ވެލިދޫގެ ޒަމާންވީ އައިޑެންޓިޓީ ނުވަތަ ލޭންޑްމާކެއްގެ ގޮތުގައި ބަލާ، 500 އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާ މި ރަށު ބޮޑު ނިކަގަހުގެ އެންމެ މަތީގައި އުސްކޮށް ހެދިފައިވާ ބައި މިދިޔަ މަހުގެ ފަހުކޮޅު ކުރި ވިއްސާރައިގައި ބިންދައިގެން ގޮސް ވަނީ ވެއްޓިފަ އެވެ. އެއާ އެކު، މީގެ ކުރިން ވެލިދޫގެ މަލަމަތިން ދުރަށް ފެންނަން ހުންނަ ނިކަގަސް ގެއްލި ރަށުގެ މަލަމައްޗަށް ވަނީ ފަޅުކަން ގެނުވައިފަ އެވެ.

މިއީ ވެލިދޫގެ އެންމެންގެ ހިތަށް މޮޅިވެރިކަން ގެނުވި ކަމެކެވެ.

ހެރިޓޭޖް މިނިސްޓްރީން ބުނާ ގޮތުގައި އެ ގަހަށް މިހާރު ގާތްގަނޑަކަށް 536 އަހަރު ވެއްޖެ އެވެ. ތަރިކައިގެ ލިސްޓުގައި ވެސް ހިމަނާފައިވާ އެ ގަހުގެ ތާރީހަށް ބަލައިލަން ހިނގާށެވެ.  

ބިރުވެރި ގަހެއްގެ ގޮތުގައި ސިފަކޮށްފައިވޭ

ވެލިދޫގެ އެންމެ ދުވަސްވީ މީހުން ވެސް މީގެ ކުރިން ކިޔައިދީފައިވާ ގޮތުގައި އެ ގަސް ނުހުންނަ ހަނދާނެއް އެ މީހުންގެ ނުހުރެ އެވެ. އެ މީހުން ކުޑައިރު އެ ގަހަކީ ބިރުވެރި ގަހެއްގެ ގޮތުގައި ސިފަކޮށްދީފައިވާ ކަމަށް އެ މީހުން ބުނެފައިވެ އެވެ. އެގޮތުން، އެ ގަހުގެ ކައިރިން އެކި އެކި ރޫހާނީ އެއްޗެހި ފެންނަ ކަމަށް ބުނާތީ އެ ގަހާ ކައިރި ނުވުމަށް އޭރު ކުޑަކުދިންނަށް ބެލެނިވެރިން އިރުޝާދު ދޭ ކަމަށްވެ އެވެ. 

ހުރިހާ ރަށެއްގައި ވެސް އާންމުކޮށް ނިކަ ގަސް ކުރީ ޒަމާނުގައި ސިފަކޮށްދީފައި އޮންނަނީ ބިރުވެރި އެއްޗެއްގެ ގޮތުގަ އެވެ. 

ދަތުރު ފަތުރުކުރުމުގެ އެހީއެއް

ކުރީ ޒަމާނުގައި ޖީޕީއެސް ފަދަ ތަކެތި ނުހުންނައިރު ދަތުރުފަތުރު ކުރާއިރު އެހީއެއްގެ ގޮތުގައި ވެލިދޫ ބޮޑު ނިކަގަހުގެ ބޭނުން އޭރުގެ ދަތުރުވެރިން ކުރި އެވެ. އެހެން ވީމާ މިއީ ނެވި ކަމުގައި މުހިންމު ގަހެކެވެ.

ޅ. އަތޮޅު ނިމި ނޫނު އަތޮޅު ފެށުނުކަން އެ ޒަމާނުގެ ދަތުރުވެރިން ފާހަގަކޮށް އުޅެނީ ބޮޑު ނިކަގަހަށް ބަލައިގެންނެވެ. އަދި ދަތުރު ކުރެވޭ ރާސްތާ ބުނެދިނުމަކީ އެ ގަހަކީ ބޮޑު އެހީތެރި އެކެވެ. 

ނިކަގަހުގެ ބޮޑު ބައި ވެއްޓުމުން ވެލިދޫ މަލަމައްޗަށް އައިސްފައިވާ ބަދަލު

މަސް ތިޔާގިވޭތޯ ގަހުގައި ލޮއި ފޮއްޗެއް އެލުވާ

މީގެ ކުރިން މި އަތޮޅަކީ މަސްވެރިކަން ވަރަށް ތިޔާގި އަތޮޅެއް ކަމަށް ބުނެވެ އެވެ. އަދި މަސްވެރިކަން ތިޔާގިކުރުމަށް އެދި ނަދުރެއްގެ ގޮތުން ދަނޑިއަކަށް ބޮޑު ލޮއި ފޮއްޗެއް މިގަހުގައި ނަގާފައި ހުންނަ ކަމަށް ދުވަސްވީ ބައެއް މީހުންގެ ވާހަކަތަކުން އެނގެ އެވެ. 

އެކަން ކުރީ ސީދާކޮން ޒަމާނެއްގައި ކަމެއް ސާފެއް ނުވެ އެވެ. 

ރާއްޖޭގައި 3 ވަނައަށް އެންމެ ދުވަސްވީ ނިކަ ގަސް

މީގެ ކުރިން ކޮށްފައިވާ އެކި ދިރާސާތަކުން ދައްކާ ގޮތުގައި ތިން ވަނައަށް ރާއްޖޭގެ އެންމެ ދުވަސްވީ ނިކަގަހަކީ ވެލިދޫގެ ނިކަގަހެވެ. ދެން އެންމެ ދުވަސްވީ ދެ ނިކަގަސް ހުންނަނީ، ހއ. ބާރަށުގަ އެވެ. އެ ދެ ގަހަށް 570 އަހަރަށް ވުރެ ގިނަ ދުވަސް ވެދާނޭ ކަމަށް ލަފާކޮށްފައިވެ އެވެ. 

ވެލިދޫ ނިކަގަސް އެގޮތުގައި ހުންނަތާ މިހާރު މި ވަނީ ފަސް ގަރުނަށް ވުރެ ގިނަ ދުވަސްވެފަ އެވެ.

--

*އެޑިޓަރުގެ ނޯޓް: މި ލިޔުމަކީ 2020 ވަނަ އަހަރު އަހުމަދު ރިޝާން ނ. ޑެއިލީއަށް ތައްޔާރުކޮށްފައިވާ ވީޑިއޯ ރިޕޯޓެއްގެ (މަތީގައި އެމްބެޑްކޮށްފައި) މައްޗަށް އެކުލަވާލާފައިވާ ލިޔުމެއް.