ކުޑައިރުގެ ހަނދާނެކެވެ؛ ބިރުވެރި ސިފައެއްގައި ތިބޭ ދެލި މާލި ލަޝްކަރެއް ނިކުމެ މިނިކާވަގު ސިފަޔަށް، ނަގުލެއް ލާފައި އޮންނަ މާއްޔެއް ރަށު ތެރޭ ވީއްލިގެން އުޅެނިކޮށް އަތުލައިގަނެ މަރާލަ އެވެ.
މިއީ ކޮންމެ އަހަރެއްގެ އީދާ ދިމާކޮށް މި އަތޮޅުގެ ބައެއް ރަށްރަށުގައި ކުޅޭ ތަމްސީލެކެވެ. އެ ތަމްސީލަށް ނުވަތަ ޕްލޭއަށް ކިޔަނީ 'ނަމުރު' ކުޅުމެވެ. މި އަތޮޅުގައި އެކަމަށް އެންމެ މަޝްހޫރު އެއް ރަށަކީ މާޅެންދޫ އަދި މާފަރެވެ. ކުރުކޮށް ބުނާ ނަމަ، އެ ތަމްސީލަކީ ނަމުރު އެރީމަ ނަމުރު ހިފުމެވެ.
މިފަހަރު މި އަތޮޅުގައި އީދު ޗުއްޓީ ހޭދަކުރަމުން އަންނަ، ސޯޝަލް މީޑިއާގެ ހަރަކާތްތެރިޔާ އަދި ތާރީހާއި ސަގާފަތް ދިރާސާ ކުރާ ޝަމްއޫން ޖަލީލް (ލޫކަސް ޖަލީލް)ގެ ލޮލުގައި އިއްޔެ އަޅަގަތީ އޭނާ މި އަތޮޅު މާޅެންދުއަށް ކުރި ހަވީރުގެ ޒިޔާރަތުގައި އެ ރަށުގައި ނަމުރު ކުޅުނު މަންޒަރެވެ.
"ޕާފޯމިން އާޓް [މި ތަމްސީލަށް] 10/10،" ނަމުރު ކުޅޭތަން ފެންނަ ވީޑިއޯއަކާ އެކު ލޫކަސް އެކްސްގައި ކުރި ޕޯސްޓެއްގައި ލިޔުނެވެ.
"މިއީ އީދެއްގަ ފެނުނު އެންމެ ފުރިހަމަ، އާޓްގެ [ފަންނުވެރިކަމުގެ] ކުޅިވަރު."
އެކި ރަށްރަށުގައި ނަމުރު ތަމްސީލް ކުޅޭ ގޮތް ތަފާތެވެ.
ބައެއް ރަށްރަށުގައި ނަމުރު އަކީ ކަނޑުން އަރައިގެން ރަށު ތެރެއަށް އަރާ އުޅޭ ފުރޭތައެކެވެ. އެ ފުރޭތަ އަތުލަން ކަނޑުން އަރައިގެން އަންނަ ބިޔަ ލަޝްކަރެއް ރަށު ތެރެއަށް އަރަ އެވެ. އެއީ، ވެސް ގައިގާ ދެލިލާ ލޮންސި ފަދަ ހަތިޔާރު ހިފައިން ތިބޭ ދެލި މާލިތަކެކެވެ.
އެ ތަމްސީލް ރާވާފައި އޮންނަ ގޮތަކީ އެ ފުރޭތަ ނުވެފަ ބިޔަ މާލި ރަށު ތެރޭ އެކި ތަންތަނުގައި ދުވުމެވެ. އަދި ރަށުގެ އެކި މީހުންނަށް ގޯނާކޮށް ބިރު ގަންނަވަމުން ދިޔުމެވެ. އަދި އެ އެތި އަތުލަން އަންނަ ލަޝްކަރުން އެ ފުރޭތައާ ކުރިމަތިލާ އެޔާ ހަނގުރާމަކޮށް އޭތި މަރާލަ އެވެ.
ޕާފޯމިން އާޓް (މި ތަމްސީލަށް) 10/10،. މިއީ އީދެއްގަ ފެނުނު އެންމެ ފުރިހަމަ، އާޓްގެ (ފަންނުވެރިކަމުގެ) ކުޅިވަރު.ލޫކަސް
ނަމުރަކީ ކަނޑުން އަރައިގެން އަންނަ ފުރޭތައެއް ނުވަތަ މިނިކާވަގެއް ކަހަލަ ބިޔަ ބޮޑު ޖަނަވާރެކެވެ. މި ތަމްސީލްގައި އެކި ރަށްރަށުގައި ތަފާތު ވަނީ ނަމްރު ސިފަކޮށްފައި އޮންނަ ގޮތެވެ.
ހަވީރު ފަހެއްގެ ކުރިން ނަމުރު ލަޝްކަރު، ރަށުގެ ހޭޅިފަށުން އަރައިގެން އަންނައިރު ތިބެނީ ދެ ސަފަކަށް ބެހިގެންނެވެ. އަތުގައި އޮންނަ ދަނޑިތައް ޖަހަމުން ގުންފައި ނަގާ ރަށުތެރޭ ހިނގަނީ ފަހަތުގައި ތިބޭ ބޮޑުބެރު ގުރޫޕު ކިޔާ ހާއްސަ ލަވަޔާ އެއްވަރަށެވެ.
"ލަމުގެ އާ އެންމެތަކުން ހަމްދު ސަނާ ގޮވާ ދުލުން،
ނަމުރު އަންނާނެތީ ހޭރެނީ،
ހުޅަނގު ވައިގައި އަރާ މުޅަގޮނުގެ ދޮން ބަފާ،
ބުޅަލު ދަތްދޮޅި ހަލުވާލެއްވި ގޮތުން ބިރުން ރޮނީ،
ނަމުރު އަންނާނެތީ ހޭރެނީ،
ޗޯރު ނަމުރުގެ ދެ ލޯ، ކޯރަކުން ހިތްކިޔޯ،
ޖޯރު ބުރު ޖޯކަރު ހަށިގަނޑު ފެނިފާ ބިރުން ރޮނީ"
ނަމުރު އަންނާނެތީ ހޭރެނީ."
ލޫކަސް ބުނި ގޮތުގައި ނަމުރުގެ ދެލި މާލި ތަމްސީލް ބަލަން އިއްޔެ ހަވީރު މާޅެންދޫ އޮތީ ފުރިފަ އެވެ. އެ ތަމްސީލް ބަލަން މި އތޮޅުގެ އެކި ރަށްރަށުން މީހުން އައިސް ޖަމާވީ އެވެ. ކޮންމެ އަހަރަކު ވެސް މޭޅެންދޫގައި ކުޅޭ ދެލި މާލީގެ މި ތަމްސީލް، ނަމްރު ބަލަން އަތޮޅުގެ ރަށްރަށުން މީހުން ޖަމާވެ އެވެ. އެ ތަމްސީލް އޮންނަނީ މާޅެންދޫ ބޮޑު މަގުގަ އެވެ.
މި އަތޮޅުގެ ބައެއް ދުވަސްވީ މީހުން ބުނާ ގޮތުގައި ނަމުރު ތަމްސީލް މާފަރާއި މާޅެންދޫގައި ކުލެން ގެށީ 1900ގެ އަހަރުތަކުގެ ވެސް ކުރިންނެވެ.
ނަމުރު ތަމްސީލް މާފަރަށް ތައާރަފްކުރި ކަމަށް ބުނަނީ މާފަރުގެ އުސްމާން އަލީ ކިޔާ މީހެކެވެ. އޭނާ ރ. މަޑުއްވަރީއަށް މަހަށް ދާން ގޮސް ހުރެފައި އައި ފަހުން ރަށަށް ތައާރަފުކުރި ކުޅިވަރެކެވެ. އޭނާއަކީ އޭރު މާފަރުގައި ކުޅެއުޅޭ ކުޅިވަރުތައް ރާވާ އިންތިޒާމުކުރުމުގައި އިސްކޮށް ހަރަކާތްތެރިވި އެކެކެވެ. އެކަމަކު އެ ކުޅިވަރު އޭނާއަށް ފެނުނީ ސީދާ މަޑުއްވަރީން ކަމެއް ބުނެދޭކަށް އެ ރަށުގެ އެއްވެސް މީހަކަށް ނޭނގެ އެވެ.
ލޫކަސް ބުނި ގޮތުގައި ނަމުރު ތަމްސީލުގެ މާލިތައް ހެދުމަށް މިހާރު ވެސް ދެލި ހަދަނީ ކުރީގެ ގޮތަށް ހިމުންކޮށް ގިނަ މަސައްކަތްކޮށްގެނެވެ.
މި ތަމްސީލަށް ތައްޔާރުވުމަށް އެންމެ ފުރަތަމަ ކަމަކަށް ކުރަނީ ރަށުގެ މީހުން ނޫޅޭ ފަރާތުގައި ބޮޑު ވަޅެއް ކޮނުމަށް ފަހު، ބޮނބި އަންދައިގެން ދެލި ހެދުމެވެ. މި ދެލި ފުނޑުމުގެ މަސައްކަތް ގަވާލުކުރަނީ އަންހެންވެރިންނާ އެވެ. ރަށުގެ ކޮންމެ ގެއަކަށް ވެސް ވަކި މިންވަރެއްގެ ދެލި ދިނުމަށް ފަހު، ކަނޑައެޅޭ ވަކި ދުވަހަކަށް ތައްޔާރުކޮށް ބެހެއްޓުމަށް އަންގަ އެވެ. ކުރީގައި ދެލި ފުނޑަނީ ދައިންނެވެ.
ނަމަވެސް މިޒަމާނުގައި މިކްސަރުގެ އެހީގައި ދެލި ފުޑަ އެވެ. ނަމުރު ނެރުން އޮންނަ ދުވަހުގެ މެންދުރު ގޭގެއިން ދެލިތައް އެއްކޮށް ފިރިހެނުންނާ ހަވާލުކުރާނެ އެވެ.
މާޅެންދޫގައި ދެލި މާލި ހެދުމަށް ދެލި ގިރާ ގޮތް ތަފާތެވެ. އެ ރަށުގައި އެކަން ކުރާ ގޮތަކީ ކަދުފަތް ތަޅައިގެން އޭގެ ދިޔައިގައި ދެލި ގިރުމެވެ.
ފިރިހެނުން ނަމުރު ހެދެނީ ރަށުގެ ހޭޅިފަށުގައި ފޮރުވިގެން ތިބެގެންނެވެ. އެމީހުންގެ މުޅި ހަށިގަނޑުގައި ދެލި އުނގުޅަ އެވެ. މުޅި ހަށިގަނޑުގައި ދެލި އުނގުޅައި، ބޮލުގައި އިލާއިން ހަދާފައިވާ ކޯރި އަޅައި، އިލާއިން ދެލޯ ކެނޑި މާސްކެއް އެޅުމުން، އެ ހުރީ ނަމުރު ހެދެވިފަ އެވެ. އޭރުން ތިބޭނީ ބިރުވެރި ސިފައިގަ އެވެ.
މިއީ މި އަތޮޅަށް ހާއްސަ މާލީގެ ތަމްސީލެކެވެ. ދެން ފަހަރަކުން ބަލައިލަން އަންނަންވާނެ އެވެ.