ސަރުކާރުގެ ސިޔާސަތުތަކާމެދު ރައްޔިތުން ކުރި ފޮނި އުއްމީދުތައް ކިލަނބުވަމުންދާ ކަމަށާއި ސަރުކާރުގެ ސިޔާސީ މަގާމުތަކުގައި ތިބި %80 މީހުން ވެސް ސަރުކާރުގެ ސިޔާސަތުތަކަށް ތާއީދު ނުކުރާކަމަށް ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް ފާހަގަކުރައްވާ ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެ އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީން ހުޅުމާލޭ ހިޔާ ފްލެޓްތައް ސަރަހައްދަށް މިދިޔަ ހުކުރު ދުވަހުގެ ރޭ ވަޑައިގަތް ވީޑިއޯ ފޭސްބުކުގައި ހިއްސާކުރައްވައި އައްބާސް އޭނާގެ ފޭސްބުކް ޕޭޖްގައި ލިޔުއްވި ގޮތުގައި ސަރުކާރު ދިފާއު ކުރަން ބަހެއް ބުނެލާނެ ރައްޔިތަކާ މިހާރު ދިމައެއް ނުވެ އެވެ. އަދި ވެރިކަން ކުރާ، ޕީއެންސީ އަކީ ފިކުރެއް ނޫންކަން ޔަގީނުން ވެސް ބުނަން އިނގޭ ކަމަށް އައްބާސް ވިދާޅުވެފައިވެ އެވެ.
މީގެ އިތުރަށް ފިޗުން ރާއްޖެއާ ގުޅޭ ގޮތުން މިދިޔަ ބުރާސްފަތި ދުވަހު ނެރުނު ރޭޓިންއާ ގުޅުވައި އެއްބާސް ވިދާޅުވީ މިހާރު މިދާގޮތަށް ދާނަމަ ގައުމު ބަނގުރޫޓުވެ ރައްޔިތުން ވަރަށް ނިކަމެތި ހާލުގައި އުޅެން ޖެހިދާނެކަމުގެ ބިރު ބޮޑުވެފައިވާ ކަމަށެވެ. ޑޮލަރުގެ އަގު އިންތިހާއަށް ބޮޑުވަމުންދާކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ ވިޔަފާރިވެރިންނަށް ބޭނުންވާ ޑޮލަރު ނުލިބުމުގެ ސަބަބުން ބޭރުން މުދާ ގެނައުމަށް ދަތިވެ، ތަކެތީގެ އަގުތައް މަތިވަމުންދާ ކަމަށެވެ.
"ދިރިއުޅުމުގެ ހަރަދުތައް ރައްޔިތުންނަށް އުފުލޭވަރަށްވުރެ މިދަނީ މަތިވަމުން،" އައްބާސް ލިޔުއްވާފައިވެ އެވެ.
އައްބާސް ގޮވާލައްވާފައި ވަނީ ސަރުކާރުން އެކަންކަމާ މެދު ފުންކޮށް ވިސްނައި ސަރުކާރުގެ ސިޔާސަތުތައް ރަނގަޅު ކުރުމަށް އަވަސް ފިޔަވަޅުތަކެއް އަޅަން ޖެހޭ ކަމަށެވެ.