"އެއް ހަފްތާ ވަންދެން މިދާ ގަދަ ހުޅަނގު ވިއްސާރައިގައި... ނ.ފޮއްދޫ ރައްޔިތުން އެތިބީ ރަށު ބަންދުވެފައި. މުޅި މާލެއިން ފަތުރުވެރިކަމުގެ އެންމެ ވަރުގަދަ އެއް ހަބް މިއޮތީ ރަށު ބަންދުވެފައި. ރަށަށް ލަފާނޭ ބަޔަކު، ރަށުން ބަޔަކު ބޭލޭނޭ ގޮތެއް. ޑޮޮކްޓަރަށް ދައްކަން ދާނެ ގޮތެއް ނެތް،" ފޮއްދޫ ތަމްސީލްކުރާ ވެލިދޫ ދާއިރާގެ މެންބަރު މިދިޔަ އަންގާރަ ދުވަހު މަޖިލީހުގެ ޖަލްސާގައި ކަންބޮޑުވުން ފާޅުކުރެއްވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ފޮއްދޫގައި ރައްކާތެރި ބަނދަރެއް ހަދައިދިނުމަށް އެދެމުން އަންނަތާ އެތައް ދުވަހެކެވެ. އާދޭސް ވެސް ކުރެވިއްޖެ އެވެ. ސިޓީ ވެސް ފޮނުވިއްޖެ އެވެ. މަޖިލީހުގައި މިނިސްޓަރާ ސުވާލު ވެސް ކުރެވިއްޖެ އެވެ.

މެންބަރު އައްބާސް ސުވާލުކުރެއްވީ ރައްޔިތުންނަށް އޮތީ ސަރުކާރުގައި މިގޮތަށް ސަލާން ޖަހާލަޖަހާލައި ތިބެން ހެއްޔެވެ؟

"ލާމަރުކަޒީ ގާނޫނު މައްސަލަތޯ އެއީ ރަށު ކައުންސިލަރުންގެ މައްސަލަތޯ އެއީ ފޮއްދޫގައި ބަނދަރެއް ނެތުމަކީ،" އައްބާސް ސުވާލުކުރެއްވި އެވެ. 

ފޮއްދޫގައި ލަފައިފުރަން އޮންނަނީ ހުޅަނގު އުތުރުކޮޅަށް ކަނޑާހަމައަށް އަޅާފައި އޮންނަ ޖެޓީއެކެވެ. އެ ޖެޓީ ހެދީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގަ އެވެ. އެކަމަކު، މޫސުން ގޯސްވާ ކޮންމެ ފަހަރަކު އެ ޖެޓީ ބޭނުމެއް ނުކުރެވެ އެވެ. ހާއްސަކޮށް އިރުވައި މޫސުމުގަ އެވެ. އެހެންވެ، ރަށަށް އަރައި ފޭބޭނޭ ގޮތެއް ނެތި އެތައް ދުވަސްތަކެއް އެ ރަށުގެ ރައްޔިތުން ތިބެންޖެހެ އެވެ.

ފޮއްދޫ ޖެޓީ ސަރަހައްދު (ފޮޓޯ/މޯލްޑިވްސް ވާޗުއަލް ޓްއާ)

"ވަރަށް އުނދަގޫ އިނގޭތޯ. ހަމަ ގެންނަ މުދާކޮޅު ވެސް ތެމި ހަލާކުވެފައި ވެސް އެބަހުރި. މި މައްސަލަ ކުރިމަތިވާރާ ވަރަށް ދުވަސްވެއްޖެ. މި އުނދަގުލުގައި ރައްޔިތުން އުޅެނީ. ހައްލެއް އަދި ނުލިބޭ،" ފޮއްދޫ ކައުންސިލްގެ ރައީސް، މުހައްމަދު މޫސާ ވިދާޅުވި އެވެ.

އެ މައްސަލަ ހައްލުކުރަން ރަށުގެ ހުޅަނގު ފަޅީގައި ވައިނިވައިވާ ސަރަހައްދުގައި ބަނދަރެއް ހަދަން ރައްޔިތުންގެ އެދުމުގެ މަތިން ކައުންސިލުން ވަނީ ސަރުކާރުގައި އެދިފަ އެވެ. މައްސަލައަކީ އެ މަޝްރޫއު ކުރިއަށް ނުދާތީ އެވެ. އެކަމަކު ކައުންސިލްގެ ރައީސް އުންމީދު ކަނޑައެއް ނުލަ އެވެ. 

ފޮއްދޫ ޖެޓީ ސަރަހައްދު (ފޮޓޯ/މޯލްޑިވްސް ވާޗުއަލް ޓްއާ)

"ދެން ހިއެއް ނުވޭ އެ މަޝްރޫއު ލަސްވާނެހެން،" މުހައްމަދު މޫސާ ވިދާޅުވި އެވެ. 

މޫސުން ގޯސްވާ ކޮންމެ ފަހަރަކު ފޮއްދުއަށް ލަފާފުރަން އެހާ އުނދަގޫ ވަނީ އެ ރަށަކީ ބަރަވެލިކަނޑުގެ މޫނުމަތީ އޮންނަ ރަށަކަށް ވާތީ އެވެ. އެއީ ވަރަށް ބިޔަ ރާޅުތައް ނަގާ ކަނޑެކެވެ. 

ފޮއްދޫގެ އާބާދީ ކުޑަ ނަމަވެސް ރަށު ފަތުރުވެރިކަމުގައި މިއީ މިއަތޮޅުގައި އެންމެ ކުރިއަރާފައިވާ ރަށެވެ. ގުދުރަތީ ރީތިކަން ލިބިފައިވާ ރަށެކެވެ. އަދި ފޮއްދޫގައި ވެސް ދިރިއުޅެނީ ރައްޔިތުންނެވެ. އެ މީހުންނަށް ވެސް ރަށުން އަރައި ފޭބޭނޭ ރައްކާތެރި ގޮތެއް ބޭނުންވެ އެވެ. މޫސުން ގޯސްވާ ކޮންމެ ފަހަރަކު ރަށު ބަންދުގައި ތިބުމަކީ ފޮއްދޫ ރައްޔިތުންނަށް ހައްގު މިންވަރެއް ނޫނެވެ.