މިލަދޫ ކައުންސިލުން މިއަހަރުގެ ބޮޑު އީދާ ދިމާކޮށް ރަށުގެ ކުޑަކުދިންނަށް މި ދިނީ ވަރަށް ރަނގަޅު ހަދިޔާ އެކެވެ. ކުޅެލާ މަޖާކޮށްލާނޭ އެންމެ ފަހުގެ ވަސީލަތްތަކާ އެކު ރަށުގެ ފުރަތަމަ ކުޑަކުދިންގެ ޕާކް މި ވަނީ ހުޅުވައިފަ އެވެ. އެއާ އެކު ރަށުގެ ކުޑަކުދިންނާއި އެ މީހުންގެ އާއިލާތަކަށް ވަނީ ހިނިތުންވުން ގެނެސްދީފަ އެވެ.
ނިމިދިޔަ ބޮޑު އީދުގެ ތިން ވަނަ ދުވަހު ހުޅުވި އެ ޕާކާ ގުޅޭ ގޮތުން މިލަދޫ ރައީސް އަބްދުލް މަޖީދު މުހައްމަދު 'ނޫނު ނިއުސް'އަށް މިއަދު ވިދާޅުވީ އެ ރަށުގައި ޕާކެއް ހުޅުވުމަކީ ރަށުގެ ވަރަށް ގިނަ ބެލެނިވެރިން އެދެމުން ދިޔަ ކަމެއް ކަމަށެވެ. އެއީ ކުޑަކުދިން ކުޅެލާނޭ ހާއްސަތަނެއް ނޯންނާތީ ކުދިން އާންމުކޮށް ކުޅެން ދަނީ ބޯޅަދަނޑާއި ބަނދަރު މައްޗަށް ކަމަށް ވެސް އަބްދުލް މަޖީދު ފާހަގަކުރެއްވި އެވެ.
"ވަރަށް ގިނަ ރަށުގެ ރައްޔިތުން އިންތިޒާރު ކުރަމުން ދިޔަކަމެއް މި ނިންމާލެވުނީ. ކުދިން މިހާރު އެކި ތަންތަނަށް އެހެން ކުޅެންދާން ނުޖެހި ވަކި ހާއްސަ ތަނެއްގައި ތިބެގެން ރައްކާތެރި މާހައުލެއްގައި ކުޅެލެވޭނެ،" އަބްދުލް މަޖީދު ވިދާޅުވި އެވެ.
"ހުރިހާ ފަރާތްތަކުން ވެސް ވަރަށް ހިތްހަމަ ޖެހިފައި ތިބީ ޕާކެއް އެންމެ ފަހުން ހުޅުވުނީމާ."
ކުޑަކުދިންގެ ޕާކަކަށް ބޭނުންވާ ބައެއް ތަކެތި އެ ރަށަށް ފޮނުވީ މިދިޔަ އެމްޑީޕީ ސަރުކާރުގެ ތެރޭގަ އެވެ. އަބްދުލް މަޖީދު ވިދާޅުވީ ރަށުގައި އެތަކެތި ހުންނަތާ ދުވަސްތަކެއް ވެފައި ވާތީ މިއަހަރު ތެރޭ ޕާކް ނިންމައި ބޭނުން ކުރެވޭވަރު ކުރުމަކީ ކައުންސިލުން ވަރަށް ބޮޑު އިސްކަމެއް ދިން ކަމެއް ކަމަށެވެ. އެހެންވެ، އޭނާ ހުންނެވީ އެ މަސައްކަތް ނިންމާލެވުމުގެ ހިތްހަމަ ޖެހުމުގަ އެވެ.
ކުޑަކުދިން މިހާރު ގެންދަނީ އެ ޕާކަށް ގޮސް ކޮންމެ ދުވަހަކުންހެން ކަހަލަ ގޮތަކަށް ކުޅެ މަޖައި ކުރަމުންނެވެ. އެއީ އޭނާ އާއި ކައުންސިލްގެ މެންބަރުންނަށް ލިބޭ އުފަލެކެވެ. އެ މީހުން ހިތްހަމަ ޖެހިފައި އެތިބީ ރަށުގެ ކުޑަކުދިންނަށް އެވަރުގެ އުފަލެއް ހޯދައި ދެވުނީމަ އެވެ.
"500،000ރ. ކައުންސިލްގެ ބަޖެޓުން ހަރަދުކޮށްގެން ކުރި މަސައްކަތެއް މިއީ،" އަބްދުލް މަޖީދު ވިދާޅުވި އެވެ.
އޭނާ ވަނީ ޕާކް ހަދައި ހުޅުވުމުގައި އެހީތެރިވެދީ އެއްބާރުލުން ދިން ހުރިހާ ފަރާތްތަކަށް ވެސް ޝުކުރު އަދާކޮށްފަ އެވެ.