ލާމަރުކަޒީ ގާނޫނުގެ ދަށުން ނ. ކައުންސިލުން އުފައްދާފައިވާ އެ ކައުންސިލްގެ ކުންފުނި، 'ނޫނު އެޓޯލް އެލްއޭސީ ލިމިޓެޑް' އޮޑިޓް ކޮށްދޭނެ ފަރާތެއް ހޯދުމަށް އެ ކުންފުނިން އަނެއްކާ ވެސް އިއުލާން ކޮށްފި އެވެ.
ނ. ކައުންސިލްގެ ކުންފުނި އޮޑިޓްކޮށްދޭނެ ބަޔަކު ހޯދަން އަލުން އިއުލާންކޮށްފައި މި ވަނީ މިދިޔަ މޭ މަހު ކުރި އިއުލާނާ ގުޅިގެން އެކަށީގެންވާ ހުށަހެޅުންތަކެއް ލިބިފައި ނުވާތީ އެވެ.
ނ. ކައުންސިލުން އިއްޔެ އިއުލާންކުރި ގޮތުގައި އޮޑިޓް ފާމެއް ހޯދަނީ 'ނޫނު އެޓޯލް އެލްސީ' ކުންފުނީގެ 2023 އަދި 2024 ވަނަ އަހަރުގެ މާލީ މުއާމަލާތްތައް އޮޑިޓްކޮށް ރިޕޯޓް ތައްޔާރުކުރުމަށެވެ.
އެ މަސައްކަތަށް ކުރިމަތިލުމަށް ޝައުގުވެރިވާ ފަރާތްތަކުން:
- ޖޫން 18ގެ ހަވީރު 4ގެ ކުރިން ރަޖިސްޓްރީކުރަން ޖެހޭ
- ޖޫން 19ގެ މެންދުރު 2ޖަހާއިރު އިންފޮމޭޝަން ސެޝަން ބާއްވާނެ
- ޖޫން 26ގެ ހަވީރު 4ގައި ބިޑް ހުށަހަޅައި އެ ބިޑްތައް ހުޅުވުން އޮންނާނެ
ބިޑް އިވެލުއޭޓް ކުރުމުގައި އަގަށް %80 އަދި ތަޖުރިބާއަށް %20 ދޭން ވަނީ ނިންމައިފަ އެވެ.
ހުށަހަޅާ ޕްރޮޕޯސަލްގައި ކުންފުނީގެ ޕްރޮފައިލް، މަސައްކަތުގެ ތަޖުރިބާ، މަސައްކަތް ކުރިއަށް ގެންދާނެ ގޮތް އަދި ޓީމް އެކުލެވިގެންވާ ގޮތުގެ ތަފްސީލް ހިމަނަން ޖެހޭނެ ކަމަށް އިއުލާނުގައިވެ އެވެ.
ނޫނު އެޓޯލް އެލްސީ ލިމިޓެޑް
ނޫނު އަތޮޅު އެލްއޭސީ ލިމިޓެޑަކީ 2023 ވަނަ އަހަރު ކުންފުންޏާބެހޭ ގާނޫނުގެ ދަށުން ރަޖިސްޓްރީ ކޮށްފައިވާ ކުންފުންޏެކެވެ. އެ ކުންފުނީގެ މައިގަނޑު މަގުސަދުތަކުގެ ތެރޭގައި ފަތުރުވެރިކަން ތަރައްގީކުރުމާއި އިއާދަކުރަނިވި ހަކަތަ، ދަނޑުވެރިކަން، ކުނި މެނޭޖްކުރުން އަދި ރީސައިކަލް ކުރުމާއި، ޔުޓިލިޓީ ހިދުމަތްތައް ފޯރުކޮށްދިނުން ހިމެނެ އެވެ.