އުޑުމަތީގައި ތަރިތައް ވިދާ ބަބުޅާހެން ރާއްޖޭގެ ބައެއް ރަށްތަކުގެ މޫދު ރޭގަނޑު ވަގުތުތަކުގައި ވިދާ ބަބުޅާތަން ފެންނަ ފޮޓޯތައް ދުނިޔޭގެ ސަމާލުކަމަށް އެކި ފަހަރުމަތިން އައިސްފައިވެ އެވެ. އެގޮތުން ބ. އަތޮޅު ދުސިތާނީ ރިސޯޓާއި ރ. ވާދޫ ގޮނޑުދޮށުގައި ރެދަންލައި ދިއްލިފައިވާ ފޮޓޯތަކަކަށް އެތައް ބައެއްގެ ސަމާލުކަމަށް މީގެ ކުރިން އައިސްފައިވެ އެވެ. މިއީ އެތައް ބަޔަކަށް ހާއްސަކޮށް ރާއްޖެ ޒިޔާރަތްކުރާ ޓޫރިސްޓުންނަށް ވަރަށް ހާއްސަ މަންޒަރަކަށްވި އެވެ. އެ ވާހަކަ ހައިރާންކަމާ އެކު އެތައް ބަޔަކު ދެއްކި އެވެ.
މިފަދަ ޗާލު މަންޒަރެއް، މި އަތޮޅުގައި ގެސްޓްހައުސް ވިޔަފާރި އެންމެ ބޮޑަށް ފުޅާވެފައިވާ ފޮއްދޫގެ ގޮނޑުދޮށުން ދަނީ ފެންނަމުންނެވެ. އެ ރަށުގައި އެންމެ ފުޅާ ދާއިރާއެއްގައި ގެސްޓްހައުސް ވިޔަފާރި ކުރާ ސާއްބަ ސަމާ ސުއިޓްގެ އެއް ހިއްސާދާރު އަބްދުﷲ އައްބާސް "ނޫނު ޑެއިލީ"އަށް ބުނީ އާންމުކޮށް ފޮއި މޫސުމުގައި ރެދަން ލުމަކީ ފޮއްދޫ ގޮނޑުދޮށުން އާންމުކޮށް ފެންނަ މަންޒަރެއް ކަމަށެވެ. އަދި ދިޔަވަރު ބޮޑަށް ހިކޭ ދުވަސްވަރު ޓޫރިސްޓުން އެ މަންޒަރު ބަލަން ގެންދާ ކަމަށް އަބްދުﷲ ބުންޏެވެ.
"މި ހަފްތާ ހަމަ ރެއަކުވެސް އެ މަންޒަރު އެބަ ފެނޭ. ޓޫރިސްޓުން ވަރަށް ގަޔާވާ މަންޒަރެއް އެއީ ބަލަން. އެ މީހުންނަށް ވަރަށް ޝައުގުވެރި ތަފާތު މަންޒަރަކަށް ވަނީ،" އަބްދުﷲ ބުންޏެވެ.
ރެދަން ލާފައި ހުންނަތަން އާންމުކޮށް ފެންނަނީ، އަބްދުﷲ ބުނި ގޮތުގައި ޓޫރިސްޓުންނަށް ހާއްސަކޮށްފައި އޮންނަ ޕްލޭންކުޓަން ގޮނޑުދޮށުންނެވެ. އެ ތަނުގައި ތިބޭއިރު ކޯމަސް ވެސް ބައެއް ފަހަރު އެ ދިމާލު މޫދުން ފެންނަ ކަމަށް އޭނާ ބުންޏެވެ. އަދި އެ ހިސާބާ ރަށުގެ ފަރާ ކައިރިކަމުން ސްނޯކަލްކޮށްލަން ޓޫރިސްޓުންނަށް ފަސޭހައިން ދެވޭނެ ކަމަށް ވެސް އޭނާ ބުންޏެވެ.
"ޓޫރިސްޓުންނަށް މި މަންޒަރުތައް މި ރަށުން ބަލައިލެވޭތީ ވަރަށް ހިތްހަމަ ޖެހިފައި ތިބެނީ،" އަބްދުﷲ ބުންޏެވެ.
ރެދަން ލުމަކީ ކޮބާ؟
މީގެ ކުރިން ދިވެހިންނަށް ގަބޫލުކުރެވިފައި އޮންނަ ގޮތުގައި ރެދަން ލުމަކީ "ފުރޭތަ" އެރުން ފަދަ ނާމާން ކަމަކާ ގުޅުން އޮންނަ ކަމެކެވެ. އެއީ ނާމާން ކަމުގެ ނިޝާނެއްކަމުން ކުރީ ޒަމާނުގައި ރެދަން ލައިފި ނަމަ، މީހުން އެ ދުވަސްވަރު ގޮނޑުދޮަށަށް ވެސް ނުފައިބަ އެވެ. އެކަމަކު ރެދަން ލުމަކީ އެޒާތުގެ ކަމެއް ނޫންކަން ސައިންސުން ވަނީ ބުނެދީފަ އެވެ.
ސައިންސްވެރިން ބުނާ ގޮތުގައި އިރުއޮއްސުމާއެކު ރާޅުފަށުގައި ވިދަވިދާ ހުންނަ ނޫކުލައިގެ އަލިކަމަކީ، ލޮލަށް ނުފެންނަ ވަރުގެ ކުދި ކުދި ސޫފިތަކެއް ކަމަށްވާ ބަޔޮލުމިނެސެންސް ފައިޓޮޕްލެންކްޓަންސް އެވެ. މި ސޫފިތައް އެހެން އެއްޗެއްގައި ޖެހުމާ އެކު ދިއްލުމަށް ފަހު، ސިކުންތެއްހާއިރު ތެރޭ ނިވޭނެ އެވެ. ރާޅު ބީއްސާލާފައި ދަމާލާ ވަގުތު އެ އަލިކަން ގަދަވަނީ އެހެންވެ އެވެ. މީގެ އިތުރަށް މޫދުގައި އަތުން ޖެހުން ވެސް ގަދަޔަށް ދިއްލޭ ގޮތްވެ އެވެ.
ސައިންސްވެރިންގެ އެހެން ސިނާރިއޯއެއްވެސް އެބަ އޮތެވެ. އެއީ މޫދުގައި ހުންނަ ހަމަ ލޮލަށް ނުފެންނަ ވަރުގެ އޯގަނިޒަމްއެއް ކަމަށްވާ އޮސްޓްރަކޯޑްސްގެ ސަބަބުން ވެސް މި ރީތި މަންޒަރު ފެނިދާނެ އެވެ. މިއީ އެއްޗެއްގައި ޖެހުމަށް ފަހު އެއް ސިކުންތާއި އެއް މިނެޓާ ދެމެދުގެ ވަގުތަކަށް ދިއްލޭ އެއްޗެކެވެ. އެހެންވެ މީގެ އެތައް ހާސް އެއްޗެއް ގޮނޑުދޮށަށް މަރުވެ ލެއްގުމުން މި ރީތި މަންޒަރު އުފެދޭ ކަމަށް ސައިންސްވެރިން ބުނެ އެވެ. ތަންކޮޅެއް އަލިގަދަކޮށް ދިއްލިފައި ހުންނަ ނަމަ އެއީ މި ސިނާރިއޯ އެވެ.
މި ސިނާރިއޯ ކުރިމަތިވަނީ ވަކި މޫސުންތަކެއްގަ އެވެ.
ޓްރޮޕިކަލް އަދި ހޫނު ގައުމުތައް ކަމަށްވާ، ޕޯޓެރިކޯ، ޖެމެއިކާ އަދި ބެލްޖިއަމުގެ ބައެއް ހިސާބުތަކުގެ މޫދުން ވެސް މި މަންޒަރުފެންނަކަމަށްވެ އެވެ.
މިދުވަސްކޮޅުގައި ފޮއްދޫ ނޫނަސް، ބައެއް އެހެން ރަށްރަށުގެ ގޮނޑުދޮށުން ވެސް މި މަންޒަރު އެބަފެނެ އެވެ. މި އަތޮޅު ފޮއްދޫވެސް ވެފައި މި ވަނީ މި ޗާލު ރީތި މަންޒަރު ފެންނަ ރަށްތަކުގެ ލިސްޓަށް މިހާރު އިތުރުވެފަ އެވެ.