ކުޑަފަރީގެ މަސައްކަތްތެރި އަންހެނުންނަށް ދިރިއުޅުމަށް އެކި ކަހަލަ މަސައްކަތްތައް ކުރުމަށް އެހީވެދިނުމުގެ ގޮތުން ހަދައިދޭ ކޮމިޔުނިޓީ ކިޗަން ނުވަތަ 'މަސްބަދިގެ' އިމާރާތްކޮށްދޭނެ ފަރާތެއް ހޯދަން ކައުންސިލުން އިއުލާންކޮށްފި އެވެ.
މަސްބަދިގެ ގާއިމްކުރުމުގެ މަޝްރޫއަކީ އެ ރަށުގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީން އިސްނަގައިގެން އެ ރަށުގެ އަންހެނުންނަށް އާމްދަނީއެއް ހޯދުމަށް މަސައްކަތް ކުރުމަށް މަގުފަހި ކުރުމަށް ހިންގާ މަޝްރޫއުގެ އެއް ބައެވެ.
ކުޑަފަރީގެ އަންހެނުންގެ ކޮމިޓީން އިސް ނަގައިގެން މިހާރު ވެސް އަންނަނީ ރިސޯޓްތަކަށް ރޮށި ފިހުމާ އަދި ކުނި ކެހުމުގެ މަސައްކަތް ކުރަން ޝައުގުވެރިވާ އަންހެނުންނަށް އެކަމަށް މަގުފަހިކޮށްދެމުންނެވެ. މަސްބަދިގޭގެ ސަބަބުން ރޮށި ފިހުން ފަދަ ގޭގައި ތިބެގެން އާމްދަނީ ހޯދަން މަސައްކަތް ކުރާ އަންހެނުންނަށް އެއް ތަނެއްގައި ތިބެގެން އެފަދަ މަސައްކަތްތައްކޮށް އާމްދަނީ ހޯދުމަށް މަގުފަހިވާނެ އެވެ.
މަސްބަދިގެ އިމާރާތްކޮށްދޭނެ ބައެއް ހޯދަން މިދިޔަ މޭ މަހުގެ ތެރޭގައި ވެސް އިއުލާންކުރި އެވެ.
މާފަރު ކައުންސިލުން ބުނި ގޮތުގައި މަސްބަދިގެ ހަދައިދޭނެ ފަރާތެއް ހޯދަން އަލުން އިއުލާން މި ކުރީ ކުރީގެ އިއުލާނަށް އެކަށީގެންވާ ތަރުހީބެއް ނުލިބުމުންނެވެ.
ކައުންސިލުން މި މަހުގެ 4 ވަނަ ދުވަހު ގެޒެޓްގައި ކުރި އިއުލާނުގައިވާ ގޮތުގައި:
- މަސައްކަތާގުޅޭ މައުލޫމާތު ބައްދަލުވުން: 2025 ޖޫން 16 ވާ ހޯމަ ދުވަހު މެންދުރު 1ޖަހާއިރު ކައުންސިލް އިދާރާގައި
- ބީލަމާއި ގުޅޭ އިތުރު މައުލޫމާތެއް ސާފުކުރުން: 2025 ޖޫން 29 ވާ އާދީއްތަ ދުވަހުގެ މެންދުރު 12 ގެ ކުރިން؛ ޖެހެނީ [email protected] އަށް އީމެއިލް ކުރަން
- ބީލަން ފޮތް ވިއްކުން: 2025 ޖޫން 24 އިން 2025 ޖޫން 29ގެ މެންދުރުފަހު 12ގެ ނިޔަލަށް
- ބީލަން ހުށަހެޅުމުގެ ބައްދަލުވުން: 2025 ޖޫން 30 ވާ ހޯމަ ދުވަހު މެންދުރު 1ޖަހާއިރު ކައުންސިލް އިދާރާގައި
އިއުލާނުގައިވާ ގޮތުން ބީލަން ހުށަހަޅަން ޖެހެނީ ބީލަން ފޮތް މެދުވެރިކޮށެވެ. އަދި ބީލަން ފޮތެއްގެ އަގަކީ 100ރ. އެވެ. އަދި ބީލަން ފޮތް ވިއްކާނީ އެކަމަށް ކަނޑައެޅިފައިވާ ތާރީހުގައި ރަސްމީ ކޮންމެ ދުވަހެއްގެ ރަސްމީވަގުތުގައި ކައުންސިލްގެ އިދާރާގެ ރިސެޕްޝަނުން ނުވަތަ އީމެއިލް މެދުވެރިކޮށެވެ.
މަސްބަދިގެ މިއީ ތަފާތު މަޝްރޫއެއް
ކައުންސިލުން މީގެ ކުރިން އާންމުކޮށްފައިވާ ޑިޒައިންގައިވާ ގޮތުގައި މަސްބަދިގެ ތަރައްގީ ކުރަނީ މަސްކައްކާ ހިއްކުމުގެ މަސައްކަތް ވެސް ކުރެވޭ ގޮތަށް އަދި ފަތުރުވެރިންނާއި އާންމުންނަށް ވެސް ހުޅުވާލާފައި ހުންނަ ރެސްޓޯރަންޓަކާ އެކު އެވެ. މީގެ އިތުރަށް މަސްބަދިގޭގައި ހިމެނޭ ވަސީލަތްތަކަކީ:
- 30 މީހުންނަށް އެއް ފަހަރާ ކާތަކެތި ތައްޔާރު ކުރެވޭ ކޮމިޔުނިޓީ ކިޗަން ނުވަތަ ބަނދިގެއެއް
- ދަރު އުދުނާއި މަސް ކައްކާ ހިއްކުމަށް އަދި ތަކެތި ބެހެއްޓުމަށް ހާއްސަ ދުމަށިތައް
- ރަށުގެ ކާނާ އާއި ތަކެތި ބަންދުކުރާނޭ ވަސީލަތްތަކާ އެކު 5-10 ޕެކިން ސްޓޭޝަން
- މަސައްކަތުގައި އަންހެނުންނަށް އުޅޭއިރު ދަރިން ބައިތިއްބާނޭ ހާއްސަ ސަރަހައްދެއް
- ކަންކަމުގައި މަޝްވަރާކޮށްލާ ހަދަން ހާއްސަ ފެންޑާއެއް
މި މަޝްރޫއުގެ ބޭނުމަކީ ކުޑަފަރީގެ އާއިލާތަކުގެ އިގްތިސާދި ފުދުންތެރިކަން އިތުރުކުރުމަށް މަގުފަހިކުރުމެވެ. މިއީ މިއަތޮޅުގައި ރަށެއްގައި ހިންގާ ތަފާތު މަޝްރޫއަކަށް ވާނެ އެވެ.