މިއަތޮޅު ފޮއްދޫއިން މީހުން ބާލައި އެ ރަށް ފަޅުކުރާނޭ ކަމަށް ވެރިކަން ކުރާ ޕީއެންސީއަށް ނިސްބަތްވާ ރައްޔިތުން މަޖިލީހުގެ މެންބަރަކު މިއަދު މަޖިލީހުގައި ތަޅުމުގައި ގޮވާލައިފި އެވެ. އެގޮތަށް ގޮވާލާފައި ވަނީ ޕީއެންސީއަށް ނިސްބަތްވާ ވިލިމާލެ ދާއިރާގެ މެންބަރު، މުހައްމަދު އިސްމާއިލް އެވެ. އޭނާ އަކީ ޕީއެންސީގެ ޕާލިމަންޓްރީ ގުރޫޕުގައި އިސްކޮށް ހަރަކާތްތެރިވާ އެ ޕާޓީގެ އިސް ސަފުގައި ހިމެނޭ ނުފޫޒުގަދަ މެންބަރެކެވެ. 

ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް މިއަދު ވިދާޅުވި ގޮތުގައި މެންބަރު މުހައްމަދު އިސްމާއިލް އެގޮތަށް ގޮވާލެއްވީ ހުޅަނގު މޫސުމާ އެކު ފޮއްދޫއަށް ލަފާފުރަން ދަތި ވާހަކަ އޭނާ ތަޅުމުގައި ފާހަގަކުުރެއްވުމުން އެ ވާހަކަތަކަށް ރައްދު ދިނުމުގެ ގޮތުންނެވެ. 

"ވިލިމާލެ ދާއިރާގެ އިއްޒަތްތެރި މެންބަރު މުހައްމަދު އިސްމާއިލް ދެންމެ ވިދާޅުވި، ފޮއްދޫ ރައްޔިތުން ފޮއްދޫން ބާލާނަމޭ،" މެންބަރު އައްބާސް ވިދާޅުވި އެވެ. 

އޭނާ ވަނީ މުހައްމަދު އިސްމާއިލްގެ އެ ވާހަކަތަކަށް ރައްދު ދެއްވައިފަ އެވެ.

ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް މިއަދު މަޖިލީހުގައި ވާހަަކަ ދައްކަވަނީ (ފޮޓޯ/މަޖިލިސް)

'ފޮއްދޫން މީހުން ބާލަން ލާހިކެއް ނޫން'

މެންބަރު އައްބާސް ވިދާޅުވީ ވެލިދު އާއި ޅޮހީގެ ރައްޔިތުން ގޮސް، ފޮއްދޫގެ ރައްޔިތުން އެ ރަށުގައި ބައިތިއްބާނޭ ކަމަށެވެ. އެފަދަ ކަމެއް ކުރަން ނޫޅުމަށް އޭނާ އިންޒާރު ކުރެއްވި އެވެ. 

"އެކަމެއް ނުކުރެވޭނެ ނުބޭލޭނެ... ވަރަށް ސާފުކޮށް މި ދަންނަވަނީ ތަނެއް ތަރައްގީ ނުވުމަކީ ތަނެއް ތަރައްގީ ނުވާ ވާހަކަ ދެއްކުމަކީ އެތަނަކުން ރައްޔިތުން ބާލަން ޖެހޭ ކަމެއް ނޫން،" އައްބާސް ވިދާޅުވި އެވެ. 

"ވެލިދޫ ހޮސްޕިޓަލް ނޭޅޭ ވާހަކަ ދެއްކީމާ، ވެލިދޫ ރައްޔިތުން ނުޖެހޭ ވެލިދޫން ބާލަން ގޮވާކަށް. ޅޮހީގެ ނަރުދަމާ ނުނިމުނީމާ އެ ވާހަކަ ދެއްކީމާ ޅޮހީ ރައްޔިތުން ނުޖެހޭނެ ބާލާނަމޭ ގޮވާކަށް. ނުގޮވޭނެ." 

ފޮއްދޫ މަގުމަތިން ބަޔަކު ހިނގާފައި ދަނީ: މިއީ މި ރަށުގެ އެންމެ އާބާދީ މަދު ރަށް (ފޮޓޯ/ވާޗުއަލް ޓްއާޒް މޯލްޑިވްސް)

ފޮއްދުއަކީ މި އަތޮޅު އެންމެ އާބާދީ މަދު ރަށް ނަމަވެސް ގުދުރަތީ ރީތިކަން އެ ރަށަށް ލިބިފައިވެ އެވެ. އަދި ރަށު ފެތުރުވެރިކަމުގައި އެންމެ ބޮޑަށް ކުރިއަރާފައިވާ ރަށަކީ މިހާރު އެ ރަށެވެ.

ފޮއްދޫގެ އާބާދީ، އެންމެ ފަހުގެ ބޯ ހިމެނުމުން: 

  • ޖުމްލަ ދިރިއުޅޭ މީހުން: 344
  • ބިދޭސީން: 44 
  • ދިވެހިން: 65

ފޮއްދޫގެ އާބާދީ ކުޑަވުމުން އެ ރަށުގެ ރައްޔިތުން ވެލިދޫ ފަދަ އާބާދީ ބޮޑެތި ރަށްތަކަށް ބަދަލު ކުރުމުގެ ވާހަކަތަކެއް މީގެ ކުރީ ސަރުކާރުތަކުގައި ދައްކާފައިވެ އެވެ. 

ފޮއްދޫގައި މެންބަރު އައްބާސް، ސާއްބަ ސަމާ ސުއިޓްގެ ނަމުގައި ގެސްޓްހައުސް ހިންގަވަ އެވެ. އޭނާ އަކީ އެ ރަށުގައި އެ މަސައްކަތް ފެށި ފުރަތަމަ ފަރާތެވެ. އެއާ އެކު އެ ރަށަށް ދިރުން ލިބި އިތުރު ފަރާތްތަކުން ވެސް އެ ރަށުގައި ގެސްޓްހައުސް ހެދުމުގެ މަސައްކަތް ފަށާފައިވެ އެވެ.