަށް އެކަނި ނޫން ކަމަށް ބުނެ ކިރު ފެލުމަށް މިރަށުގެ ބަޔަކު ގިތެލުގައި އޮބި އެޅި އެވެ.
ރަށުގެ ދުވަސްވީ މީހުން ކިޔައިދޭ ގޮތުގައި މިކަން ހިނގީ ރާއްޖޭގައި ބަކަރި މަދު ދުވަސްވަރެއްގަ އެވެ. އޭރު ބަކަރި ގެންގުޅުނީ ހަމައެކަނި މާލޭގަ އެވެ. މިލަދުއަށް ގެނައި ގިތެލަކީ މާލޭގެ ކޮއްޓަކުން ވަގަށް ނެގި އެއްޗެއްކަމަށް ބުނެ އެވެ. އެކަން ކުރި މީހުންނަށް ކިރު އަންނަނީ ބަކަރިން ކަމާއި، ގިތެލަކީ ފިރިހެން ޖިންސުގެ އެއްޗެއްކަން ނޭނގުނީ އެވެ. އެހެންވެ، އެ މީހުން އުޅުނީ ގިތެލުން އޮބިއަޅައިގެން ވެސް ކިރުފެލޭތޯ އެވެ.
މިއަދު މިލަދޫ މީހުން 'އޮބި' އަށް ދެކެނީ އެމީހުންގެ ފަހުރެއްގެ ގޮތުގަ އެވެ. 'އޮބި މިލަދޫ' މީހެކޭ ބުނުމަކީ މިލަދޫ މީހުން މިހާރު ލަދުގަންނަ ކަމެއް ނޫނެވެ.