ފާއިތުވި އެކި އަހަރުތަކުގައި ވެސް އެކި މުނާސަބަތުތައް ކަމަށްވާ، އަންހެނުންގެ ދުވަހާއި އީދަށް ހާއްސަ ލަވަތައް ނެރެމުންދާ މި އަތޮޅު މަނަދޫއިން އުފަންވި ހިޔަލަ ގުރޫޕުން މިފަހަރު ވެސް އީދަށް މި ވަނީ ތަފާތު ލަވައެއް ނެރެފަ އެވެ. މިދިޔަ އަހަރު އީދަށް ނެރުނު "ބޯކިބަންބާ" ލަވަ ވެސް ވަނީ އާންމުންގެ މެދުގައި މަގުބޫލު  ލަވައަކަށްވެ، ސްކޫލްތަކުގެ ކޮންސެޓްތަކުގައި ވެސް ބޭނުންކޮށްފަ އެވެ.

މިފަހަރު އީދު ހަދިޔާއަކަށް ހިޔަލަ ގުރޫޕުން އާންމުންނަށް މި ދޫކޮށްލީ "އީދު ބޯމަތި ވަނީ" ލަވަ އެވެ.

މަރިޔަމް އަޝްފާ ކިޔައިދީފައިވާ މި ލަވައިގެ މިއުޒިކް އުފައްދާފައިވަނީ އެރާ ރެކޯޑްސްއިންނެވެ. ލަވައިގެ ޅެން ހަދާފައިވަނީ އަބްދުﷲ ޝާހިދު (ޓެޑީ) އެވެ. ރ. އަލިފުށީގައި މަންޒަރުތައް ނަގާފައިވާ މި ލަވައިގައި އެކްޓްކޮށްފައިވަނީ ފިލްމީ ތަރި މަރިޔަމް ޝިފާ އާއި އިޝްފާން އެވެ.

މި ލަވައިން ދައްކައިދެނީ ޒުވާން މަންމައެއްގެ އީދު ލަވް ސްޓޯރީއެކެވެ. ލޯބިވާ ފިރިމީހާއަށް އީދަށް ރަށަށް ނާދެވުމުން އުފެދޭ މާޔޫސްކަމާއި، އެކަނިވެރިކަމުގެ އިހުސާސްތައް ލަވައިން ދައްކުވައިދެ އެވެ. ނަމަވެސް ލަވަ ނިމިގެންދަނީ އުފާވެރި ނިމުމަކުންނެވެ. އިޝްފާން ޝިފާ ކައިރިއަށް ރަށަށް އަންނަނީ އެވެ. 

މިއަހަރުގެ އުފެއްދުމާ މެދު ވެސް އެ ގުރޫޕުން ތިބީ ހިތްހަމަ ޖެހިފަ އެވެ. އާންމުންނަށް ކަމުދާނޭ ކަމުގެ ބޮޑު އުންމީދުގަ އެވެ. 

"މިފަހަރު ވާދަވެރިކަން ވެސް ބޮޑު. އެހެން ގުރޫޕްތަކުން ވެސް އެނަންނަނީ އީދަށް ލަވަ ނެރެމުން. ހެލްތީ ލެވަލް އަކަށް ކޮމްޕެޓިޝަން އޮތުން މިއީ ހަމަ ރަނގަޅު ކަމެއް،" ހިޔަލަ ގުރޫޕުން ބުންޏެވެ.