މިއަދު ބައެއް ނޫސްތަކުގައި ޖަހާފައިވާ ހަބަރެކެވެ؛ "މާލޭން ކަރަންޓު ކެނޑުމުގެ މައްސަލަ ބޮޑުވެއްޖެ."

އެ ހަބަރު ފޭސްބުކްގައި ޝެއާކުރަމުން ވެލިދޫ ރައީސް އާތިފް ހުސެއިންގެ ޝަކުވާތައް ބަންޑުންކޮށްލި އެވެ. އޭނާގެ ޝަކުވާއަކީ، ރަށަކުން އިރުއިރުކޮޅާ ކަރަންޓް ދިޔަ ނަމަވެސް އަދި ކަރަންޓް ނެތް ނަމަވެސް އެކަން އެއްވެސް ފަރާތަކަށް މާ ބޮޑު ކަމަކަށް ވެގެން ނޫޅޭތީ އެވެ. އެހެން ނަމަވެސް، ވެރިރަށް މާލެއިން ގަޑިއިރުކޮޅަކަށް ކަރަންޓް ދިޔަ ނަމަވެސް އެކަން ބޮޑު ކަމަކަށްވުމެވެ. 

"މާލެއިން ދަންޔާ އެދެން ވަރަށް ގޯސްވީ. މީން ރަށަކުން ކަރަންޓު ދުވާލަކު ދެ ބުރަށް ދިޔަސް ރަނގަޅު. ހަމަޔަށް ކަރަންޓު ނުލިބުނަސް އޯކޭ!" އާތިފް އޭނާގެ ފޭސްބުކްގައި ލިޔުނެވެ. 

މާލެއިން މިފަހުން ހަ ގަޑިއިރަށް ކަރަންޓް ގޮސް އެކަމާ ގުޅޭ ޖިނާއީ ތަހުގީގެއް ކުރުމަށް ވެސް ރައީސް އެންގެވި އެވެ. 

ވެލިދޫ ފެނަކަ ބްރާންޗް

ވެލިދޫ ވެސް ހިމެނޭ ގޮތުން ދޭތެރެ ދޭތެރެއިން މި އަތޮޅުން ކަރަންޓް ގޮސް އެކަމުގެ ޝަކުވާ ބޮޑުވެ އެވެ. އަދި އެކަމަށް ހައްލެއް ހޯދުމަށް އެކި ސަރުކާރުތަކުގައި މަސައްކަތް ކުރި ނަމަވެސް އެކަމަށް އެކަށޭނަ ހައްލެއް ނުލިބެ އެވެ. 

އާތިފް އެ ވިދާޅުވާ ގޮތަށް ރަށްފުށުގައި ވެސް ދިރިއުޅެނީ ދިވެހި ރައްޔިތުންނެވެ. އެ މީހުން ޓެކްސް ވެސް ދައްކަ އެވެ. އެހެންވީއިރު އެ މީހުންނަށް ވެސް އަސާސީ ހިދުމަތްތައް ފުރިހަމައަށް ލިބެން ޖެހޭނެ އެވެ. އަދި އެ ހިދުމަތްތައް ނުލިބޭ ނަމަ ދައުލަތުގެ ހުރިހާ މުއައްސަސާތަކުން ވެސް މާލެއެކޭ އެއް މިންވަރަށް ހަމަ ކަންބޮޑުވާން ވެސް ޖެހޭނެ އެވެ. 

ރައީސް އާތިފްގެ ޝަކުވާގައި މި އޮތީ ހަގީގީ ކަންބޮޑުވުމެވެ. ރަށްފުށުގެ ރައްޔިތުންނަށް ކުރިމަތިވެފައިވާ މައްސަލަތައް ހައްލުކޮށް ދިނުމުގައި ވެރިން ސީރިއަސްވާން ޖެހެ އެވެ. އަވަސް މިނުގައި މަސައްކަތް ކުރަން ޖެހެ އެވެ. ނޫނުގެ މައްސަލަތަކާ މެދުވެސް ވެރިން އެ ވިސްނުމުގައި މަސައްކަތް ކުރަން ޖެހެ އެވެ.