ފަތުރުވެރިކަމުގައި އެންމެ ބޮޑަށް މިއަތޮޅުގައި ކުރިއަރާފައިވާ، ފޮއްދޫގެ ފަތުރުވެރިކަން އިޝްތިހާރު ކުރަން 'ވިޒިޓް ފޮއްދޫ މޯލްޑިވްސް' ކަނޑައަޅައި އެ ނަމަށް ލޯގޯއެއް ފަރުމާކުރަން ފައިސާގެ އިނާމެއް ލިބޭ މުބާރާތަކަށް ރަށު ކައުންސިލުން ހުޅުވާލައިފި އެވެ. 

ފޮއްދޫ ކައުންސިލުން ބުނި ގޮތުގައި ކައުންސިލްގެ ރަސްމީ ލިޔެކިޔުންތަކާއި ރަށް އިޝްތިހާރުކުރުމުގެ ކަންކަމުގައި ބޭނުންކުރުމަށް، "ވިޒިޓް ފޮއްދޫ މޯލްޑިވްސް" (visit FODHDHOO MALDIVES) މި ނަން ވަނީ ކައުންސިލުން ފާސްކޮށްފަ އެވެ.

ފޮއްދޫގެ ރީތިކަން (ފޮޓޯ ސާއްބަ ސަމަ ސުއިޓް)

އެ ނަމަށް ލޯގޯ ފަރުމާކުރާއިރު 'visit' މި ބަސް އޮންނަންވާނީ 'FODHDHOO' ގެ މަތީގައި، ސިމްޕަލް އަކުރުތަކުން ލިޔެފައި ކަމަށް ކައުންސިލުން ބުންޏެވެ. އަދި 'FODHDHOO MALDIVES' އޮންނަން ވާނީ ކެޕިޓަލްކޮށް ކަމަށް ވެސް ބުންޏެވެ. އަދި ހުށަހަޅާ ލޯގޯތަކުގައި 'ވިޒިޓް' މި ބަސް އޮންނަން ވާނީ ފޮއްދޫ މޯލްޑިވްސްއަށް އަށްވުރެ ކުޑަކޮށް ކަމަށް ކައުންސިލުން ބުންޏެވެ. 

މި މުބާރާތުގައި އެންމެ މޮޅު ލޯގޯ ފަރުމާކުރާ ފަރާތަކަށް 5000ރ. ފައިސާގެ އިނާމެއް ދިނުމަށް ނިންމާފައިވާ ކަމަށް ކައުންސިލުން ބުންޏެވެ. މުބާރާތުގައި ބައިވެރިވެ، ލޯގޯ ހުށަހެޅުމުގެ އެންމެ ފަހު ސުންގަޑިއަކީ:

  • މި ޖޫން 18 ވާ ބުދަ ދުވަހުގެ މެންދުރު 1:30
ފޮއްދޫގެ ރީތިކަން (ފޮޓޯ ސާއްބަ ސަމަ ސުއިޓް)

ފޮއްދުއަކީ ގުދުރަތީ ރީތިކަމެއް ލިބިފައިވާ ފަތުރުވެރިކަމުގެ ދާއިރާގައި މި އަތޮޅުގައި އެންމެ ކުރިއަރާފައިވާ ރަށެވެ. ކައުންސިލުން ބުނީ އެ ރަށުގެ ފަތުރުވެރިކަމަށް ހާއްސަ ޝިއާރަކާއި ލޯގޯއެއް ފަރުމާ ކުރުމުގެ ބޭނުމަކީ ރަށް އިތުރަށް އިޝްތިހާރުކޮށް، ފަތުރުވެރިންގެ މެދުގައި އެ ރަށް މަގުބޫލުކޮށް ރަށަށް އިތުރު ފަތުރުވެރިން ގެނައުމަށް މަގުފަހިކުރުން ކަމަށެވެ. 

ފޮއްދޫގެ ރީތިކަން (ފޮޓޯ ސާއްބަ ސަމަ ސުއިޓް)

ވެލިދޫ މެންބަރު މުހައްމަދު އައްބާސްގެ ސާއްބަ ކުންފުނިން އެ ރަށުގައި މިހާރު ވެސް ބޮޑު ގެސްޓްހައުސްއެއް ހިންގަ އެވެ. އެ ގެސްޓްހައުސްއަކީ ޓޫރިސްޓުންގެ މެދުގައި މަގުބޫލް ގެސްޓްހައުސްއެކެވެ. އަދި ޓޫރިޒަމް އެވޯޑް ވެސް ގެސްޓްހައުސްއަށް މީގެ ކުރިން ލިބިފައިވެ އެވެ.