ރާއްޖޭގެ މޫސުން ބަލާ ހަވަނަ އޮބްޒަވޭޓަރީ މި އަތޮޅު މާފަރުގައި ގާއިމްކުރަން މޫސުމާބެހޭ އިދާރާ، މެޓް އޮފީހުން ނިންމައިފި އެވެ.

މިއީ ޔުނައިޓެޑް ނޭޝަންސް މަލްޓިޕާޓީ ޓްރަސްޓް ފަންޑް އާއި ވޯލްޑް މީޓިއޮރޮލޮޖިކަލް އޯގަނައިޒޭޝަންގެ މާލީ އެހީތެރިކަމާ އެކު ކުރިއަށްގެންދާ މަޝްރޫއެއްގެ ބައެކެވެ. 

މެޓް އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އެ މަޝްރޫއަކީ ޔުނައިޓެޑް ނޭޝަންސް އެންވަޔަރަމެންޓް ޕްރޮގްރާމް (ޔޫއެންއީޕީ) އާ ގުޅިގެން ހަތަރު އަހަރު ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މަޝްރޫއެކެވެ. އެ މަޝްރޫއުގެ ދަށުން މިހާރު ހުރި ހަތަރު މެޓް އޮފީހުގެ އާލާތްތަކުގެ ފެންވަރު ރަނގަޅުކުރުމުގެ އިތުރުން، މާފަރުގައި މޫސުން ބަލާ އާ ސްޓޭޝަނެއް ގާއިމްކުރާނެ އެވެ. 

"މީގެ ސަބަބުން ރާއްޖޭގެ މޫސުން ބަލާ ވިއުގައިގެ ފެންވަރު ރަނގަޅުވެ ދުރާލައި އިންޒާރު ދޭ ނިޒާމު އިތުރަށް ހަރުދަނާވުމުގެ އިތުރުން ދުނިޔޭގެ މޫސުމާ ބެހޭ އޮބްޒަވޭޝަން ނެޓްވޯކަށް ރާއްޖޭން ފޯރުކޮށްދޭ މޫސުމާ ބެހޭ މައުލޫމާތުގެ ފެންވަރު ވެސް އިތުރަށް ރަނގަޅުވެގެންދާނެ," މެޓް އޮފީހުގެ ބަޔާނުގައި ބުނެފައިވެ އެވެ.

މިހާރު ރާއްޖޭގައި މޫސުން ބަލާ އޮބްޒަވޭޓަރީތައް ހުރީ ހުޅުލެ، ހަނިމާދޫ، ކައްދޫ، ކާޑެއްދޫ އަދި އައްޑޫ، ގަމުގަ އެވެ. އެހެންކަމުން، މާފަރުގެ މޫސުން ބަލާ މަރުކަޒު ވާނީ އެފަދަ ހަ ވަނަ ތަނަށެވެ. 

މީގެ އިތުރުން ރާއްޖޭގެ 20 ރަށެއްގައި އޮޓޯމޭޓެޑް ވެދާ ސްޓޭޝަންތަކާއި، ހަނިމާދޫ، ހުޅުލެ އަދި އައްޑޫ ގަމުގައި ދިޔަވަރު ބަލާ ސްޓޭޝަންތައް ހުރެ އެވެ.

މާފަރުގައި މޫސުން ބަލާ މަރުކަޒެއް ހެދުން ހިމެނޭ ޕްރޮޖެކްޓް ފެށުމަށް 4 ޖޫން 2025ގައި ބޭއްވި ރަސްމިއްޔާތު

މި މަޝްރޫއުގެ ތެރެއިން އައްޑޫ ގަމުގައި ހުންނަ، ވައިގެ މަތީ ފަށަލަތަކުން މޫސުމާ ބެހޭ މައުލޫމާތު އެއްކުރާ ނިޒާމު (ރޭޑިއޯސޮންޑޭ) މަރާމާތުކޮށް އަލުން ބޭނުންކުރަން ފެށުމުގެ މަސައްކަތް ވެސް ކުރާނެ އެވެ. 

އެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށް މިއަދު ވަނީ މަސައްކަތު ބައްދަލުވުމެއް ވެސް ބާއްވައިފަ އެވެ. އެ ބައްދަލުވުމުގައި މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް އާއި ޔޫއެންއީޕީގެ އިތުރުން ފިންނިޝް މީޓިއޮރޮލޮޖިކަލް އިންސްޓިޓިއުޓް އަދި ރާއްޖޭގެ ކަމާބެހޭ އެކި މުއައްސަސާތަކުން 40 ބޭފުޅުން ބައިވެރިވެވަޑައިގެންނެވި އެވެ.