މި އަތޮޅުގައި އީދު ފޯރި މިއަހަރު ވަރަށް ގަދަ އެވެ. ސަގާފީ ކުޅިވަރުތައް ކަމަށްވާ ކޯޑި ކެނޑުމާއި މަސް ކުޅުމުގެ އިތުރަށް ހަވާ އެރުވުމާއި ވާދެމުން އަދި ބައިބަލާ ފަދަ ކުޅިވަރުތައް ވެސް އެބަ އޮތެވެ. އަދި ރާއްޖޭގެ މަގު ބޫލް ބޭންޑުތައް ހުށަހެޅުންތައް ހުށަހަޅައިދޭ އީދު ޝޯތައް ވެސް އެބަ އޮތެވެ.
މިފަހަރު މި އަތޮޅުގައި އެންމެ އީދު ފޯރި ގަދަރަށްތަކުގެ ތެރޭގައި ވެލިދޫ، ޅޮހި، ހޮޅުދޫ އަދި ކެނދިކުޅުދޫ ފަދަ ރަށްތައް ހިމެނެ އެވެ. ޖުމްލަކޮށް މިއަތޮޅު ހުރިހާ ރަށެއްގައި އީދުގެ މަޖަލާއި ފޯރި ގަދަ އެވެ.
އެހެން ވީމާ، އީދު މަޖަލާއި ފޯރި ނަގާލަން މި އަތޮޅަށް ކޮންމެހެން ވެސް ޖައްސާލާ ކަހަލައެއް ނޫން ހެއްޔެވެ؟
އީދު ހަވާ ބަލައިލަން މި ރަށްތަކަށް
ސިފައިންގެ ވެލްފެއާ ކުންފުނި، ސިފްކޯއާ ގުޅިގެން މި އަތޮޅުގެ ހަ ރަށެއްގައި އީދު ހަވާ އަރުވަ އެވެ. އެގޮތުން އީދަށް މަރުހަބާ ކިޔަން މިރޭ އީދު ހަވާ އެރުވި ރަށްތަކަކީ:
· މިލަދޫ ބަނދަރު ސަރަހައްދުގައި 10 މިނެޓަށް އީދު ހަވާއެރުވި
· ޅޮހީ ފުޓްބޯޅަ ދަނޑު ސަރަހައްދުގައި އީދަށް މަރުހަބާ ކިޔަން ހަވާއެރުވި
· މަނަދޫ ބަނދަރު ސަރަހައްދުގައި ހަވާއެރުވި
· ހޮޅުދޫ ނެޓްބޯޅަ ކޯޓްގައި ހަވާއެރުވި
· ފޮއްދޫ ޖެޓީ ސަރަހައްދުގައި ހަވާއެރުވި
ވެލިދޫގައި ހަވާ އަރުވަން ހަމަޖެހިފައި ވަނީ މާދަމާ ރޭ އެވެ. އެގޮތުން އެ ރަށުގައި ހަވާ އެރުވުން އޮތީ ރޭގަނޑު 9:15ގައި ބަނދަރު ސަރަހައްދުގަ އެވެ.
އީދު ނަމާދުގެ ބޮޑު ޖަމާއަތާއި ރަށު ސައި
މި އަތޮޅުގެ ހުރިހާ ރަށެއްގައި ކަހަލަ ގޮތަކަށް ބޮޑު ޖަމާއަތުގައި އީދު ނަމާދުކުރަން ވަނީ ރާވައިފަ އެވެ. އެގޮތުން ގިނަ ރަށްރަށުގައި އީދުގެ ބޮޑު ޖަމާއަތް ބާއްވަނީ ފުޓްބޯޅަ ދަނޑުގަ އެވެ.
އެހެން ނަމަވެސް ކޮންމެވެސް ވަރަކަށް ވިއްސާރަ ދުވަސްވަރަކާ މިފަހަރުގެ އީދު ދިމާވުމުން، ނަމާދު ވަގުތަށް ވިއްސާރަ ވެއްޖެ ނަމަ ބޮޑު ޖަމާއަތް ކެންސަލްކޮށް ކޮންމެ ރަށެއްގެ ވެސް ހުކުރު މިސްކިތުގައި އީދު ނަމާދުކުރަން ވެސް ކައުންސިލްތަކުން ނިންމާފައިވެ އެވެ.
ކޮންމެ ރަށެއްގައި ވެސް އީދުގެ ބޮޑު ޖަމާއަތް ނިންމާލުމަށް ފަހު ރަށު އެންމެން އެކުވެ އީދު ސައި ބުޔުން ހުރިހާ ރަށެއްގައި ކަހަލަ ގޮތަކަށް އެބަ އޮތެވެ. މިއީ ކުޅި، ފޮނި ބޯކިބަލާ އެކު ބާއްވާ ޖަމާއަތުގެ ސައެކެވެ.
ޓޫ އޮފް އަސްގެ ފުރަތަމަ އީދު ޝޯ ނޫނުގައި
މިފަހުން އިންޑިއާގެ ރިއަލިޓީ ޝޯއެއް ކަމަށްވާ ބެޓުލް އޮފް ބޭންޑްސްއިން މުޅި ރާއްޖެއަށް މަގުބޫލުވެފައިވާ ޓޫ އޮފް އަސް ބޭންޑުގެ ދެ ޝޯއެއް މި އަތޮޅުގައި ބޭއްވުމަށް މިހާރު ވަނީ ތާވަލްކޮށްފަ އެވެ. އެގޮތުން:
· ޓޫ އޮފް އަސް އެންމެ ފުރަތަމަ ޝޯދޭނީ ކެނދިކުޅުދޫގައި މާދަމާ ރޭ؛ މި ޝޯ ދިވެހި ޗެނަލުން ވަގުތުން ބަލައިލެވޭނެ
· 8 ވަނަ ދުވަހުގެ ރޭ ވެލިދޫގައި
"ބޮއްކުރާ ތަކަށް އަރައިގެން ވިޔަސް، ހަމަ އެރުނު އެއްޗަކަށް އަރައިގެން މި ޝޯތައް ބަލައިލަން އަންނަންވީ މި ރަށްތަކަށް. މަޖާކޮށްލާ ނަށާލާ ހަދާލަން އަންނަން ދައުވަތު ދެން،" ޓޫ އޮފް އަސްގެ ލީޑް ވޯކަލިސްޓް އަހުމަދު އަދުހަމް ސޯޝަލް މީޑިއާއަށް ދޫކޮށްލި ވީޑިއޯ މެސެޖެއްގައި ބުންޏެވެ.
ޓޫ އޮފް އަސް މިހާރު ވަނީ ކެނދިކުޅުދޫއަށް އައިސްފަ އެވެ. ރަށެއްގައި މި އީދަށް ތައްޔާރުކުރާ އެންމެ ބޮޑު ސްޓޭޖް އިވެންޓް މޯލްޑިވްސްއިން ތައްޔާރުކޮށްފައި ވަނީ ޓޫ އޮފް އަސްގެ ފުރަތަމަ އީދު ޝޯއަށް ކެނދިކުޅުދޫގަ އެވެ.
ވެލިދޫ އީދު އުފާ: ފޯރި ގަދަ
އެހެން އަހަރުތަކެކޭ ވެސް އެއްގޮތަށް މިފަހަރުގެ ބޮޑު އީދުގައި ވެސް އެންމެ ފޯރިގަދަ އެއް ރަށަކީ ވެލިދު އެވެ. ފޯރިގަދަ ސްޓޭޖް ޝޯތަކުގެ އިތުރުން ސަގާފީ ކުޅިވަރުތަކާއި ވާދެމުން އަދި ކަލަ ރަން ވެސް އެބަ އޮތެވެ. މިއޮތީ ވެލިދޫގެ އީދު އުފާ ޝެޑިއުލް އެވެ؛
ހޮޅުދޫ ތިން މުގޯއްޔާއި މާލީގެ ކުޅިވަރުތައް
ހޮޅުދޫ ކައުންސިލްގެ އީދު ޝެޑިއުލްގައިވާ ގޮތުން މި ރަށުގެ ފޯރި ވެސް ވަކި ކުޑައެއް ނޫނެވެ. ކުޑަކުދިންގެ އީދު ހަވީރާއި މާއްޔާއި ފެން ކުޅި އަދި ކޯޑި ނެގުމާއި ސަގާފީ އެތައް ކަމެއް އަދި ކުޅިވަރުތަކެއް މި ރަށުގެ އީދު ޝެޑިއުލްގައި ހިމެނެ އެވެ. މި ރަށުގެ އީދު ޝެޑިއުލް ބަލައިލާށެވެ؛
މަނަދޫ، ސާދަ ސަޔާޅީސްގައި އައިސްކްރީމް ޓްރަކެއް
މި ރަށުގައި އީދު ފާހަގަކުރަން ކައުންސިލުން ރާވާފައިވާ ހަރަކާތްތަކުގެ ތެރޭގައި އައިސްކްރީމް ޓްރަކާއި ވާދަމުމާއި ފައިގައި ތެޅުން އަދި ބޮޑު މަސް ކުޅުންފަދަ ކުޅިވަރުތައް ހިމެނެ އެވެ. މިއޮތީ މި ރަށުގެ އީދު ޝެޑިއުލް އެވެ؛
ޅޮހީ އީދު ފޯރީގައި މަލިކު ސަގާފީ ހަވީރެއް
މި ރަށުގައި އީދު ފޯރި ގަދަކޮށްލަން ކައުންސިލާއި އާންމުން ގުޅިގެން ވަނީ ހަރަކާތްތަކެއް ރާވައިފަ އެވެ. މަސްރޭހާއި ރައްޔިތުންގެ ބާބަ ކިޔު އަދި މަލިކު ސަގާފީ ހަވީރު އަދި ދުވަސްވީ ބޭފުޅުންގެ ފުޓްބޯޅަ މެޗެއް ވެސް ވަނީ ރާވައިފަ އެވެ. ޅޮހީ އީދު ފޯރީގެ ޝެޑިއުލް ބަލައިލާށެވެ؛
މަގޫދޫގައި އަންތަރީސް ކުރުވާ ރެއެއް
އީދު ފާހަގަކުރަން މި ރަށުގައި ރާވާފައިވާ ހަރަކާތްތައް ވެސް ވަކި ކުޑައެއް ނޫނެވެ. މާލި ނެރުމާއި ކޯޑި ކެނޑުމާއި ކޯޑި ކެއުން އަދި އަންތަރީސް ކުރުވާ ރޭގެ ނަމުގައި ހަރަކާތްތަކެއް މި ރަށުގައި ބާއްވާނެ އެވެ. މި އޮތީ މި ރަށުގެ އީދު ޝެޑިއުލް އެވެ؛
ކެނދިކުޅުދޫ އީދު ރޯޅި: ތަފާތު ފޯރިއެއް
މެންގުރޫވް އައިލެންޑްގެ ނަމުން މަޝްހޫރުވެފައިވާ ގުދުރަތީ ރީތި ކުޅިއެއް ލިބިފައިވާ މި ރަށުގައި އީދު ރޯޅީގެ ނަމުގައި ބާއްވާ ހަރަކާތްތައް ފޯރިގަދަ އެވެ. ފާހަގަކުރެވެނީ ޓޫ އޮފް އަސްގެ ފުރަތަމަ އީދު ޝޯ މިރަށުގައި ބާއްވާ ކަމެވެ. އެހެން ނަމަވެސް ފުޅަދު ބުރާއި އަސްކަރީ ޕެރޭޑުން މި ރަށުގެ އީދު ތަފާތުވާނެ އެވެ. ޝެޑިއުލް މިއޮތީ އެވެ؛
ފޮއްދޫގައި ޓްރެޝާ ހަންޓެއް
ރަށު ފަތުރުވެރިކަމުގައި މަޝްހޫރުވެފައިވާ މި ރަށުގައި އީދުގެ ފޯރި ގަދަކޮށްލަން ހާއްސަ ހަރަކާތްތަކެއް ރާވާފައިވެ އެވެ. އޭގެ ތެރޭން ހާއްސަ ހަރަކާތްތަކަކީ، ޓްރެޝާ ހަންޓަކާއި ކުލަ ރަން އެވެ. މިއޮތީ މި ރަށުގެ ތާވަލް އެވެ؛
މާޅެންދޫގައި އަލިމަސް ނަމުރު އީދު އުފާ
މި ރަށުގައި ވެސް ފިރިހެނުންގެ ސަގާފީ ލަވަޔާއި އެތައް ސަގާފީ ކުޅިވަރަކާ އެކު އީދުގެ އުފާފާޅުކުރަން ގިނަ ހަރަކާތްތަކެއް ރާވާފައިވެ އެވެ. މިއޮތީ އެ ހަރަކާތްތަކުގެ ތާވަލެވެ؛
އޭގެ އިތުރަށް މި ރަށުގެ އީދަށް ހާއްސަކޮށް ހިތްގައިމު ލަވައެއް ވެސް ތައްޔާރުކޮށްލާފައި އެބަ އޮތެވެ.
ލަންދޫ އީދު އުފާ: ބައިބަލާ އާއި އެތައް މަޖަލެއް
އޮންލައިން ނޫސް، ވަގުތުއާ ގުޅިގެން ކުރިއަށް ގެންދާ ލަންދޫ އީދު ކުޅިވަރުތަކުގައި ހުރިހާ ރަހައެއް ވެސް އެބަ ހުއްޓެވެ. ސަގާފީ ކުޅިވަރުތަކުން ފެށިގެން ގޮސް، ބައިބަލާ އަދި ވާދެމުން އަދި ފޯރިގަދަ އީދު ޝޯތައް އެބަ އޮތެވެ. މިއޮތީ ތާވަލް އެވެ؛
ހިތްގައިމު ލަވައެއް ވެސް އީދަށް ހާއްސަކޮށް އެ ރަށުގެ ޒުވާނުން ކޮޅެއް ނެރެފައިވެ އެވެ.
މިލަދޫ ޖާދޫގެ ޝޯއަކާއި ކަރޭކޯ
މި ރަށުގައި އީދު މަޖަލާއި ފޯރި ތަފާތެވެ. ކުޑަކުދިންނަށް އައިސްކްރީމް ސްޓޯލެއް ކައުންސިލުން ވަނީ ތައްޔާރުކޮށްފަ އެވެ. އަދި ކޯޑި ކެނޑުމާއި ބޮޑު ބެރު ޝޯ އާއ ކަރޯކޭ ނައިޓެއް ވެސް ވަނީ ރާވައިފަ އެވެ. މި އޮތީ މ ރަށުގެ އީދު ޝެޑިއުލް އެވެ؛
މި އަތޮޅުގެ ކޮންމެ ރަށެއްގައި މި އޮތީ ތަފާތު އީދު ކުޅިވަރުތަކެކެވެ. މި ލިބޭ އީދުގެ ޗުއްޓީގައި މި އަތޮޅަށް އަޅެ ޖައްސާލާ ކަހަލައެއް ނޫން ހެއްޔެވެ؟