މި އަތޮޅު މަނަދޫއިން އުފަންވި ހިޔަލަ ގުރޫޕުން މިފަހަރު ދިން އީދު ހަދިޔާ، 'އީދު ބޯމަތިވަނީ' ލަވައަށް ބޮޑު ތަރުހީބެއް ލިބިއްޖެ އެވެ. އެލަވަ ނެރުނުތާ 48 ގަޑިއިރުގެ ތެރޭ ޔޫޓިއުބުގައި އެ ލަވަ ބެލި މީހުންގެ އަދަދު ވަނީ 50،000 ވިއުސްއިން މައްޗަށް ގޮސްފަ އެވެ.
މަރިޔަމް އަޝްފާ ކިޔައިދީފައިވާ މި ލަވައިގެ މިއުޒިކް އުފައްދާފައިވަނީ އެރާ ރެކޯޑްސްއިންނެވެ. ލަވައިގެ ޅެން ހަދާފައިވަނީ އަބްދުﷲ ޝާހިދު (ޓެޑީ) އެވެ. ރ. އަލިފުށީގައި މަންޒަރުތައް ނަގާފައިވާ މި ލަވަ ކުޅެފައި ވަނީ ފިލްމީ ތަރި މަރިޔަމް ޝިފާ އާއި އިޝްފާން އެވެ.
އެލަވައަށް ލިބުނު މަގުބޫލު ކަމާ އެކު ހިޔަލަ ގްރޫޕުން މިއަދު ބުނެފައި ވަނީ މިއީ އެ ގުރޫޕަށް ލިބުނު ވަރަށް ބޮޑު ކާމިޔާބެއް ކަމަށެވެ. އަދި އާންމުންގެ ތަރުހީބުން އެނގިގެން ދަނީ އެލަވައަކީ އެ ގުރޫޕަށް ކުރެވުނު މޮޅު މަސައްކަތެއްގެ ގޮތުގައި ކަމަށް ވެސް ބުންޏެވެ.
"އާންމުންގެ ފަރާތުން ލިބުނު ތަރުހީބާއި ލޯބަށް މި ގުރޫޕުން ޝުކުރުވެރިވަން. އަޅުގަނޑުމެންގެ މި މަސައްކަތުގައި ހުރިހާ ބޭފުޅުން ވެސް އަޅުގަނޑުމެންނާ އެކު ތިއްބަވާނޭ ކަމަށް އުންމީދު ކުރަން. އަދިވެސް އިތުރު އުފެއްދުންތައް ކުރިއަށް އެބަ އޮތް،" ހިޔަލަ ގްރޫޕުން ބުންޏެވެ.
'އީދު ބޯމަތިވަނީ' ލަވައިގައި ދައްކައިދެނީ ޒުވާން މަންމައެއްގެ އީދު ލޯބީގެ ވާހަކަ އެކެވެ. ލޯބިވާ ފިރިމީހާއަށް އީދަށް ރަށަށް ނާދެވުމުން އުފެދޭ މާޔޫސްކަމާއި، އެކަނިވެރިކަމުގެ އިހުސާސްތައް ލަވައިން ދައްކުވައިދެ އެވެ. ނަމަވެސް ލަވަ ނިމިގެންދަނީ އުފާވެރި ނިމުމަކުންނެވެ. އިޝްފާން، ޝިފާ ކައިރިއަށް ރަށަށް އައިސް އޭނާގެ ހިތް އުފާ ކޮށްދެ އެވެ.