ކޮވިޑުގެ ފުރަބަންދާ އެކު މި އަތޮޅު ލަންދޫގެ ގިނަ ޒުވާނުން ރަށުގައި އަތް އުރާލައިގެން ތިބެން ޖެހުން އެ މީހުން ނެގީ ބޮޑު ފުރުސަތެއްގެ ގޮތުގަ އެވެ. އާ އަހަރުގެ ފުރަތަމަ ދުވަހު މިދިޔަ ހުކުރު ދުވަހު "ކުޅިދޮށު ޕާކު"ގެ ނަމުގައި އެ ރަށުގައި ހުޅުވި ނޭޗާ ޕާކަކީ އެ ޒުވާނުންނަށް ލިބުނު ހުސް ފުރުސަތުގެ ބޭނުން ހިފައި ރަށަށް ދިން ބޮޑު ހަދިޔާ އެކެވެ.
ރަށުގެ ޗަކަ ބިން އޮންނަ ސަރަހައްދުގައި ޕާކެއް ތަރައްގީ ކުރަން އިސްނަގައި އެ މަސައްކަތް ކުރުމުގައި އުޅުނު 40 އަކަށް ޒުވާނުންގެ ތެރެއިން އަހުމަދު ރަޝީދު "ނޫނޫ ޑެއިލީ"އަށް ބުނީ މި ޕާކު ހެދުމުގެ މަސައްކަތް ފެށީ މީގެ ދެތިން މަހެއްހާ ދުވަސްކުރިން ކަމަށެވެ. އޭނާ ބުނި ގޮތުގައި އެ ޕާކު ހެދުމުގެ ހިޔާލު ޒުވާނުންތަކެއްގެ މެދުގައި އުފެދުނީ ޗަކަ ބިމުގެ ތެރެއަށް ވަދެގެން އުޅުނު އިރު މީގެ ކުރިން ނުފެންނަ އެތައް ގުދުރަތީ ރީތިކަމެއް އެތަނުން ފެންނަން ފެށުމުންނެވެ.
"މީހުން އާންމުކޮށް ޗަކަ ބިން މި އޮންނަ ސަރަހައްދަށް ނުއެއް ވަންނާނެ. އަޅުގަނޑުމެން އެތަނަށް ވަދެ އުޅޭއިރު އާންމުންނަށް ނުފެންނަ އެތައް އެތައް ގުދުރަތީ ރީތި މަންޒަރުތައް ފެނޭ. އެތަންތަން އާންމުންނަށް ދައްކާލުން އަޅުގަނޑުމެންގެ މަގުސަދަކަށްވީ،" އަހުމަދު ރަޝީދު ބުންޏެވެ.
ޕާކުގެ ހެދުމުގެ މަސައްކަތް ފަށަން އެންވަޔަރުމަންޓް މިނިސްޓްރީ އާއި ކައުންސިލުން ހުއްދަނަގައި އެ ޒުވާނުން މަސައްކަތް ފެށީ އެކަމަށް ޝައުގުވެރިވާ ޒުވާނުންނާއި ރަށުގެ އެހެން ހެޔޮ އެދޭ މީހުންގެ އަތުން 100 އެއްހާ ރުފިޔާގެ ޗަންދާއެއް ނަގައި 5،000 އެއްހާ ރުފިޔާ ހަމަކޮށްގެންނެވެ.
އަހުމަދު ރަޝީދު ބުނި ގޮތުގައި ރަށުގެ މީހުންގެ ފަރާތުން ލިބުނީ ހީކުރި ވަަރަށް ވުރެ ބޮޑު އެއްބާރުލުމެކެވެ.
"ރަށުގެ ކުދި ބޮޑު އެންމެން މިކަމުގައި އަޅުގަނޑުމެންނަށް އެއްބާރުލުން ދިން. އެގޮތުން ރަށުގެ އަންހެން ބޭފުޅުން އަޅުގަނޑުމެންނަށް ކެއުންތައް ގެނެސްދީ އެހެން ގޮތްގޮތުން ސަޕޯޓްކޮށްދިން. ދެން ރަށުގައި މަގު ހެދުމާއި ގޯތި ދޫކުރުމާ މިކަހަލަ މަޝްރޫއުތަކެއް ހިނގަމުން ދާތީ އެތަނުން ބައެއް ސާމާނާއި އެހީތެރިކަން އަޅުގަނޑުމެންނަށް ލިބުނު،" ގާތްގަނޑަކަށް 28،000 ރުފިޔާ ހަރަދުކޮށްގެން ހެދި އެ ޕާކާ ގުޅޭ ގޮތުން އަހުމަދު ރަޝީދު ބުންޏެވެ.
އެތަން ހެދުމުގައި އެ ސަރަހައްދުން ގަސްކަނޑާފައެއް ނުވެ އެވެ. ޕާކަށް ލަކުޑި ހޯދީ ގެވަޅު ދޭން ކަނޑާލަން ޖެހުނު ބައެއް ގަސްތައް ބުރިކޮށްގެންނެވެ.
އޭނާ ބުނީ ޕާކު ހެދުމުގައި ބަލާފައި ވަނީ ވީހާވެސް ބޮޑަކަށް އެތަނުގެ ރީތިކަން އާންމުންނަށް ފެންނާނެ ގޮތަކަށް ތަން ފަރުމާކުރުމަށެވެ. އެގޮތުން ލަކުޑިން ވޯކްވޭ ހަދައި އުނދޯލިގެއަކާއި ހަޓެއް އަދި ވަށައިގެންވާ މާހައުލު ބަލައިލަން އިށީންދެލައިގެން ތިބެވޭނެ ލަކުޑި ބެންޗުތައް ވެސް އެ ޕާކުގައި ހަދާފައިވެ އެވެ.
"ބޮޑަށް ރިސޯޓެއްގެ ވޯޓާ ވިލާ ކޮންސެޕްޓް އަޅުގަނޑުމެން ބަލާފައި އެވަނީ. މިތަނުގައި އިށީންދެލައިގެން ތިބޭ އިރު މުޅިތަނުން މިތަނުގެ ރީތިކަން ފެންނާނެ،" އަހުމަދު ރަޝީދު ބުންޏެވެ.
--
*އެޑިޓަރުގެ ނޯޓް: މި ލިޔުމަކީ 2021ގެ ޖެނުއަރީގައި ނޫނު ޑެއިލީގައި ޝާއިއުކޮށްފައިވާ ލިޔުމެއް. މި ލިޔުން މި ނޫހުގައި މި ޝާއިއުކުރީ އެފަރާތުގެ އިޒުނައާ އެކު.