މި އަތޮޅު މަނަދޫ ދާއިރާގެ މެންބަރު ހުސްނީ މުބާރިކު މިއަދުގެ ރައްޔިތުން މަޖިލީހުގެ ޖަލްސާގައި ވަނީ މަނަދުއަށް ދިމާވެފައިވާ ބޮޑު މައްސަލައެއް ފާހަގަކުރައްވައި ހައުސިން މިނިސްޓަރު، ޑރ. އަބްދުﷲ މުއްތޮލިބާ ސުވާލެއް ކުރިމަތިކުރައްވައިފަ އެވެ.
"މަނަދޫގައި ގާއިމްކޮށްފައިވާ ނަރުދަމާ ނިޒާމް 2014ވަނަ އަހަރުން ފެށިގެން އެއްވެސް ސްޕާއެއް ގެނެސް މަރާމާތުކުރެވިފައެއް ނުވޭ. ވެކިއުމް ސިސްޓަމެއް އެއީ، ރަށު ތެރެއަށް ނަޖިސްހަމަ ބޭރުވަމުން ދަނީ،" މެންބަރު ހުސްނީގެ ކަންބޮޑުވުން ފާޅުކުރެއްވި އެވެ.
އޭނާ ވިދާޅުވީ ނިމިދިޔަ އެމްޑީޕީ ވެރިކަމުގައި ނަރުދަމާ ނިޒާމް ހައްލުކުރަން މަސައްކަތެއްކޮށްފައެއް ނުވެ އެވެ. ހަމައެކަނި ބެލީ ފެނަކައިގެ އާ އޮފީސް އިމާރާތެއް މަނަދޫގައި އެޅޭތޯ ކަމަށް މެންބަރު ފާހަގަކުރެއްވި އެވެ.
"މިހާރު ކޮންމެވެސް ވަރަކަށް ވަގުތީ ހައްލެއް ލިބޭތޯ މަސައްކަތް ކުރަމުން އެބަ ގެންދޭ. މިކަމަށް ދާއިމީ ހައްލެއް ހޯދުމުގެ މަސައްކަތް އޮތީ ކިހާތާކުތޯ؟ މިކަމަށް ދާއިމީ ހައްލެއް ގެނައުމަށް ކުރާ މަސައްކަތަކީ ކޮބައިތޯ؟،" މެންބަރު، މިނިސްޓަރު މުއްތޮލިބާ ސުވާލުކުރެއްވި އެވެ.
ނަރުދަމާ ބަދަލުކުރާނީތޯ ނުވަތަ އަޕްގުރޭޑް ކުރާނީތޯ ނިންމަނީ
ޖަވާބުގައި މިނިސްޓަރު ވިދާޅުވީ މަނަދޫގައި ހުރި ބާވަތުގެ ނަރުދަމާ ނިޒާމްހުރި ވަރަށް ގިނަ ރަށްރަށުގައި އެ މައްސަލަ ދިމާވަމުން ދާ ކަމަށެވެ. އެހެންވެ، މަނަދޫ ހިމެނޭހެން އެފަދަ ނަރުދަމާ ނިޒާމުތައް ހުރި ރަށްރަށުގައި އެ ނިޒާމް ބަދަލު ކުރާނީތޯ ނުވަތަ މިހާރު ހުރި ސިސްޓަމް އަޕްގުރޭޑް ކުރާނީތޯ ތިމާވެއްޓާ ބެހޭ ވުޒާރާއާ އެކު މަޝްވަރާކުރަމުން ދާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"އެކަމަށް ގޮތެއް ނިންމައި އިރާދަކުރެއްވިއްޔާމުން މިއަހަރު ތެރޭގައި އެ މަސައްކަތް ފެށިގެންދާނެ،" މިނިސްޓަރު ވިދާޅުވި އެވެ.
އެ ރަށުގެ މަގުހެދުމުގެ މަޝްރޫއުގައި ވެސް އެމްޑީޕީ ސަރުކާރުގައި ސޮއިކޮށްފައިވާކަން ފާހަގަކުރައްވައި މުއްތޮލިބު ވިދާޅުވީ އެ މަސައްކަތް ވެސް ކުރިއަށް ނުގޮސް އޮތީ ނަރުދަމާގެ މައްސަލަ ހައްލު ނުކުރެވިގެން ކަމަށެވެ.
"އެއަށް ފަހު [ނަރުދަމާގެ މައްސަލަ ހައްލުކޮށްފައި] މަގު ހެދުމުގެ މަޝްރޫއު ފަށާނަން." މުއްތޮލިބު ވިދާޅުވި އެވެ.