މިފަހުން މި އަތޮޅު ވެލިދޫގައި ބޭއްވި، "ކްރެކް އޮފް ޑޯން" އެގްޒިބިޝަނުން ވެލިދޫގެ އެތައް ހުނަރުވެރި ޒުވާނުންތަކެއްގެ ރީތި ހިތްގައިމު ކުރެހުންތަކެއް ފެނިގެން ދިޔަ އެވެ. އެ ހުނަރުވެރިންނަށް އެތައް ބައެއްގެ ތައުރީފް އޮހުނެވެ. ފޮރުވިފައި ތިބި އެތައް އާ ހުނަރުވެރިންނެއްގެ ހުނަރު ހަފޮޅުން ބޭރުވި އެވެ. އެކަމަކު މިއީ އިއްތިފާގެއް ނޫނެވެ. މިއީ، ވެލިދުއަށް އުފަން ރަށުގައި ދިރިއުޅޭ ވެލިދޫގެ ހުނަރުވެރި ޒުވާނެއްގެ އިސްނެގުމެއްގެ ނަތީޖާ އެވެ. އޭނާ ދެކުނު ހުވަފެނެއް ހަގީގަތަކަށް ވުމެވެ. މި ހުނަރުވެރިން އުފެއްދުމުގެ ފަހަތުގައި ހުރީ ވެލިދޫގެ އުމުރުން 22 އަހަރުގެ އަހުމަދު ޝާޒިން މުހައްމަދެވެ. މި ޒުވާނުން އާޓިސްޓު އަންނަނީ "ކޯޓެކްސް"ގެ ނަމުގައި ވެލިދޫގައި އާޓްޝޮޕެއް ވެސް ހިންގަމުންނެވެ.
"ދި އައިލެންޑް އާޓިސްޓް" ގެ ނަމުގައި މަޝްހޫރުވެފައިވާ މި ހުނަރުވެރިޔާ ޝާޒިން "ނޫނު ޑެއިލީ"އަށް ބުނީ އޭނާއަށް ލިބިފައިވާ ހުނަރު ރަށުގެ ޒުވާނުންނަށް އުގަންނައިދީ އެ މީހުން ކުރިއެރުވުމަކީ އޭނާ އަބަދުވެސް ދެކެމުން އައި ހުވަފެނެއް ކަމަށެވެ. އެހެން ނަމަވެސް، މިހުރިހާ ދުވަހު ހަމަ އެކަނި ހިޔާލެއްގެ ގޮތުގައި އެކަން އޭނާ ސިކުނޑީގައި އޮތީ ބާއްވައިފަ އެވެ. އެކަމަކު އެކަން ކުރެވޭޭނޭ މަގުތައް އޭނާ ދިޔައީ ހޯދަމުންނެވެ. އެގޮތުން ވެލިދޫ ޔޫތް ސެންޓަރާ އޭނާ ވާހަކަ ދެއްކީ ވަރަށް ކުރު މުއްދަތުގެ އާޓް ކުލާސްތަކެއް ބާއްވާފައި އެކަން އެ ހިސާބުން ނިންމާލާށެވެ. ޝާޒިން ބުނި ގޮތުގައި އާޓް އެގްޒިބިޝަނެއް ބާއްވާކަން އޭރު އޭނާގެ ހިޔާލަކު ނެތެވެ.
ޔޫތް ސެންޓަރު ލިބުނު ސަޕޯޓާ އެކު، 16 އަހަރުން ދަށުގެ ކުދިންނަށް އާޓް ކުލާސްތަކެއް އޭނާ ހިންގަން ފެށި އެވެ. ހީކުރި ވަރަށް ވުރެ އެ ކުލާސްތަކަށް ތަރުހީބު ބޮޑުވި އެވެ. ޖުމްލަ 58 ބައިވެރިއަކު ކުލާސްތަކުގައި ބައިވެރިވެ އޭނާގެ ކައިރިން އާޓް ދަސްކުރަން ފެށި އެވެ. ގާތްގަނޑަކަށް މަހެއްހާ ދުވަހަށް ޝާޒިން ކުރިއަށް ގެންދިޔަ އެ ކުލާސްތައް ހިނގަމުން ދިޔައިރު، އޭނާގެ ސިނކުޑީގައި ދެން ރާވަމުން ދިޔައީ އޭނާ ފެށި މި ކުޑަކުޑަ މަސައްކަތް އެއަށް ވުރެ ބޮޑުކުރާށެވެ. އެހެން ހަރުފަތަކަށް އެ މަސައްކަތް ގެންދާށެވެ. "ކްރެކް އޮފް ޑޯން"ގެ ހިޔާލު އުފަންވީ އެ ހިސާބުން ކަމަށް ޝާޒިން ބުންޏެވެ.
"ހިތަށް އެރީ މި ހިސާބުން އަދި ނުނިންމާނަމޭ. މި ކުދިންގެ ހުނަރު ރަށަށް ދައްކާލަންވާނޭ، މި ކުދިން މި ކުލާސްތަކުން ހޯދި ކުރިއެރުން އަގު ވަޒަން ކުރަން ވާނޭ. އެ ހިސާބުން ހިތަށް އެރީ ކުލާހުން ފާހަގަކޮށްލެވޭ ކުދިންގެ ކުރެހުންތަކާއި ކުލާހުގައި ބައިވެރިވި އެހެން ބައެއް ކުދިންގެ ކުރެހުންތައް އެގްޒިބިޓް ކުރަން. އެ ހިސާބުން އަމިއްލައަށް ނަމެއް ހޯދާ ބްރޭންޑިން ހަދާ ކުލާސްތައް ނިމެންވީއިރު މިކަމަށް ތައްޔާރުވީ. ގާތްގަނޑަކަށް 19 ކުއްޖެއްގެ ކުރެހުން މި އެގްޒިބިޓް ކުރީ. އެކަމަކު އެހެން ކުދިންގެ ކުރެހުންތައް ވެސް އެގްޒިބިޝަންގައި ދައްކާލަން ހުންނާނެ ބަހައްޓާފައި،" ޝާޒިން ބުންޏެވެ.
އެގޮތުން ރިއަލިޒަމް، ސެމީއެބްސްޓްރެކްޓް، ސުރިއަލިޒަމް އަދި ހަމައެއާއެކު ކޮފީ ޕެއިންޓިންގްސް ވެސް އެގްޒިބިޓްކުރި އެވެ. އަދި އެ ކުލާހުގެ ބައެއް ދަރިވަރުން އެ އެގްޒިބިޝަންގައި ވަގުތުން ވެސް އެ ކުދިންގެ އާޓުތައް ދިޔައީ ދައްކާލަމުންނެވެ.
އަސްލު ވަރަށް ސަޕްރައިޒްވި ރަށުގެ މީހުން މި އެގްޒިބިޝަނަށް ޒިޔާރަތްކޮށް އަލަށް އުފެދުނު އާޓިސްޓުންނަށް ހިތްވަރު ދިނީމާ. އަސްލު ހިޔެއްވެސް ނުކުރަން އާޓިސްޓުންތަކަކަށް ރަށެއްގެ ބަޔަކު މިވަރުގެ ތަރުހީބެއް، ހިތްވަރެއް ދޭނެއެކޭޝާޒިން
ޝާޒިން ހައިރާންވި އެއްކަމެއް އޮތެވެ. ވެލިދޫގެ ކުދި ބޮޑު އެންމެން އެ އެގްޒިބިޝަނަށް ދިން ސަމާލުކަމެވެ. އެ އާޓް އެގްޒިބިޝަންގެ ފޮޓޯތައް ސޯޝަލް މީޑިއާގައި ވަރަށް ބާރަށް ފެތުރި، "ކްރެކް އޮފް ޑޯން" އެގްޒިބިޝަން މުޅި ރާއްޖޭގެ ސަމާލުކަމަށް އައެވެ. ޝާޒިން ބުނި ގޮތުގައި އެއީ އޭނާ އެއްގޮތަކަށް ވެސް އުންމީދު ކުރި ފަދަ ތަރުހީބެއް ނޫނެވެ.
"އަސްލު ވަރަށް ސަޕްރައިޒްވި ރަށުގެ މީހުން މި އެގްޒިބިޝަނަށް ޒިޔާރަތްކޮށް އަލަށް އުފެދުނު އާޓިސްޓުންނަށް ހިތްވަރު ދިނީމާ. އަސްލު ހިޔެއްވެސް ނުކުރަން އާޓިސްޓުންތަކަކަށް ރަށެއްގެ ބަޔަކު މިވަރުގެ ތަރުހީބެއް، ހިތްވަރެއް ދޭނެއެކޭ،" ޝާޒިން ބުންޏެވެ.
އެ ހައިރާންކަމަށް ވުރެވެސް ބޮޑަށް ޝާޒިން ހުރީ މިއަދު އުފާވެ ހިތްހަމަޖެހިފަ އެވެ. ހަގީގަތުގައި އޭނާ ފެށި ކުޑަކުޑަ މަސައްކަތުން ރަށްފުށުގެ ރަށަކުން އެތައް އާޓިސްޓުންތަކެއް އުފަންވީ އެވެ. އަދި ރަށުގެ ރައްޔިތުން ދިން ތަރުހީބުން އެ ކުދިންނަށް އާ ހިތްވަރެއް ގެނެސްދިނީ އެވެ. ކުލަފިހި ދޫކޮށްނުލުމުގެ ރޫހެއް އެކުދިންގެ އުފެދުނީ އެވެ.
މިކަމުގައި އަޅުގަނޑުގެ ފެމިލީ އަނެއްހެން ހުރިހާ ވެސް ސަޕޯޓަކީ. މަންމަ، ބައްޕަ އަދި ކޮއްކޮ. އެ އެންމެންނަށް ވަރަށް ބޮޑަށް ޝުކުރިއްޔާޝާޒިން، ދި އައިލެންޑް އާޓިސްޓް
ޝާޒިން ބުނީ، އޭނާގެ ކުލާހުގައި ބައިވެރިވި ކުދިން ކުލާސް އެއްކޮށް ފުރިހަމަ ކުރިއިރު ވަރަށް ބޮޑު ކުރިއެރުމެއް ހޯދި އެވެ. ނޭނގޭ އެތައް އާ ކަމެއް އެ ކުދިން ދަސްކުރި އެވެ. ޝާޒިން ބުނީ ގިނަ ކުދިން ކުލާހުގައި ބައިވެރިވެ ކުރިއެރުން ހޯދީ އަމިއްލަ ހިތްވަރާއި ހުރި ޝައުގެއްގެ ބޮޑުކަމުންނެވެ.
"ހުރިހާ ކުދިން ކަހަލަ ގޮތަކަށް އަމިއްލަ އިންޓަރެސްޓުގައި އައީ. އެހެންވެ، އެ ކުދިން އެ ކުރި އެރީ. އެ ކުދިންގެ ހުރި ހުނަރު ތަރައްގީ ކުރަން ގަދައަޅާ ކުރި މަސައްކަތާއި ހިތްވަރުން އެ ކުދިން ކުރި އެރީ. އެ ކުދިންނަށް މީގެ ހުރިހާ ކްރެޑިޓެއް ހަގީގަތުގައި އޮތީ،" ޝާޒިން ބުންޏެވެ.
ކްރެކް އޮފް ޑޯންގެ ފޮނި ނަތީޖާއާ އެކު ޝާޒިން ހުރީ އިތުރު އާޓްކުލާސްތައް ކުރިއަށް ގެންގޮސް ވެލިދޫގައި އާ އާޓިސްޓުންތަކެއް އުފެެއްދުމުގެ ވަރުގަދަ އަޒުމުގަ އެވެ. އެކަމަކު ޝާޒިންގެ ހުނަރާއި ކުޅަދާނަ ކަމާއި ކެރުންތެރިކަމުގެ ވާހަކަ އަދި މި ހިސާބަކުން ނުނިމެ އެވެ.
ވެލިދޫ ޕޮލިސް ސްޓޭޝަންގައި އެޑްމިނިސްޓްރޭޓިވް އެސިސްޓެންޓެއްގެ ވަޒީފާ އަދާކުރުމަށް ފަހު ގެއަށް އައިސް، އޭނާގެ ދުވާލެއްގެ ހުރިހާ ކަމެއްހެން ހާއްސަކޮށްފައި ވަނީ އާޓުގެ މަސައްކަތްތަކަށެވެ. ކޯޓެކްސްގެ ނަމުގައި އޭނާ ރަށުގައި ހިންގާ ފިހާރައަކީ ވެސް އާޓް އެންޑު ކުރާފްޓުގެ ކަންކަމަށް ބޭނުންވާ ތަކެތި ވިއްކާ ފިހާރައެކެވެ. އެ މަސައްކަތް އޭނާ ފެށީ ވެސް އާޓަށް އޮންނަ ލޯބީގަ އެވެ.
ބައްޕަގެ ފަރާތުން އާޓުގެ ތެރެއަށް ޝާޒިންއަށް ވަދެވުނު އިރު، މޮނޮޕޮލި އަސްލަކަށް ބަލައިގެން އޭނާ މިފަހުން އުފެއްދި ގޭމް "މާލްދިޕޮލީ"އަށް ވެސް އެތައް ބައެއްގެ ޝައުގުވެރިކަން ދަމައިގަތެވެ. ޝާޒިން ބުނި ގޮތުގައި އެވެސް ތަފާތު މަސައްކަތެއް ކޮށްލުމުގެ ވިސްނުމުގައި ކޮއްކޮޔާ އެކު ކުޅެލަން ވެގެން، "މޮނޮޕޮލި" އަސްލަކަށް ބަލައިގެން ދިވެހި ވަންތަ ގޮތަކަށް އޭނާ އުފެއްދި ގޭމެކެވެ. އަޖުމަ ބަލައިލަން ކުރި އެ މަސައްކަތް ސޯޝަލް މީޑިއާއަށް ދޫކޮށްލުމުން އޭނާއަށް އޯޑަރުތައް އޮހެން ފެށީ އެވެ.
ޝާޒިން ބުނި ގޮތުގައި "މާލްދީޕޮލީ" ތައްޔާރުކޮށްފައި ވަނީ ދިވެހިވަންތަ ސަގާފީ ބަދަލުތަކާ އެކު އެވެ. އާންމު މޮނޮޕޮލީގައި ކާރު ދުއްވަން ޖެހުނު ނަމަވެސް "މާލްދީޕޮލީ"ގައި އޮޑިއެއްގައި ދަތުރު ކުރަން ޖެހެނީ އެއް ރަށުން އަނެއް ރަށަށެވެ. އެގޮތުން ޝާޒިން އުފެއްދި ގޭމްގައި 28 މިލްކިއްޔާތު ކާޑު، 12 ފުރުސަތު ކާޑު، 12 ހަޒާނާ ކާޑު، 10 ހޮޓާ، 25 ގެ، 2 ޑައިސް އަދި 5 އުޅަނދު އޮވެ އެވެ. މީގެ އިތުރުން ކަނޑުމަތި އެޅުމާއި މާވަހަރެއް ލިބުން ފަދަ ކަންކަން ވެސް "މާލްދީޕޮލީ"ގައި ހިމެނެ އެވެ.
"ކްލެސިކް މޮނޮޕޮލީގެ ކޮންސެޕްޓް ހަމަ އޮންނާނީ. ބިމުގެ ބަދަލުގައި މީގައި ހުންނާނީ ރާއްޖޭގެ ވެރިކަންކުރާ ރަށްރައް. ދިވެހި ކޮންސެޕްޓަކީ ދޯނިތަކެއްގައި ރަށްތަކަށް ދަތުރުކޮށްފައި ގެއާއި ހޮޓާ އަޅައިގެން ކުޅުން" ޝާޒިން ބުންޏެވެ.
އޭނާގެ މަސައްކަތް ދައްކާލާ "ދި އައިލެންޑް އާޓިސްޓް" ފޭސްބުކާއި އިންސްޓަގްރާމް ޕޭޖުން "މާލްދީޕޮލީ"ގެ އޯޑަރު ނަގަ އެވެ. އަދި މާލެއަށް ޑެލިވަވެސް ކޮށްދެ އެވެ. ސާޒިން ބުނި ގޮތުގައި ރަށުގައި ހުރެގެން ވެސް އާޓުގެ ދާއިރާއިން ވެސް އާމްދަނީއެއް ހޯދި ދާނެ އެވެ. ބޭނުންވަނީ ހިތްވަރާއި ޝައުގާއި ކެރުން ކަމަށް ޝާޒިން ފާހަގަކުރި އެވެ. އޭނާ މިހާރު އަންނަނީ ޑިޖިޓަލް އާޓްވެސް އަމިއްލައަށް ދަސްކުރަމުންނެވެ. އޭނާ ފުރަތަަ ފެށީ ވޯޓާ ކަލާގެ ކުރެހުންތަކެވެ. އަދި މިހާރު ބޭނުން ކުރަނީ އެކްރެލިކް އެވެ.
"މިކަމުގައި އަޅުގަނޑުގެ ފެމިލީ އަނެއްހެން ހުރިހާ ވެސް ސަޕޯޓަކީ. މަންމަ، ބައްޕަ އަދި ކޮއްކޮ. އެ އެންމެންނަށް ވަރަށް ބޮޑަށް ޝުކުރިއްޔާ،" ޝާޒިން ބުންޏެވެ.
ޝާޒިން އެ ސާބިތުކޮށްދެނީ ހިތްވަރާއި ކެރުމާއި ޝައުގުވެރިކަން ހުރެއްޖެ ނަމަ، އޭނާ ބޭނުންވާ ކަމެއް ހާސިލް ކުރެވޭނެ ކަމެވެ. ރަށް ފުށުގައި ދިރިއުޅެމުން، ވަޒީފާ އަދާކުރަމުން ސާޒިން އެ ދައްކައިދެނީ ޒުވާނުންނަށް ނަމޫނާ އެކެވެ. ރަށްފުށުގައި ވެސް އަތް އުރާލައިގެން ނުހުރެ އާޓް ކުރިއެރުވިދާނެ ކަމުގެ ފުރިހަމަ ނަމޫނާނާއެއް ސާޒިން މި އަންނަނީ ދައްކަމުންނެވެ. އޭނާގެ އާޓަށް މުޅި ރާއްޖޭގެ ސަމާލުކަން އެބަ އޮތެވެ.
--
*އެޑިޓަރުގެ ނޯޓް: މި ލިޔުމަކީ 15 ނޮވެމްބަރު 2020ގައި ނޫނު ޑެއިލީގައި ޝާއިއުކޮށްފައިވާ ލިޔުމެއް. މި ލިޔުން މި ނޫހުގައި މި ޝާއިއުކުރީ އެފަރާތުގެ އިޒުނައާ އެކު.