"އަލުން ސަގާފީ ދޯނި ރޭސް ފެށުން ކެނދިކުޅުދޫ ކައުންސިލާ ރައްޔިތުން ކޮށްފައިވަނީ ބުރަ މަސައްކަތެެއް. ކުރީގެ 'ޖަހާދޯނި'ގެ ނަމޫނާއިން ކެނދިކުޅުދޫ 'ކަނޑޫއޮޑި'ތައް ބަނދެފައިވަނީ ކެނދިކުޅުދޫ މީހުން. މިއީ ރާއްޖޭގެ ޓޫރިޒަމަށް މުހިންމު ފެށުމެއް،" މި އަތޮޅު ކެނދިކުޅުދޫގައި އީދު ފާހަގަކުރަމުން އަންނަ ސޯޝަލް މީޑިއާގެ ހަރަކާތްތެރިޔާ، އަދި ތާރީހު ދިރާސާކުރައްވައި ޝަމްއޫން ޖަލީލް (ލޫކަސް) އޭނާގެ އެކްސް އެކައުންޓުގައި އެ ރަށުގައި ބޭއްވި ކަނޑޫއޮޑި ރޭހަށް ތައުރީފް ކުރަމުން ލިޔެފައިވެ އެވެ. 

ކަނޑޫއޮޑި ރޭހުގެ ވީޑިއޯތައް އާންމުވުމާ އެކު ގިނަ ބައެއްގެ ތައުރީފް ކެނދިކުޅުދޫއަށް ލިބުނީ މިހާރު ރާއްޖެއިން އުވިގެން ގޮސްފައިވާ، 'ޖަހާދޯނި'ގެ ސަގާފަތް ކެނދިކުޅުދޫއިން މިފަހަރު އީދުގައި ދިރުވާލަ ދިނުމުންނެވެ. 

"މިއީ ހަގީގީ އީދު ކުޅިވަރަކީ،" ކެނދިކުޅުދޫގެ 'ކަނޑޫއޮޑި' ރޭހަށް ތައުރީފް ކުރަމުން މީހަކު ސޯޝަލް މީޑިއާގައި ބުންޏެވެ. 

ދި މެންގްރޫވް އައިލެންޑްގެ ގޮތުގައި މަޝްހޫރުވެ ކެނދިކުޅުދޫ ކައުންސިލްގެ ރައީސް މުހައްމަދު ރައޫފް ވިދާޅުވި ގޮތުގައި މިއީ އެ ރަށު ޒުވާނުންތަކެއްގެ އިސް ނެގުމަށް ބޭއްވި ހަރަކާތެކެވެ. 

ކަނޑޫއޮޑި ރޭހުގެ ފޯރި އާއި މަޖާ: މިއީ ގިނަ ބައެއްގެ ސަމާލުކަން ހުއްޓުނު ކުޅިވަރެއް (ފޮޓޯ/އިސްމާއިލް އަޒްމީން)
ކަނޑޫއޮޑި ރޭހުގެ ފޯރި އާއި މަޖާ: މިއީ ގިނަ ބައެއްގެ ސަމާލުކަން ހުއްޓުނު ކުޅިވަރެއް (ފޮޓޯ/އިސްމާއިލް އަޒްމީން)

"ޒުވާނުންތަކެއް ޕްރޮޕޯސަލް ހިފައިގެން އައީ. އެ ހިސާބުން ތައްޔާރީތައް ފެށީ،" ރައޫފް ވިދާޅުވެފައިވެ އެވެ. 

މި ރޭހުގައި ބޭނުންކުރީ ހަތަރު އޮޑި ވެސް ބަދެފައި ވަނީ ސީދާ އެ ރަށުގަ އެވެ. ކެނދިކުޅުދޫގެ ކުޅަދާނަ މާވަޑި އެކެވެ. އެއީ އެ ރަށު، މުހައްމަދު އަބްދުލް ޣަނީ އާއި އޭނާގެ ޓީމުންނެވެ. އެ ދޯނިތައް އޭނާ ބަދެފައި ވަނީ އެންމެ އިހުގެ ޖަހާއޮޑި ހަމަ ހުންނަ ގޮތަށެވެ. މާ ބޮޑު ތަފާތެއް ނެތެވެ. 

"ރަށުގެ ގިނަ ބައެއްގެ އެހީތެރިކަމާ އެކު މި ދޯނިތައް ގާތްގަނޑަކަށް 20 ދުވަސްތެރޭ ބަނދެ ނިންމައިލެވުން،" ރައޫފް ވިދާޅުވެފައިވެ އެވެ. 

ކަނޑޫއޮޑި ރޭހަށް ބަދެފައިވާ ދޯނިތައް (ފޮޓޯ/އިސްމާއިލް ނާއިލް އަޒްމީން)

ކެނދުކުޅު އަވަށުގެ 'މައި ފަޅު' ކުޅީގައި އެ ރޭސް ކުރިއަށް ގެންދިޔައީ ވަރަށް ފޯރީގަ އެވެ. އަންހެން ތިން ޓީމާއި ފިރިހެން ފަސް ޓީމު ބައިވެރިވި އެ ރޭހުގެ ބައިވެރިންނަށް ތަރުހީބު ދިނުމަށް ރަށުގެ ރައްޔިތުންގެ އިތުރަށް އެ ރަށަށް އީދުގައި ގޮސްތިބި މެހެމާނުން ވެސް ބައިވެރިވި އެވެ.

ވަރަށް ރަނގަޅު އަދި ތަފާތު މަސައްކަތެއް. މިއީ އަޅުގަނޑުމެންގެ ތެރޭގައި އާލާކުރަން ޖެހިފައިވާ އުފެއްދުންތެރި އަދި އީޖާދީ ސަގާފަތުގެ ރީތި ނަމޫނާއެއްއާންމު މީހެއް

އެ ރޭސް ކުރިއަށް ދިޔަ ވަގުތު މުޅި ސަރަހައްދު އޮތީ ތަރުހީބުގެ އަޑުން ގުގުމާލައިފަ އެވެ. އަތް ތިލަބަޑި ޖަހައި އަންބާ ކިޔައި އެ ބަޔަކު ސަޕޯޓް ކުރާ ޓީމަށް ތަރުހީބު ދެމުން ދިޔަ އެވެ.  

އެ ރޭސް ކުރިއަށް ގެންދިޔައީ ކޮންމެ ޓީމެއްގައި ވެސް އެންމެ ގިނަވެގެން 18 މީހުންނަށް ބައިވެރިވެވޭ ގޮތަށެވެ.

ކަނޑޫއޮޑި ރޭހުގެ ފޯރި އާއި މަޖާ: މިއީ ގިނަ ބައެއްގެ ސަމާލުކަން ހުއްޓުނު ކުޅިވަރެއް (ފޮޓޯ/އިސްމާއިލް އަޒްމީން)

ކަނޑޫއޮޑި ރޭސް ހަދަންވީ އަތޮޅު ނުވަތަ ގައުމީ މުބާރަތަކަށް 

ލޫކަސް ފާޅުކުރެއްވި އެއް ހިޔާލަކީ ކެނދިކުޅުދޫގެ މި އީދުގެ ތެރޭގައި މި ފަށައިދިން ސަގާފީ މި ކުޅިވަރު މުސްތަގުބަލުގައި އަތޮޅު ފެންވަރުގައި ނުވަތަ ގައުމީ ފެންވަރުގެ ރޭހެއްގެ ގޮތުގައި ބޭއްވުމެވެ. ކެނދިކުޅުދޫއިން މި ފަށައިދިނީ އަދި ފެށުމެކެވެ. 

ކަނޑޫއޮޑި ރޭހުގެ ފޯރި އާއި މަޖާ: މިއީ ގިނަ ބައެއްގެ ސަމާލުކަން ހުއްޓުނު ކުޅިވަރެއް (ފޮޓޯ/އިސްމާއިލް އަޒްމީން)

ރައޫފް ވިދާޅުވީ، 'ކަނޑޫއޮޑި' ރޭހަށް ލިބުނު ސަމާލުކަމާ އެކު އެ ކުޅިވަރު ކުރިއަށް އޮތްތަނުގައި ވެސް  އެ ރަށުގައި ކުރިއަށް ގެންދިއުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށެވެ.

"އަދި ނުވެސް ނިންމަން ކިހިނެއްތޯ ކުރިއަށް ގެންދާނީ. ރަށު ފެންވަރުގައިތޯ، އަތޮޅު ފެންވަރުގައިތޯ ނުވަތަ ގައުމީ ފެންވަރުގައިތޯ. އަޅުގަނޑުމެން މި ރަށުގައި ގެންދާ ހަރަކާތްތައް ގެންދަނީ ވަރަށް ބޮޑެތި ހަރަކާތްތަކެއްގެ ގޮތުގައި،" އޭނާ ވިދާޅުވި އެވެ. 

ކަނޑޫއޮޑި ރޭހުގެ ފޯރި އާއި މަޖާ (ފޮޓޯ/އިސްމާއިލް ނާއިލް އަޒްމީން)

އެ ރަށުގެ މި ކުޅިވަރަށް ލިބުނު ތަރުހީބާ އެކު ރައޫފް ވެސް ހުންނެވީ އާ ހިތްވަރެއްގަ އެވެ. ކެނދިކުޅުދޫގެ 'ކަނޑޫއޮޑި'ރޭހަށް އާންމުންގެ އޮތީ ތައުރީފާއި އައްސަރިބަހާއި ސާބަހެވެ. އަދި އެކަމުގައި އިސްނެގި ޒުވާނުންނާއި ރަށުގެ ރައްޔިތުން އަދި ކައުންސިލަށް ވެސް ސާބަހެވެ. ތި ދެއްކީ ސަޅި ނަމޫނާއެކެވެ. 

"ވަރަށް ރަނގަޅު އަދި ތަފާތު މަސައްކަތެއް. މިއީ އަޅުގަނޑުމެންގެ ތެރޭގައި އާލާކުރަން ޖެހިފައިވާ އުފެއްދުންތެރި އަދި އީޖާދީ ސަގާފަތުގެ ރީތި ނަމޫނާއެއް،" ކެނދިކުޅުދޫގެ ކަނޑޫރޭހަށް ތައުރީފް ކުރި މީހަކު ބުނެފައިވެ އެވެ.